
ހިއްކިސަރަހައްދުގެ ދެކުނުފަރާތަށް ދޯންޏެއް އެހެލައި މަރާމާތާތުކުރުމުގެ މަސައްކަތް ކުރަނީ. ހިއްކި ސަރަހައްދަށް އޮޑިދޯނިފަހަރު އެހެލުމަށް ކައުންސިލުން ވަނީ ހުއްދަދީފައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް
އޭދަފުށިން ހިއްކާފައިވާ ބިމުގެ ސަރަހައްދަށް އޮޑިދޯނިފަހަރު އެހެލުމުގެ ހުއްދަ އޭދަފުށީ ކައުންސިލުން ދޭން ފަށައިފިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ މިކަމަށް ހުއްދަދޭން ފެށީ ބިންހިއްކިފަހުން އޭދަފުށީގެ އޮޑިދޯނިފަހަރު އެހެލުމަށް މިވަގުތު ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާތީ، އޮޑިވެރިންގެ ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އޮޑިދޯނިފަހަރު އެހެލުމަށް މިވަގުތު ހުއްދަދިންނަމަވެސް އެކަމަކީ ދާއިމީކަމަކަށް ނުވާނެކަމަށެވެ. އަދި ދޯނިފަހަރު މަރާމާތަށްފަހު ބާލާއިރު އެސަރަހައްދު ކުރިން އޮތްގޮތަށް ބިންގަނޑު އެއްވަރުކޮށް ސާފުކުރުމަށް އަންގަމުންދާކަމަށެވެ.
“މިވަގުތު މިހުއްދަދެނީ ވަރަށްބޮޑަށް ބަލައިގެން. އެއީ ދޯނިފަހަރު ބާލާއިރު ދޯނި އެހެލި ސަރަހައްދު ކުރިން އޮތްގޮތަށް ބިންގަނޑު ލެވެލްކޮށް، ސަރަހައްދު ސާފުކުރާގޮތަށް. އަނެއްކޮޅުން ކައުންސިލުންވެސް އެކަން ބަލަމުންދާނޭ” އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖަހާނިމޭއިރު އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް ހާއްސަކުރެވޭ ސަރަހައްދެއް ގަވާއިދުން އޮންނާނެކަމަށާ، އެހެންކަމުން މިކަމަށް ކުރިޔަށްއޮތްތާގައި އެކަށީގެންވާ ހައްލެއް ހޯދޭނެކަމަށެވެ.
“އަޅުގަނޑުމެން ވިސްނާފައި އޮންނާނީ ރިވެޓްމަންޓް ޖަހާނިމޭއިރު އޮޑިދޯނިފަހަރު އެހެލެވޭގޮތަށް ވަކިސަރަހައްދެއް ކަނޑައަޅައި ހަމަޖެއްސުން. ހަމަޖެހޭނެ އެކަން.”
ބިންހިއްކުމުގެ ސަބަބުން އޭދަފުށީގެ އޮޑިވެރިން ހިއްކިސަރަހައްދުގެ އިތުރުން އޭދަފުށީ ހުޅަނގު އުތުރު ދިރާގާދިމާ އަތިރިމައްޗަށްވެސް މިވަގުތު ދޯނިފަހަރު އެހެލައެވެ. ބިންހިއްކުމުގެ ކުރިން އާންމުކޮށް ދޯނިފަހަރު އެހެލާ އުޅުނީ ދެކުނުފަރާތަށެވެ.