އަމާޒަކީ އަހަރު ނިމުމުގެ ކުރިން 1 މެގަވޮޓުން ކަރަންޓް ދޭން ފެށުން – އޭދަފުށީ އިންޖީނުގެ

IMG-58de307fc77237961b17af87ae206aa2-V.jpg

އާސަރުކާރުން އޭދަފުއްޓަށް ގެނައި 1 މެގަވޮޓް އިންޖީނު އިސްސްޓޯލް ކުރުމަށްޓަކައި އޭދަފުށީ އިންޖީނުގޭގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ / ފޮޓޯ: އޭދަފުށީ އިންޖީނުގެ

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1 މެގަވޮޓުން ކަރަންޓް ދޭން ފެށުން ކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެފިއެވެ.

އޭދަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެއިންޖީނުގެއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން ޑެޕިއުޓީ މެނޭޖަރ މުހައްމަދު އާތިފް އީވިއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭދަފުށިން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ހަމަޔަކަށް އެޅޭނީ 1 މެގަވޮޓް އިންޖީނު ބޭނުންކުރަން ފެށިގެން ކަމަށެވެ. އާތިފް ވިދާޅުވީ އެއިންޖީނު އޮޕަރޭޓް ނުކުރެވި ލަސްވަމުންދަނީ އިމާރާތުގެ ދަތިކަމުގެ ސަބަބުންނާއި، އިންޖީނު އިންސްޓޯލް ކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށެވެ.

“އަސްލުގައި މިދިޔަ ހަފްތާ މިފެށުނު އިންޖީނު ރޫމް ބޮޑު ކުރުމުގެ މަސައްކަތަކީވެސް 1 މެގަވޮޓް އަދި އެއަށްވުރެ ބޮޑެތި އިންޖީނު ބެހެއްޓުމަށް ޖާގަހެދުން. އެކަމަކު އެމަސައްކަތް ނުނިމުނަސް މިހާރުގެ އިންޖީނު ރޫމަށް ބޮޑު ބަދަލެއް ގެނެސް ،މިދަނީ 1 މެގަވޮޓް އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން” އާތިފް ވިދާޅުވިއެވެ.

ޑެޕިއުޓީ މެނޭޖަރ މުހައްމަދު އާތިފް. އަހަރު ނިމުމުގެ ކުރިން 1 މެގަވޮޓް ބޭނުންކުރަން ފެށުމަކީ އަމާޒެއްކަމަށް ވިދާޅުވި / ފޮޓޯ: އޭދަފުށި ވޮއިސް

އޭނާ ވިދާޅުވީ އޭދަފުށީ އިންޖީނުގެއިން މިވަގުތު ކަރަންޓް ދިނުމަށް ބޭނުންކުރާ 800ކވ، 600ކވ އަދި 300ކވ އިންޖީނު ތަކުން އޭދަފުއްޓަށް ކަރަންޓް ދެވެނީ ކިރިޔާ ކަމަށާ، ކަރަންޓް ބޭނުންކުރާ މިންވަރު ހުއްޓުމެއްނެތި އިތުރުވަމުންދާކަމަށެވެ. އެހެންކަމުން 1 މެގަވޮޓް ބެހެއްޓުނަސް ހިދުމަތް ފުޅާކުރުން ނުހުއްޓޭނެކަމަށް އޭނާ ވިދާޅުވިއެވެ.

“މިމަސް ނިމުމުގެ ކުރިންވެސް 1 މެގަވޮޓް އޮފަރޭޝަނަށް ގެނެވިދާނެ. އެހެންނަމަވެސް އެހިސާބުން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ހުއްޓުނީއެއްނޫން. އާ ޕެނަލް ބޯޑެއްވެސް ވަރަށް އަވަހަށް ގެނެވޭނެކަމަށް އުއްމީދުކުރަނީ. ދެން އާއިމާރާތް ނިމުމުން ފެނަކަ ކޯޕަރޭޝަނުން އިތުރު އިންޖީނު ގެނައުމަށް މަސައްކަތް ކުރާނެ” އޭދަފުށީ އިންޖީނުގެ އުފެދުނީއްސުރެ އެއިންޖީނުގޭގައި މެދުނުކެނޑި ހިދްމަތްކުރަމުން އަންނަ އާތިފް ވިދާޅުވިއެވެ.

އޭދަފުއްޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ސައިޒު ކުދިވުމުގެ ސަބަބުން 1 މެގަވޮޓްގެ އިންޖީނެއް ފެނަކައިން އެރަށަށް ގެނައީ މިއަހަރުގެ މެދުތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top