ލޯކަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.
މި ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމާއި ކައުންސިލްތަކުގެ ގުޅުން ހަރުދަނާ ކުރުމެވެ.
ޖަމިއްޔާގެ މެންބަރަކަށްވުމުގެ ފުރުސަތު ލޯކަލް ކައުންސިލްތަކަށް ވަނީ ހުޅުވާލާފަ އެވެ. މެންބަރަކަށް ވެވޭނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރު ރަށު ކައުންސިލްތަކަށެވެ.
އެމްއެލްސީއޭގައި ހިމެނޭ ސިޓީ ނުވަތަ އަތޮޅު ކައުންސިލްތަކުން ކޮންމެ މަހަކު 5،000 ރުފިޔާ ދައްކަން ޖެހެ އެވެ.
މީގެ އިތުރުން އާބާދީ 3،000 އަށްވުރެ ބޮޑު ރަށު ކައުންސިލްތަކުން މަހަކު 1،000 ރުފިޔާ އަދި އާބާދީ 3،000 އަށްވުރެ ކުޑަ ރަށްރަށުގެ ކައުންސިލްތަކުން މަހަކު 500 ރުފިޔާ ދައްކަންޖެހެ އެވެ.







