ދިވެހިންނަށް ޗައިނާއިން އޮން އެރައިވަލް ވިސާ ދެނީ

IMG-20220108-WA0013-850x548.jpg

ޗައިނާ އަށް ދަތުރު ކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް ޗައިނާ ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، މިއަދު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ޗައިނާއަށް ދިއުމަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން  ވިދާޅުވި ގޮތުގައި، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ޗައިނާގެ ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ދަށުން އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން ޗައިނާއިން މިވަގުތު ދަތުރުފަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއި އެކު، އޮން-އެރައިވަލް ވިސާ ދޫކުރަން ފަށާނީ، މިފިޔަވަޅުތަކަށް ލުއިދޭ ހިސާބުންނެވެ.

ޗައިނާގެ ފޮރިން މިިނިސްޓަރާއެކު މިއަދު ބޭއްވި ރަސްމީބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއި ކޮށްފައެވެ.

އެ އެއްބަސްވުން ތަކުގައި ހިމެނިގެން، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާ ހިލޭ އެހީ ދޭން ނިންމީ ރާއްޖޭގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.

އަދި ހިލޭ އެހީގެ އިތުރުން ރާއްޖޭގެ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރަން 199 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ޗައިނާގެ އެހީގައި ހިންގުމާއި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް ޗައިނާ ސަރުކާރުން އަނެއްކާވެސް ބަލަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top