ބ.ތުޅާދުއަށް އުފަން, ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ޕީއެޗްޑީ ނަންގަވައިފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމު ގައި މިވަގުތު ހުންނެވި އަމީން ،ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޔުނިވާސިޓީ އޮފް ވޭލްސް އިންނެވެ.
މި ބޮޑު ކާމިޔާބީގެ ވާހަކަ ފޭސްބުކްގައި ހިއްސާކުރައްވައި އަމީން ވިދާޅުވީ ޕީއެޗްޑީ އުނގެނެން އޮތް ޝައުގުވެރިކަން އިތުރުކޮށްދިން މައިންބަފައިންނަށް ހިތުގެ އެންމެ ފުންމިނުން ދާއިމީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ކާމިޔާބީ ހާސިލުވުމުގައި އެހީތެރިވެ ދިން ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާ ކުރައްވާފައިވެ އެވެ.
އަމީނަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުރުން ވެސް ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޖެންޑަ މިނިސްޓްރީގެ ނައިބުކަމާއި، ތައުލީމީ ފަންޑުގެ ޗެއާމަން ކަމާއި އެމްއެންބީސީގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމާއި، އެމްޓީސީސީ ބޯޑުގެ ޑިރެކްޓަރުކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން، ކުންފުނިތައް އެސްޓެބްލިޝްކޮށް އެތަންތަނަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވެ އެވެ.
އަމީނަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭންގައި މިހާރު އެންމެ އިސްކޮށް އުޅުއްވާ އެކެކެވެ.