އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް ފިނިހަކަ ދުވެލީގައި ؟

މަގު-2.jpg

އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ މި މަޝްރޫއުގައި ހިމެނޭ 17 މަގުގައި ކުރިން ހަދާ ނިންމާފައިވާ ކާނުތައް ސާފު ކުރުމާ މަގު މެދުގައި ހޮޅި ވަޅުލުމުގެ މަސައްކަތެވެ.

މި މަސައްކަތުގައި ކުރިން ބޭނުން ކޮށްއުޅުނީ ލޯޑަރާއި އެކްސްކަވޭޓަރު ފަދަ މެޝިނެވެ. އެކަމަކު މިހާރު މަގުކޮންނަނީ އުދެލިންނެވެ. އެހެންކަމުން މަސައކަތް ހިނގަނީ ފިނިހަކަ ދުވެލިގައި ކަމަށް ބުނެ މިމަސައްކަތަށް ގިނަބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އުދެލި ބޭނުން ކޮށްގެން ވަތަބަޑޭރި މަގު ކޮންނަމުން ގެންދާތާ މިއަދަށް ތިން ދުވަސްވެފައިވާއިރު މި މަގުން އަދި ކޮނެވިފައިވަނީ ފައްސަތޭކަވަރަކަށް ފޫޓެވެ.

8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލު ކުރީ މިއަހަރުގެ އެޕްރީލް 1ވަނަ ދުވަހު އެވެ. މަސައްކަތާ ހަވާލުވުމަށް ފަހު އެޕްރީލް 4ގައި މަޖިލިސް އިންތިހާބާ ދިމާކޮށް މިމަސައްކަތް އަމަލީ ގޮތުން ފެށުމުގެ ގޮތުން އޭދަފުށީ ސަލްސާ ރިޓްރީޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ސީއީއޯ ހަސަން ޝާހު،  ވިދާޅުވީ ޕްލޭނިން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތަށް މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމުއްދަތު މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފެށި މިމަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރިއިރު އޭދަފުށީގައި ހެދުމަށް ނިންމި 17މަގުގެ ތެރެއިން އެންމެ މަގެއް ފިޔަވައި އެހެން ހުރިހާ މަގެއްގައިވެސް ވަނީ ޕޭމެންޓް ހެދުމަށްފަހު ފެންހިންދުމުގެ ނިޒާމުވެސް ނިންމައި ތާރުއެޅުމަށް ތައްޔާރުވެފައެވެ.

 

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 19،184،857 ރުފިޔާއަށެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއަކީ ހިނގަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކޮށް މިއަހަރުގެ ބަޖެޓްގައި ވެސް އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ހިމަނާފައިވެއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު