ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުން އަންނަތާ ހަފްތާ ތަކެއް ވެއްޖެކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ މުހައްމަދު އަލީ ވިދާޅުވަނީ މި ބަލި ގޭގެއަށް ވަންނަމުންދާ ކަމަށާއި، ވަންނަ ގެއެއްގެ ހުރިހާ އެންމެންނަށް މި ބަލި މިހާރު ފެތުރެމުންދާ ކަމަށެވެ. އެހެންކަމަުން ހޮޑުލުމުގެ މައްސަލައަށް ހައްލު ހޯދުމުމަށް ޑރ. ވިދާޅުވަނީ ސިއްހީ އިތުރު މައްސަލައެއް ނެތް މީހުން، ޑޮމްޕެރިޑޯން 10މގ ކޮންމެ ދުވަހަކު ތިންއިރު ބޭނުން ކުރުމަށެވެ.
ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބުނެފައެވެ.
އެ އިދާރާ އިން މީގެ ހަތަރު ދުވަސް ކުރިންކުރި ޓްވީޓެއްގައި ވަނީ އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެ އެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންވެސް އިތުރު ވަމުން އަންނަ ކަން އެ ހޮސްޕިޓަލުންވެސް ބުންޏެވެ. މިރޯގާ ޖެހިގެން ގިނައިން ދައްކަނީ ކުޑަކުދީންނާއި ޒުވާނުން ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ. އެއާއެކު ބުނެފައިވަނީ ބަލީގެ ނިޝާން ފެނުމާއެކު އަވަހަށް ފަރުވާ ދެވިއްޖެނަމަ އަވަހަށް ފަސޭހަވާ ކަމަށެވެ.
ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ. ރޯގާ ކޮންޓްރޯލް ނުވެ މަހެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 30،000 އިން ވެސް މައްޗަށް އަރައިގެންދިޔަ އެވެ.