މާލެއިން ފުރާއިރު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ

IMG_20210218_164004037.jpg

އޭދަފުށި ބަނދަރު މަތި

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެ، ފަސް އިންސައްތައަށް ވުރެ ޕޮޒިޓިވް ވާ ރޭޓް މައްޗަށް ދިއުމާ ގުޅިގެންް މާލެއިން ރަށްރަށަށް ދާ މީހުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އެޗްޕީއޭ އިން  ކަނޑައަޅައިފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭ އިން ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކުގައި ކަމަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށާއި އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެފަދަ ފަރާތްތައް ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނައްސި ވުމުންނެވެ. މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެއެވެ.

މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ‘ކޮވިޑްސޭފް’ ޕޯޓަލްއިން ނައްސި ނަތީޖާ ދައްކާފައި ދަތުރުކުރުމަށާއި ކަރަންޓީ ނުވުމަށް ދަތުރުކުރާ ފަރާތްތަކުން ‘ހާލުބެލުން ޕޯޓަލް’ އިން ހުއްދަ ހޯދައިގެން ދަތުރު ކުރެވޭނެ ކަމަށެވެ.

ރާއްޖޭން އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއަންޓް ފެނުނީ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އެ ވޭރިއަންޓް މިހާތަނަށް ފެނިފައި ވަނީ ރާއްޖެ އައި ފަސް ފަތުރުވެރިއެއްގެ ގައިންނެވެ. މި ވޭރިއަންޓް ފެތުރުނު ފަހުން، ދުވަހުން ދުވަހަކަށް ކޮވިޑްގެ ވޭދަނަތައް ދިޔައީ އިތުރުވަމުންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ވެސް 337 މީހަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ތެރެއިން 101 މީހުން ފައްސިވެފައި ވަނީ މާލެއިންނެވެ. މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުން ކޮވިޑަށް ފައްސިވީ 129 މީހުންނެވެ. ރިސޯޓުތަކުން 99 މީހަކު އަދި ސަފާރީތަކުން ދެ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާ އެކު، ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 97،668 އަށް އަރައިފައެވެ. އަދި ބަލި ޖެހިގެން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 94،091 އަށް އަރައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top