ޑރ. ޣަފޫރުގެ ކޮލަމް: ކުރުވާހަކަ. މިވެސް ހަމަ ވެދާނެ ގޮތެކެވެ.

269745269_10160043071785452_8331599905228586202_n.jpg
ޒުވާން ދެމަފިރިއަކު، ވަރަށް އުފާވެރިކަމާއެކު، މަގުމަތިން ހިނގާފައި ދެއެވެ. ދެމީހުންގެ ކިބައިން ވެސް ފެންނަނީ ޝަބާބުގެ އާރޯކަމާއި ބާރެވެ. ރީތިކަމާއި ނަލަކަމެވެ. އެ ދެމަފިރިންގެ ކުރިމަތިން، ވަރަށް ދުވަސްވީ މުސްކުޅި ބޭބެއަކުވެސް، ތުރުތުރު އަޅާ ހާލު ފިނިހަކު ދުވެލީގެ ހިނގުމެއްގައި ކުރިއަށް ދެވޭތޯ މަސައްކަތްކުރާތަން، އެ ދެމަފިރިންނަށް ފެނެއެވެ.
އެ ދެމަފިރިން، ހިނގާފައި އައިސް މުސްކުޅި ބޭބެއާ އަރާ ހަމަވިތަނާ ހެން، ކައިރީގައި އޮތް ޗަކަ ފެން ގަނޑަކަށް އެ ބޭބެއަށް އެރުނެވެ. އަދި އެ ހަޑި ފެންގަނޑުން ފެން ބުރައިގެން ގޮސް، ޒުވާން އަންހެން މީހާ ލައިގެން ހުރި ރީތި ހުދު ހެދުމުގައި ޖެހި ހެދުން ހަޑިވިއެވެ. އެ ވަގުތު އަންހެން މީހާ މުސްކުޅި ބޭބެއާ ދިމާއަށް ހަޅޭލަވައިގަތެވެ. މަގުމައްޗަށް ބަލައިގެން ހިނގުމަށެވެ. ދެން، އޭނާގެ ނޯޖަވާން ފިރިމީހާ އައިސް، ބޭބެގައިގައި ތަޅައިގަނެ، އޭނާ ކޮއްޕާލިއެވެ. އަދި، ބޭބެ އެއްކަލަ ޗަކަ ފެންގަނޑުތެރަށް ވެއްޓުނެވެ. އެ ވަގުތު ބޭބެ ތުންތަޅުވައި އެއްޗެހި ތަކެއް ކިޔެއެވެ.
ދެމަފިރިން، ގޮސް އެތާ ކައިރީ ހުރި ގެއަކަށް ވަނެވެ. އަދި، އެކުގައި ސިޑިއަކުން މައްޗަށް އެރަމުން ދިޔައެވެ. ސިޑީގެ އެންމެ މަތީ ހަރުފަތާ ހަމައަށް ދެވުނު ތަނާ، ފިރިމީހާގެ ފައި ކައްސާލައިގެން، ތިރިއަށް ވެއްޓި، އޭނާގެ ކަނދުރާ ބިނދި، ވަގުތުން އޭނާ މަރުވިއެވެ. ދެން، ބޭއިޚްތިޔާރުގައި ޒުވާން އަނބިމީހާއަށް ހަޅޭލަވައި ގަނެވުނެވެ. ‘ލޯބިވާއެވެ! ލޯބިވާއެވެ! ތިޔަވީ ކިހިނެއް ހެއްޔެވެ؟’ ނަމަވެސް، އޭރު މާ ލަސްވެއްޖެއެވެ. ފިރިމީހާ މި ދުނިޔެ ދޫކޮށްފައި ހިނގައްޖެއެވެ!
އަންހެން މީހާގެ ދެރަވުން ދެން ބަދަލުވީ ރުޅިއާއި ނަފްރަތަށެވެ! މަގުމައްޗަށް ނިކުމެ އެއްކަލަ މުސްކުޅި ބޭބެ ކައިރިއަށް ގޮސް އަނެއްކާވެސް ހަޅޭލަވައިގަތެވެ. “ކަލެއަކީ ނުލަފާ ސިހުރުވެރިއެކެވެ! ކަލޭ އަހަރެންގެ ފިރިމީހާއަށް ކިޔަވައި ސިހުރު ހެދީއެވެ! އަދި އެކަމުގެ ސަބަބުން އޭނާ ވެއްޓި މަރުވީއެވެ!”
އަންހެން މީހާ އޭނާގެ ފިރިމީހާގެ މައްސަލަ ޝަރީއަތަށް ހުށަހެޅިއެވެ. އަދި، ސިހުރު ހަދައި، މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ބޭބެގެ މައްޗަށް އުފުލިއެވެ. ދެން، ދެ ޚަސްމުން – އަންހެން މީހާއާއި މުސްކުޅި ބޭބޭ – ޝަރީއަތުގެ މަޖުލިހަށް ހާޒިރު ކުރެވުނެވެ. އަދި، ބޭބޭގެ މައްޗަށް، ސިހުރު ހަދައި މީހަކު މަރާލި ކުށުގެ ދައުވާ އުފުލި، އެކަމުގެ ޝަރީއަތް ކުރެވުނެވެ.
ޝަރީއަތުގެ ގާޒީ ބޭބެއާ ސުއާލުކުރެއްވިއެވެ. ސިހުރު ހަދައި އަންހެން މީހާގެ ފިރިމީހާ މަރާލިންތޯ އައްސަވައެވެ. ދެން، ބޭބެ އެ ދައުވާއަށް އިންކާރު ކުރެއްވުމުން، މަގުމަތިން އެ ދެމެފިރިން ދާތަން ފެނުމުން ބޭބެގެ ތުންތަޅުވައި ކީ ކޮން އެއްޗެއްތޯ ވެސް ގާޒީ ބޭބެކުރެން އެއްސެވިއެވެ. އެ ސުއާލގެ ޖަވާބުގެ ކަން ހިނގި ގޮތުގެ ތަފްސީލު، އެއްވެސް އުނިއިތުރކުރުމަކާއި ނުލައި، ސީދާ ކަން ހިނގި ގޮތަށް ބޭބެ ކިޔައި ދިނެވެ.
އެ ދެމަފިރިން، ބޭބެއާ އަރާ ހަމަވިތަނާ ބޭބެއަށް ކިލާ ފެންގަނޑަށް އެރި، ފެންގަނޑުން ދެތިން ތިއްކެއް އަންހެން މީހާގެ ހެދުމަށް ބުރިކަމާއި އެކަމާ ނުރުހި ބޭބެއާ ދިމާއަށް އަންހެން މީހާ އެއްޗެހި ކީކަމާއި އަދި، ފިރިހެން މީހާގެ ފިރިހެންކަން އޭނާގެ އަންހެނުންނަށް ދައްކާލުމުގެ ގޮތުން ބޭބެ ކޮއްޕާލަައި ވައްޓާލިކަމެވެ. އަދި ހަމަ އެވަގުތު، އެ ފިރިހެން މީހާގެ ގަދަ ބާރު، ނިކަމެތި ޟައީފު މުސްކުޅިއަކަށް ދައްކާލިފަދައިން، އެ ބާރު އޭނާއަށް ދެއްވި ގަދަ ފަދަ ކީރިތި ވަންތަ މާތްﷲގެ ބާރުވެސް އޭނާއަށް ދައްކާލަދެއްވުމަށް އެދި ދުއާކުރި ވާހަކައެވެ.
ކަން ހިނގާ ގޮތް ސާފުވެ ދިޔުމުން، މަރުގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމަވައި ބޭބޭގެ އެއްވެސް ކުށެއް ނެތް ކަމާއި ބޭބެއަކި މުޅިން ބަރީއަ މީހެއް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ. ދެން، އަންހެން މީހާއާ މުޚާތަބުކޮށް ގާޒީ ވިދާޅުވިއެވެ. “ކަންކަން ދައުރުވަމުން ދޔުމަކީ ދުނިޔޭގެ އާދައެވެ! ދުނިޔާގައި ކަން ހިނގާ އެއަށް ބަދަލެއް ނާންނަ ގާނޫނެވެ. ޒުވާންކަމާއި ގަދަފަދަކަން އެއްބަޔަކަށް އެއް ދުވަހު ލިބިފައި އޮތްނައިރު، އަނެއް ދުވަހު ، މުސްކުޅިކަމާއި ނިކަމެތި ކަމަށް، އެކަން ބަދަލުވެގެން ދެއެވެ. ވެރިކަމާއި ބާރު އެއް ބައެއްގެ އަތުގައި އެއްދުވަހު އޮންނައިރު، އަނެއް ދުވަހު، އެމީހުންގެ އަތް މަތިން އެކަން ބީވެ، އެހެން ބައެއްގެ އަތް މައްޗަށް ވެރިކަމާއި ބާރު ފުރޮޅިގެން ދެއެވެ.
އެހެންވެ، ޒުވާން ކަމާއި ގަދަފަދަކަން، ވެރިކަމާއި ބާރު، ތިމާމެންނަށް ލިބިފައި އޮންނަ އިރު، ދުނިޔޭގެ މ ބުނި ވަރުގަދަ ބަދަލެއް ނުވާ ގާނޫނުގެ މަތިން ހަނދާންކުރަން ޖެހެއެވެ. ދުނިޔޭގައި އެއްވެސް ކަމަކީ އެކަމަށް ދާއިމީ ސިފަ ލިބިގެންވާ ކަމެއް ނޫން ކަން ހިތުން ކައްސާލަދިޔަ ދީގެން ނުވާނެއެވެ. އަދި، ތިމާގެ އަތުގައި ގަދަފަދަކަމާއި ބާރު އޮވެ، އެހެން މީހުންނާ ދޭތެރޭ، އަދި ވަކިން ޚާއްސަ ގޮތެއްގައި އާރެއް ބާރެއް ނިކަމެތިންނާ ދޭތެރޭ، އަނިޔާވެރިކޮށް ކަންތައް ކުރާ ނަމަ، އެމީހުންގެ ބަދު ދުއާގެ އަސަރު އެފަދަ އަނިޔާވެރިންނަށް ކުރުމީ ދާދި ގާތުގައިވާ ކަމެކެވެ.
ކަނބުލޭގެ ފިރިމީހާއާ ދިމާވީ ވަރަށް ވެސް ހިތާމަވެރި ހާދިސާއެކެވެ. އެކަން ބަދަލުކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް، އެކަމުން މި އިބުރަތް ލިބި ގަނެވިދާނެއެވެ. ވަގުތީ ބާރުވެރިކަމެއް ލިބުމުން، އެއީ ވަގުތީ ކަމެއް ކަން ހަނދާންނެތި، ބޮޑާވެގަނެ، އަނިޔާވެރި އަމަލުތައް ކުރުމުން، ހިތާމަވެރި ގޮތްތައް ވެސް މެދުވެރިވެދާނޭ ކަމެވެ. ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވާ މި ބަސްފުޅު، إن ربك لبالمرصاد، ހަމަކަށަވަރުން، ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ (މީސްތަކުން ކުރާކަންތައް) ބެއލެ ވުމުގައި ވޮޑިގެން ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top