އަތޮޅު ގެތައް ސަރުކާރަށް!؟

1568747239large.jpg

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ރާއްޖެއަށް ލޯކަލް ކައުންސިލް ތައާރަފް ކުރުމުގެ ކުރިންވެސް ކޮންމެ އަތޮޅެއްގެ އަތޮޅު ވެރިކަން ކުރާ ރަށުގައި ހުންނަ އަތޮޅު ގެތަކުގެ މިލްކުވެރިކަން ދޫކޮށްލަން ސަރުކާރުން ބޭނުން ނުވާކަން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު މަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލުތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އަތޮޅު ގެތައް ސީދާ ސަރުކާރު ދަށަށް ގެނައީ 2016 ވަނަ އަހަރުއެވެ.

ނަމަވެސް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގާއިމްކޮށްފައިވާ އަތޮޅު ގެތަކުގެ މިލްކުވެރިކަން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ދަށަށް އަލުން ގެންނަން، އަލަށް އިންތިހާބުވި ކައުންސިލުތަކުން ދަނީ ސަރުކާރާއެކު މަޝްވަރާކުރަމުންނެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި އަތޮޅު ކައުންސިލްތައް ތަމްސީލުކުރައްވާ މެންބަރު އަދި ކ. އަތޮޅުގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވި ގޮތުގައި މިހާރު ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އަތޮޅު ގެތަކީ އެ އަތޮޅެއްގެ ރައްޔިތުންގެ ރަމްޒެއް ކަމަށް ކައުންސިލުތަކުން ގަބޫލުކުރާ ކަމަށެވެ.

އެކަމާ ގުޅިގެން މީގެ ދެ ދުވަސް ކުރިން ހޯމް މިނިސްޓްރީއާ އެކު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި އެ މަޝްވަރާތައް ކުރެވުނު ކަމަށް ނިމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަސް އަހަރަކުން ސަރުކާރުތައް ބަދަލުވާއިރު، އަތޮޅުތަކުގެ ރައްޔިތުން ބޭނުންވަނީ އެ މީހުން ތަމްސީލުކުރަން ހޮވާފައިތިބޭ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި އަތޮޅު ގެތައް ބޭއްވުމަށެވެ.

“އެ ބޭފުޅުން ވިދާޅުވަނީ އަތޮޅު ގެއަކީ އެ އަތޮޅުގެ ރައްޔިތުންގެ ރަމްޒެކޭ. ރައްޔިތުންގެ ފަހުރެކޭ،” ނިމާލް ވިދާޅުވި އެވެ.

ކައުންސިލުތަކުން އެގޮތަށް އެދެމުންދާތީ، ހޯމް މިނިސްޓްރީން އިސްވެ އެކަމުގެ ލަފާއަކަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅިކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެކަމާމެދު މަޝްވަރާކުރުމަށްފަހު ކެބިނެޓުން ނިންމާފައިވަނީ މިހާރު އޮތް ގޮތަށް ސަރުކާރުގެ މިލްކުވެރިކަމުގެ ދަށުގައި އަތޮޅު ގެތައް ބޭއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވަނީ ކެބިނެޓުން އެގޮތަށް ނިންމިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ މައުލޫމާތު ބައްލަވައި ދެއްވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު މި ސަރުކާރުން ވަނީ މައި ސަރުކާރުގެ ދަށުގައި އޮތް ބޮޑެތި ބާރުތަކެއް ކައުންސިލުތަކުގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި، ރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް ކައުންސިލުތަކަށް ލިބޭނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top