ފުރާވަރުގެ ކުދިން ތަރުބިއްޔަތުކުރުމަކީ އުނދަގޫކަމެއް

78631172.jpg

ޓީންއޭޖް އުމުރުގެ ކުދިން ތަރުބިއްޔަތު ކުރުމަކީ ނުވަތަ އެ ކުދިން ބެލެހެއްޓުމަކީ މި ދުނިޔޭގައި ވެސް ވާ އެންމެ އުނދަގޫ ކަންތައް ކަމަށް ބައެއް މައިންބަފައިން އެއްބަސްވާނެ އެވެ. މައިންބަފައިން ސިފަކުރާ ގޮތުގައި މިއީ ރޮކެޓް ސައިންސަށް ވުރެ ވެސް މާ އުނދަގޫ ކަމެކެވެ.

ޓީންއޭޖް އުމުރުގެ ކުދިން ތަރުބިއްޔަތު ކުރުމަކީ ހިމަހިމަ ވާގަނޑެއްގެ މަތީގައި ހިނގުން ފަދަ ކަމެކެވެ. ހެދޭ ކުޑަކުޑަ ގޯހަކުން ފައި ނައްޓާލައިގެން ވެއްޓުން އޮންނާނީ ވަރަށް ގާތުގަ އެވެ. އަދި މި އުމުރުގެ ކުދިންނާ ދޭތެރޭ އަމަލު ކުރެވޭ އެންމެ ގޮތަކުން މުޅި އުމުރަށް އޭގެ އަސަރުތައް ނުފިލާ ހުންނަން ދިމާވެ އެވެ. އެހެންކަމުން މައިންބަފައިންގެ ހައިސިއްޔަތުން ކުދިން ބޮޑު ކުރުމުގައި އެއްވެސް ކަހަލަ ކުށެއް ނުކޮށް ވޭތޯ މަސައްކަތް ކުރަން ޖެހެ އެވެ.

ހުރިހާ ޓީންއޭޖް ކުދިންގެ ވެސް މައްސަލަތައް ހުންނާނެ އެވެ. ތިމާގެ ދަރިފުޅަކީ މި އުމުރުގެ ކުއްޖަކަށް ވެފައި އޭނާގެ އެއްވެސް ކަހަލަ މައްސަލައެއް ނެތްނަމަ ތިއީ ވަރަށް ނަސީބު ގަދަ މީހެކެވެ. ޓީންއޭޖް ކުދިންނަކީ ވިސްނުމުގެ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ތިބޭ ބައެކެވެ. އެވަގުތު ހިތަށް އަރާނީ އެންމެ ރަނގަޅު ގޮތް ކަމަށް މީގެން ގިނަ ކުދިން ދެކޭނެ އެވެ. ސިކުނޑިން ކަންކަން ވިސްނާކަށް ބޭނުމެއް ނުވާނެ އެވެ. މި އުމުރުގެ ކުދިންނަކީ ބޮޑެތި ކުދިން ނަމަވެސް އެ ކުދިންގެ ސިކުނޑި އަމިއްލަ އަށް ކަންތައްތައް ނިންމޭ ވަރަށް ވުރެ ނުވަތަ ދުނިޔޭގައި ކަންކަން ހިނގާ ގޮތާމެދު ވިސްނާ ފިކުރުކުރާ ވަރަށް ވުރެ މާ ޅަވާނެ އެވެ.

ތިރީގައި މިވަނީ ޓީންއޭޖް ކުދިން ގެންގުޅޭ މީހުންނަށް ހެދޭ ބައެއް ގޯސްތަކާއި އެފަދަ ކަންތައްތައް ހައްލުކުރުމަށް ކަންތައް ކުރެވިދާނެ ބައެއް ގޮތެވެ.

އެއްޗެހި ގޮވުމާއި ޝަކުވާ ކުރުން

ދަރިފުޅުގެ މި އުމުރަކީ އެއްޗެތި ގޮވުމާއި ޝަކުވާ ކުރުމާއި އަމުރުކުރުން ފަދަ ކަންތައްތައް ތަހައްމަލު ކުރަން އުނދަގޫ އުމުރެކެވެ. އެ ކުދިންގެ ހޯމޯންސްތަކުގެ ދުވެލި ބާރުކަމުން އެހެން މީހުންގެ “ލެކްޗަރު”ތައް އަޑުއެހުމުގެ ކެތްތެރިކަން ގިނަ ކުދިންގެ ނުހުންނާނެ އެވެ. ގޭގައި އަބަދު ކުދިންނަށް އެއްޗެތިގޮވާ ލެކްޗަރު ދޭނަމަ މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫން ވެސް ކުއްޖާ ބަލަހައްޓަން ހަވާލުވެފައިވާ މީހަކު ދައްކާ ވާހަކަ އެކުއްޖާ އަޑު ނާހާތަން އަތުވެދާނެ އެވެ. ނުވަތަ އެ މީހުން ދައްކާ ވާހަކަ ސީރިއަސްކޮށް ނުނަގަން ފަށާފާނެ އެވެ.

އަގުވައްޓާލުން

ކުދިންނާ ދިމާއަށް ހަޅޭއްލަވައި އަޑުގަދަކޮށް އަދި އެހެން މީހުން ތިބޭ ތަންތާނގައި ވެސް އެކުދިންގެ އަގު ވެއްޓޭ ގޮތަށް ކަންތައްތައް ކުރުމަކީ ދިމާވެފައިވާ މައްސަލައިގެ ހައްލު ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ތި ވިސްނަނީ މުޅިން ގޯސްކޮށެވެ. ފުރާވަރަށް އަރައިގެން އަންނަ އުމުރުގެ ކުދިންގެ ސިކުނޑި ވަރަށް ނާޒުކު ވާނެ އެވެ. އަދި އެމީހުންގެ އަމިއްލަ ނަފްސަށް ވަރަށް ގަދަރު ކުރާނެ އެވެ. އެކުދިންގެ ހިތްވަރު އެލޭކަހަލަ ކަންތައްތައް ކުރުމަކީ އެކުދިންގެ ބެލެނިވެރިންގެ ހައިސިއްޔަތުން ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ.

ގޯސްކަންތައް ކުރެވޭނެ އެވެ.

އަމިއްލަ ދަރިފުޅަކީ އަދި ބޮޑުވަމުން އަންނަ ކުއްޖަކަށް ވާތީއޭ ކިޔާފައި އޭނާ އަށް އެއްވެސް އެއްޗެއް ނުވިސްނޭނެ ކަމަށް ގަބޫލު ނުކުރާށެވެ. އޭނާ އަށް ވެސް ވިސްނޭނެ ކަންތަކާއި މިކުރަނީ ރަނގަޅަށް ކަމަށް ހީކުރެވޭ ކަހަލަ ކަންތައްތައް ހުންނާނެ އެވެ. ބައެއް ފަހަރަށް އެ ކުދިންނަށް އެ ވިސްނެނީ އެންމެ ރަނގަޅު ގޮތް ކަމަށް ވެފައި ތިމާއަށް ވިސްނެނީ ގޯސްކޮށް ކަމަށް ވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރަށް ކުދިން ކުރާ ކަންތައްތަކަކީ ނުވަތަ ދައްކާ ވާހަކައަކީ މައިންބަފައިންނަށް ގަބޫލުކުރަން ދަތި ކަންތައްތަކަށް ވިޔަސް އެއީ ރަނގަޅު ކަމެއް ކަމަށް ސާބިތުކޮށްދީނަމަ ހެޔޮހިތުން އެކަން ބަލައިގަތުމަކީ މުހިއްމު ކަމެކެވެ. ދަރިފުޅު ދައްކަނީ ރަނގަޅު ވާހަކައެއްކަން އަދި އަހަރެމެންނަށް ވިސްނުނީ ގޯސްކޮށްކަން ސާބިތުކޮށްދެވިއްޖެ ނަމަ އެއީ ރުޅި އައުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ފަޚުރުވެރިވާންވީ ވަގުތެކެވެ.

ކަންތައްތައް ކުރަންވާ ގޮތް ބުނެދިނުން

ދަރިފުޅު ކިޔަވަން ބޭނުންވަނީ ޑޮކްޓަރީކަންތޯ ނުވަތަ ގާނޫނީ ވަކީލުކަންތޯ ކަނޑައަޅާނީ އެ ކުއްޖާ އަމިއްލައަށެވެ. މިފަދަ ކަންތައްތައް ދަރިފުޅު އަމިއްލަ އަށް ޚިޔާރުކުރަން ދޫކޮށްލާށެވެ. މަންމަ ނުވަތަ ބައްޕަ ބޭނުންވާ އެއްޗެއް ކިޔަވަން ދަރިފުޅަށް ބާރު އެޅުމަކީ ބައެއް ފަހަރަށް އެކުއްޖާ ކިޔެވުން މަތިން ފޫހިވާން ވެސް މެދުވެރިވެދާނެ ސަބަބެކެވެ. މިފަދަ ކަމެއްގެ ސަބަބުން ކުއްޖާގެ ހިތަށް އަސަރުކޮށް އަދި އެކަންތައްތައް ފޮރުވައިގެން ހުރެ އިތުރު މައްސަލަތައް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ ބެލެނިވެރިންގެ ހައިސިއްޔަތުން އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ.

ކުދިންނަށް ފާރަލުން

ކުދިން ފޯނުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި އެކަނިވެލުމަށް އެއްވެސް ވަގުތުކޮޅެއް ނުދިނުން ވެސް ރަނގަޅެއް ނޫނެވެ. މި ޒަމާނުގައި ކުދިން އުޅޭ ނޫޅޭގޮތް ބެލެނިވެރިން ވަރަށް ގާތުން ބަލަން ޖެހެ އެވެ. ނަމަވެސް އެ މީހުންގެ ވެސް މިނިވަންކަމަށް އިހްތިރާމްކުރަން ޖެހޭނެ އެވެ. ކުދިން ކުރާ ކަންތައްތަކަށް ފާރަލާކަން އެނގޭ ނަމަ އެ ކުދިން މައިންބަފައިންނާ ދުރުހެލިވެ އެ މީހުންނަށް ފޮރުވައިގެން ކަންކަން ކުރަން ފަށާނެ އެވެ.

މާ ބޮޑަށް ރައްޓެހިކަމަށް ހެދިގެން އުޅުން

ފުރާވަރުގެ ކުދިން އެންމެ ރުޅި އަންނަ އެއް ކަމަކީ އެކުދިންގެ ބެލެނިވެރިން އެކުދިންނާ މާބޮޑަށް ގުޅާލައިގެން ރައްޓެހިން ކަމުގައި ހެދެން އުޅުމެވެ. އެ ކުދިންގެ އުމުރުގެ ބައިވަރު ކުދިން އެ ކުދިންގެ ރަހުމަތްތެރިންގެ ގޮތުގައި ތިބޭނެ އެވެ. އެހެންކަމުން މައިންބަފައިންނަކީ އެ ކުދިންގެ ނަޒަރުގައި ރައްޓެހިން ކައިރި ދައްކާ ކަހަލަ ވާހަކަތައް ހިއްސާ ކުރެވޭނެ ބައެއް ނޫނެވެ. މިގޮތަށް ދަރިންނާ މާ ބޮޑަށް ރައްޓެހިވާން އުޅޭ ނަމަ މިއީ ވެސް އެ ކުދިންނަށް ފާރަލަކީ ކަމަށް އެ ކުދިން ދެކޭނެ އެވެ.

މިނޫން ވެސް ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ މިފަދަ ހުރިހާ ގޯސްތަކަކުން ވީހާވެސް ދުރުވާން މަސައްކަތް ކުރާށެވެ. ޓީންއޭޖް އުމުރަކީ ކުއްޖެއްގެ ހަޔާތުގައި އަންނަ ވަރަށް އާދަޔާޚިލާފު ތަޖުރިބާތަކެއް އެކުދިން ކުރާ އުމުރެކެވެ. އަދި ސިނގު ރުޅި އައުމާއި ކެތްތެރިކަން ކުޑަވުން ފަދަ ވަރަށް ގިނަ މައްސަލަތައް މި އުމުރުގެ ކުދިން ތަޖުރިބާ ކުރާނެ އެވެ. އެކުދިންނަށް ވަނީ ކީއްކަން ޚުދް އެކުދިންނަށް ވެސް ނުވިސްނޭނެ އެވެ. އެހާ ވެސް އެ ކުދިންގެ ހޯމޯންސްތަކުގެ މަސައްކަތް ހަލުއިވާނެ އެވެ.

މި އުމުރު ފާއިތުވެ ކުދިންގެ އުމުރުން 20 އަހަރު ވުމުން އެ ކުދިންނަށް ކުރިން މައިންބަފައިން ދެއްކި ވާހަކަތައް ވިސްނެން ފަށާނެ އެވެ. އަދި އޭރު މަންމަ ނުވަތަ ބައްޕަ ބުނީ ރަނގަޅު ވާހަކައެއްކަން ގަބޫލު ކުރެވެން ފަށާނެ އެވެ.

މިފަދަ ކުދިން ގެންގުޅޭ މީހުންނަށް އެންމެ މުހިއްމު ކަމަކީ ކެތްތެރިވުމެވެ. ކުދިންގެ މި ނާޒުކު ދުވަސްވަރު ވީހާވެސް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު އެކުދިންނާ މުއާމަލާތް ކުރުމެވެ.

ތިމާގެ ދަރިފުޅަކީ ބަސްއަހާ ރަނގަޅު ކުއްޖެއްގެ ގޮތުގައި ބެހެއްޓޭނީ އެކުދިންގެ މި އުމުރުގައި ތަރުބިއްޔަތު ކުރެވޭ ގޮތަކުންނެވެ.

މައުލޫމާތު: ހަވީރު އޮންލައިން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top