ސްކޫލްކުދިންގެ އަޑު

TrtprCzq-article-pic.jpg

ނޯޓް: މިއީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ގައި ކިޔަވަމުންދާ އަޙްމަދު އަޒްމީލް ލިޔެފައިވާ މަޒްމޫނެކެވެ. މާދަމާ މިގައުމު ހިންގުމާާ ހަވާލުވާންތިބި މިފަދަދަރިން ގައުމާމެދު ދެކޭގޮތާ އެކުދިންގެވިސްނުންހުރިގޮތް ވަރަށް ރަގަނޅަށް ދޭހަކޮށްދީފައިވާތީ ކިޔުންތެރިންނަށް ހުށަހަޅާލާހިތްވީއެވެ.


 

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްހުރި ގޮންޖެހުންތައް

އިންޑިއާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ވާދަޖަހަމުންދާ ތަރައްގީގެ ރޭހުގައި ދުވެލި ބާރުކުރަން ޖެހިފައިވާ ގައުމެކެވެ. ގައުމުގެ އުމްރާނީ ތަރައްގީ ކުރިއަރުވައި ،އިގްތިސާދު ހަރުދަނާކޮށް ނަގަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ގައުމެކެވެ. އެހެންނަމަވެސް ގައުމުގެ އިގްތިސާދީ ދުވެލި މިއަދު މަޑުޖެހިފައި މިވަނީ އިގްތިސާދަށް ދިމާވެފައިވާ ގިރާކުރަން އުދަނގޫ ގޮންޖެހުންތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.

އިގްތިސާދީ ގޮތުން ކުރިއަރާފައިވަ ގައުމުތަކަށް ބަލާއިރު ގިނަ ގައުމުތަކަކީ ބިންބޮޑު ބިމުގެގޮތުން މުއްސަނދި ގައުމުތަކެކެވެ. އެހެންނަމަވެސް ރާއްޖެއަށް ބަލާއިރު ރާއްޖޭގެ ބޮޑު ބައެއްގައި އޮންނަނީ ކަނޑެވެ. ހިކިފަސް ބިމުގެ ނިސްބަތް ވަރަށް ކުޑައެވެ. އެހެންކަމުން އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރައިދިއުމަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ އުފެދިފައިވާ ގޮތުން ދިމާވެފައިވާ ބިމުގެ މައްސަލައެވެ. ކުދިކުދި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތުމުގެ ސަބަބުން އިގްތިސާދީ ޚާއްސަ ސަރަހައްދުތަކާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް އެކަށީގެންވާވަރުގެ ބިމެއް ލިބުމަށް މިވަނީ ދަތިވެފައެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އާބާދީކުޑަ ގައުމެކެވެ. ހަތަރުލައްކަ މީހުން ހަމަނުވާ މި ކުޑަކުޑަ މުޖްތަމައު އިގްތިސާދީގޮތުން ކުރިއަރުވާނެ މޭސްތިރިން އުފެއްދުމަށް ދަތިވެފައި މިވަނީ ގައުމުގެ އާބާދީ ކުޑަވުމުގެ ސަބަބުންނެވެ. ހަމައެހެންމެ އާބާދީގައި 500މީހުން ހަމަނުވާ ރަށްރަށްވެސް މިރާއްޖޭގައި އެބަ ހުއްޓެވެ. މިފަދަ ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުންކުރާ ހޭދައަކީ އެއިން އެންމެފުރިހަމަ ފައިދާ ހާސިލްކުރަން އުދަނގޫކަމެކެވެ. ސަބަބަކީ ކޮންމެ ރަށަކަށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ސަބަބުން ދައުލަތުގެ ބައިތުލްމާލަށް ބާރުބޮޑުވެ ދަރަނިވެރިވާތީއެވެ. ގައުމެއްގެ ބަޖެޓް ދަރަނިވެރިވުމަކީ އިގްތިސާދީ ކުރިއެރުމަށް ދިމާވާނެ ވަރަށްބޮޑު ހުރަހެކެވެ.

އަމިއްލަ އުފެއްދުންތެރިކަމުގެ ހަރުދަނާ ސިނާއަތެއް ރާއްޖޭގައި ނެތްކަމީވެސް މިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ކުރިއަރާފައިވާ ބޮޑެތި ގައުމުތަކަށް ބަލާއިރު އެގައުމުތަކުގައި ހަރުދަނާ އުފެއްދުންތެރިކަމުގެ ސިނާއަތެއް އޮވެއެވެ. އަޅުގަނޑުމެންގެ އަމިއްލަ އުފެއްދުންތައް ނެތުމުގެ ސަބަބުން ހުރިހާ ކަމެއްގައިވެސް ބަރޯސާވާން ޖެހިފައިމިވަނީ ބޭރުގެ ފަރާތްތަކުން އެދޭ ގޮތަކަށެވެ. އަޅުގަނޑުމެންގެ އަމިއްލަ ސިނާއަތެއް ނެތުމުގެ ސަބަބުންނާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީވެސް ބިނާވެފައިވަނީ ބޭރުގެ ފަރާތްތަކަށް ކަމަށްވުމުން ،އިގްތިސާދީގޮތުން އަޅުގަނޑުމެން މިތިބީ އަޅުވެތިވެފައޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ޒުވާނުންގެ އުޅުން ގޯސްވެ،މަސައްކަތާ ދުރުވެފައިވާ ވާހަކަ އަކީ މިހާރު މި މުޖްތަމައަށް އާ ވާހަކައަކަށް ނުވާނެއެވެ. ގައުމުގެ އިގްތިސާދު ހަރުދަނާވުމާއި ނުވުން ބިނާވެފައިވަނީ އެތަނެއްގެ ޒުވާނުންގެ މައްޗަށެވެ. ޤައުމެއްގެ ޒުވާނުންގެ ތެރެއިން ގިނަބަޔަކު މަސްތުވެފައިވާ ހާލު މަގުމައްޗަށް ގިނަވެ، ކުށުގެ ވެށިން ޖާގަ ހޯދާފައިވާއިރު އެތަނެއްގެ އިގްތިސާދު ކުރިއަރައިދާނެހެއްޔެވެ. ؟ ދިވެހިންނަށް ދިމާވެފައިވާ މައްސަލައަކީ މިއީއެވެ. ދިވެހި ޒުވާނުން މަސައްކަތަށް އަހުލުވެރިނުވާހާ ހިނދަކު މިޤައުމުގެ އިޤްތިޞާދު ކުރިއެރުމަކީ ނާދިރު ކަމެކެވެ.

އިޤްތިޞާދީ ގޮތުން މާބޮޑު ތަރައްޤީއެއް ޙާޞިލްވެފައިނުވާ މެދުއިރުމަތީގެ ގައުމުތަކަށް ނަޒަރު ހިންގާލާ އިރު ، މިހުރިހާ ޤައުމުތަކަކީވެސް ސިޔާސީ ހަމަނުޖެހުމާއި ކޯޅުންތަކުގެ ހާލިތަކަކަށް ވެފައިވާ ތަންތަނެވެ. މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަންގެއްލި ދާޚިލީ ހަނގުރާމައިގެ މައިދާނަކަށް ވެފައިވާތަންތަނެވެ. ހިތާމައަކީ މިއަދު ދިވެހިޤައުމުންވެސް މިފެންނަނީ މިފަދަ މަންޒަރުތަކެއްކަމުގައިވުމެވެ. އިޤްތިޞާދީގޮތުން ޤައުމު ހިންގަން ތިބި ވެރިން އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމް އަޅުވަމުން ދުވާ ތަނެވެ. މުޒާހަރާތައް ޢާއްމުވެ ހަމަޖެހުން ގެއްލިފައިވާތަނެވެ. މިފަދަ ސިޔާސީ ހަމަނުޖެހުމެއްގެތެރޭގައި ދިވެހި ޤައުމު އޮތުމަކީ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހުރަހެކެވެ.
ދިވެހިރާއްޖޭގައި ތެލާއި މައުދަންފަދަ ޤުދުރަތީ ވަސީލަތްތައް ނެތުމަކީވެސް އިޤްތިޞާދުގެ ދުވެލި މަޑުކުރުވާ ކަމެކެވެ. ސައޫދީއަރަބިއްޔާފަދަ ޤައުމުތަކަކީ ތެލުގެ ވިޔަފާރިން އިޤްތިޞާދު ނަގަހައްޓަމުންދާ ޤައުމެކެވެ. މިފަދަ ޤުދުރަތީ ވަސީލަތްތައް ލިބެންހުރިނަމަ ބޭރުގެ ޤައުމުތަކަށް ބަރޯސާނުވެ އުޅެވުނީހެވެ. ހަރުދަނާ ކަމާއެކު އުފެއްދުންތެރިކަމުގެ ޞިނާޢަތެއް ކުރިއެރުވުނީހެވެ. އެހެންކަމުން ޤުދުރަތީ ވަޞީލަތްތައް މަދުވުމަކީ ވެސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.

އެހެންކަމުން އިސްވެ ދެންނެވުން ކަންތައްތަކަށް ބަލާއިރު ތަފާތު ދާއިރާތަކުން ދިވެހި އިޤްތިޞާދަށް ގޮންޖެހުން ކުރިމަތިވެފައިވާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. މީގެ ތެރޭގައި ޤުދުރަތީގޮތުން ދިމާވެފައިވާ ގޮންޖެހުން ތަކާއެކު ދިވެހިން އަމިއްލައަށް ހޯދައިގަތް ގޮންޖެހުންތައްވެސް ހުރިކަން ޤަބޫލުކުރަންޖެހެއެވެ. ހަމަ އެހެންމެ އަޅުގަނޑުމެން ކޮންމެމީހަކުވެސް މިފަދަ ގޮންޖެހުންތައް ނައްތާލައި އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަމާތޯއެވެ.!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top