އަހަރެމެންގެ ކަރަންޓު ހާލަތު ރަނގަޅުކޮށްދޭނީ ކޮން ސަރުކާރަކުން؟

“ކަރަންޓެއްނެތް .އަންނާނެ އިރެއްވެސް ނޭގެ. އިންޖީނުގެއިން ފޯނެއް ނުނަގާ.” މިއީ ޚާއްސަކޮށް މިދުވަސް ވަރު ރަށުތެރޭގައި އެންމެ އާއްމުކޮށް އިވޭ ވާހަކައެވެ. މި އަޑު މިދުވަސްވަރު ގަދަވެފައިވަނީ ހޫނު މޫސުން ކަމަށްވެފައި އިންޖީނުތަކަށް ލޯޑުބޮޑުވެ “އޮބި ނޯވެގެން ” އަމިއްލައަށް އިންޖީނު ނިވުމާ ކޮންމެވެސް ކޭބަލެއް ބަޑި ޖަހައިގެން ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ. މައްސަލައަކީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓާ އެއްވަރުގެ ކެޕޭސިޓީއެއް އިންޖީނުތަކުގައި ނުހުރުމެވެ. މިވާހަކަތަކަށް ނިމުން އަނޤނާނީ ކޮން ދުވަހަކުން ބާއެވެ؟

މިދައްކަނީ ހަމައެކަނި އޭދަފުށިގެ ވާހަކައެއް ނޫނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ހާލު ހުރީ މިކަހަލަ ގޮތަކަށް ކަން ޚަބަރު ފަތުރާ ވަސީލަތްތަކުން އެނގެއެވެ.

އަހަރެމެންގެ ކާބަފައިން އުޅެ ބޮޑުވީ ފުޅިބައްތި އަލީގައެވެ. ކަރަންޓާ ނުލައެވެ. ކަރަންޓްގެ އަލިކަން އެންމެ ފުރަތަމަ އޭދަފުށީ ރައްޔިތުން ހޯދާފައިވަނީ 1973ވަނަ އަހަރު ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ބެހެއްޓި 16 ކިލޯވޯޓުގެ ޖެނެރޭޓަރަކުންނެވެ. ބޭނުންކޮށް އުޅުނީ ހަމައެކަނި ދިއްލުމަށެވެ. އެހެންނަމަވެސް ދެމެހެއްޓިވި ގޮތެއްގައި އެކަން ނުކުރެވި ދުވަސް ތަކަކަށް ދެމިގެން ދިޔައެވެ. މި ދުވަސް ތަކުގައި ޚަބަރާ މައުލޫމާތު ހޯދުމާ މުނިފޫހި ފިލުވުމަށް ލަވަޖަހައި އުޅުނީ ރޭޑިއޯ އާއި ރޭޑިއޯކެސެޓަށް ބެޓެރީ ލައްވައިގެންނެވެ. ދޮންނަ މެޝިނާ ބަދިގެތެރޭގައި މިހާރު ބޭނުންކޮށް އުޅޭ އިލެކްޓްރޯނިކް އާލަތްތައް ބޭނުން ކުރާ ޒަމާނެއް ނޫނެވެ.  ހަނދުވަރު ނުދޭ ރޭރޭ ކަނު އަދިރީގައި ހިނގަން ބިރު ގަންނާތީ ގެންގުޅުނީ ފިތާ ބައްތިއެވެ. ބައެއްޒުވާނުން ގެ ހުރި މޮޅުކަމާ ފޯރުންތެރިކަން ދައްކާލުމަށް އޭރު ގެންގުޅޭނީ ފަސްބުރި ބެޓެރީ ލައްވައިގެން ދިއްލައި އުޅުނު ފަސްބުރި ޓޯޗެވެ. އެކަމަކު އޭރުވެސް މާލޭގައި ކަރަންޓު ހުރެއެވެ. ކަރަންޓުގެ އަލިކަން މާލޭގައި އޮތް އިރު އަތޮޅުތެރެ އޮތީ ކަނު އަނދިރީގައެވެ.

މާލެއާ އަތޮޅުތެރޭގެ އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި އަހަރެމެން ކުޑައިރު ކިޔައިއުޅެނީ މާލޭގެ އިލެކްޓްރިކް އަލީގެ ވާހަކައެވެ.

އެއަށްފަހު އަނެއްކާވެސް ކަރަންޓުގެ އަލިކަން ލިބެން ފެށީ 80ގެ އަހަރުތަކުގައެވެ. ވަކިވަކި މީހުންނާއި ޖަމާައަތްތައް ގުޅިގެން ކުދިކުދި ޖެނެރޭތަކެއް ބަހައްޓައިގެން ރަށުގެ ބޮޑު އާބާދީއެއް އައީ ދިރިއުޅުމުގެ މުހިއްމު ބޭނުންތަކަށް ކިރިޔާ ފުދޭވަރަށް ކަރަންޓުގެ ބޭނުންކުރަމުން އައެވެ. ރޭގަނޑު އެކަނި ނުވަތަ ރޭގަނޑުން ބައެއްގައެވެ. މަދު ދުވަހަކު ދުވާލުގެ ވަގުތު ކޮޅަކަށް ކަރަންޓު ނުލިބޭ ވާހަކައެއް ނޫނެވެ.

އެއީ މާޒީއެވެ. އެކަމަކު ދުރު މާޒީއެއް ނޫނެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރު ނިމުނު އިރުވެސް ކަރަންޓްގެ އަލިކަމާނުލާ ދިރިއުޅުނު ކިތަންމެ ރަށެކެވެ. ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށްވިޔަސް ސަރުކާރުގެ އެވަރު ފޯރުން ތެރިކަމެއް ނެތީމާ ކަމަށް ރައްޔިތުން ތިބީ ގަބޫލު ކޮށްގެންނެވެ. ރައްޔިތުންނަށް ނަގައިދީ ހިތުދަސްކޮށްދީފައި އޮތް ފިލާވަޅަކީ އަހަރެމެންނަކީ ފަގީރު، އެއްވެސް ރިސޯސް އެއްނެތް ބައެއްކަމުގައެވެ. ބިދޭސީ ބާރުތަކުން އެހީނުވެއްޖެނަމަ ދިވެހިންގެ ދުވަސް ދިޔައީ އެވެ. އެހެންވީމާ އެވާހަކަ ދެއްކުމެއް ނެތެއް ނޫންތޯއެވެ.

އޭދަފުށީގައި 1996ވަނަ އަހަރު ޖަޕާން ސަރުކާރުން އިންޖީނުގެ އެއް އަޅައިދިނީ މި އުސޫލުންނެވެ. ދިވެހި ސަރުކާރުގައި އެވަރުގެ ފޯރުންތެރިކަމެއް ނެތީމާތާއޭ ނުބުނެ ދެން ބުނާނީ ކީކޭތޯއެވެ. އެކަމަކު ޖަޕާން ސަރުކާރުން އޭދަފުށީގައި އިންޖީނުގެއެއް އަޅައިދޭން ނިންމި އިރު އޭދަފުށި ރައްޔިތުން އެމީހުންގެ އަމިއްލަ ޚަރަދުގައި ރަށަށް ބޭނުންވާނެ ސައިޒުގެ ޖެނެރޭޓަރަކާއި ކޭބަލްވެސް ހޯދައި މަސައްކަތް ފެށުމަށް އޮތީ ތައްޔާރުވެފައެވެ. އަދި އެއަށްވުރެވެސް މާކުރިން އޭދަފުށީ ރައްޔިތުން ވަނީ ސަރުކާރުގެ އެހީތެރިކަމާނުލައި އަމިއްލަ އަށް ކަރަންޓް ޔަގީންކޮށްފައެވެ. އޭރުވެސް އަތޮޅުގެ އެހެންރަށްރަށް ކަނު އަނދިރީގައެވެ. މުޅި ރާއްޖެއަށް ބެލިކަމުގައިވިޔަސް މީހުން ދިރިއުޅޭ 200އާ ކައިރިކުރާ އަދަދަކަށް މީހުން ދިރިއުޅޭ މި ރާއްޖޭގައި ކަރަންޓާއެކު ދިރިއުޅުނީ އިނގިލިކުރިން ގުނާލެވޭހައި މަދު ރަށެއްގައެވެ.

ދިވެހި ސަރުކާރު މެދުވެރިވެގެން ޖަޕާން ސަރުކާރުން އޭދަފުށީގައި އިންޖީނުގެއެއް އަޅައިދީފައިވަނީ 1996ވަނަ އަހަރު 75 ކިލޯވޯޓްގެ ތިން ޖެނެރޭޓަރާއެކު އެވެ. އެއީ އޭރަށް ފުދޭވަރު ކަމަށް ބަލާފައެވެ. ނަމަވެސް 2002ވަނަ އަހަރު އިންޖީނުގޭގައި ރޯވެ މުޅި ތަން އަނދައިގެން ދިޔައީއެވެ. އޭދަފުށީ ރައްޔިތުން ތިން ރޭ ތިން ދުވާލު ކަނު އަނދިރިގައި ކަރަންޓާ ނުލާ އުޅުމަށްފަހު މައުމޫން ސަރުކާރުން ދިން ތިން ސަތޭކަ ކިލޯވޯޓްގެ ޖެނެރޭޓަރަކާ 200 ކިލޯވޯޓުގެ މޯބައިލް ޖެނެރޭޓަރަކާއެކު އޭދަފުށީގެ ކަރަންޓު ހާލަތު ހަމައަކަށް އެޅުނެވެ.

ދެން އައީ ޑިމޮކްރަސީގެ ތާކިހާ އަޅުއްވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު އެވެ. އޭދަފުއްޓަށް ކޮށްދެއްވި ކަމަކީ މައުމޫން ސަރުކާރުން ދެއްވި 200 ކިލޯވޯޓުގެ މޯބައިލް ޖެނެރޭޓަރ އަނބުރާ ގެންދެވުމެވެ. އެހެންވުމާއެކު 2012ވަނަ އަހަރު އޭދަފުށީ ރައްޔިތުންނަށް ފުދޭވަރަށް މެދު ނުކެނޑި ކަރަންޓު ދެވުނީ އޭދަފުށީ ޗާންދަނީގޭ އަހުމަދު ނަޒީރު ހަދިޔާ ކުރެއްވި 400ކިލޯވޯޓުގެ ޖެނެރޭޓަރެއް ލިބުނު ކަމުންނެވެ. އެޖެނެރޭޓަރ މިދިޔަ އަހަރުވަނީ ރިޔާސީ އިންތިޚާބު ކައިރިވެފައިވަނިކޮށް ދަރަވަންދޫއަށް ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އޭދަފުއްޓަށް ވަޑައިގެންފައިވަނީ އެންމެ ފަހަރަކުއެވެ. އެވެސް މަދު ވަގުތު ކޮޅަކަށެވެ.

އޭގެ ފަހުން 24ގަޑިއިރުގެ ކަރަންޓު ޔަގީންކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން 600 ކިލޯވޯޓުގެ ދެ ޖެނެރޭޓަރަކާ 800 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެނެސްދެއްވިއެވެ. 800 ކިލޯވޯޓުގެ ޖެނެރޭޓަރެއް ދެއްވާފައި ވަނީ 1މެގަވޯޓުގެ ޖެނެރޭޓަރެއް ދޭން ނިންމާފައި އޮއްވައެވެ. ރަށުގެ އާބާދީއާ ރައްޔިތުން ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލާއިރު އެއަށްވުރަ ކުޑަވެއްޖެނަމަ އަނެއްކާވެސް ކަރަންޓުގެ މައްސަލަ މެދުވެރިވާނެ ކަމަށް ތަކުރާރު ކުރަމުން ދަނިކޮށެވެ.

އިންޖީނު ތައް ކުޑަވުމުގެ މައްސަލަ އާއެކު ދިމާވެފައިވާ އަނެއް މައްސަލައަކީ އަޅާފައިވާ ކަރަންޓް ކޭބަލްގެ މައްސަލައެވެ. މިހާރު އަޅާފައިވާ ކަރަންޓު ކޭބަލަކީ ޖަޕާން ސަރުކާރުން އަޅައިދިން އިންޖީނުގެއާއެކު ބެހެއްޓި 75 ކިލޯވޮޓުގެ ތިން ޖެނެރޭޓަރަށް ފުދޭ ވަރުގެ ކޭބަލް ކަމަށްވެފައި މިއީ އޭގެ 22 އަހަރު ފަސް ކަމަށް ވާއިރު އިންޖީނުގެ ކެޕޭސިޓީ ވަރަށް ބޮޑުވެއްޖެއެވެ. އެހެންވީމާ ކޭބަލަށް ނުކުޅަދާނަ ވުމުގެ މައްސަލައަކީ މިހާރުން މިހާރަށްވެސް ހައްލު ކުރަންޖެހޭ މައްސަލައެކެވެ. ރަށުގެ އެކި ދިމަދިމާއަށް ކަރަންޓް ވޯޓޭޖް ބޭނުންވާ ވަރަށް ނުލިބުމުގެ މައްސަލަ މެދުވެރިވެ ގެންގުޅޭ އިލެކްޓްރޯނިކް ތަކެތި ހަލާކުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ މިއީކަމަށް ކަމުގެ ތަޖްރިބާކާރުން ބުނެއެވެ.

“ޔާމީން ސަރުކާރުން ވަނީ ބައެއް ފީޑަރތަކުގެ ކޭބަލްތައް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ކޭބަލްތަކަށް ބަދަލު ކޮށްފަ. އެކަމަކު މިރަށުގެ ކަރަންޓުގެ މުޅި ހާލަތު ރަނގަޅު ކުރެވޭނީ ޑިސްޓްރިބިއުޝަން ނެޓްވޯކް އެއްކޮށް ރަނގަޅު ކޮށްގެން. “އޭދަފުށީ ފެނަކައިގާ ކުރިން ސީނިއަރ ލެވެލްގައި ގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.

ކޭބަލްގެ މައްސަލައާ ރަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުލިބުމުގެ މައްސަލައަކީ ރައްޔިތުންނަށް އެންމެ ބަލައިގަތުން ދަތި އެންމެ ހިތްދަތިކުރުވާނެ ކަންތަކެވެ. ހޫނު މޫސުމުގެ ގަދަ ހޫނުކަމުގައި ގެދޮރު ދޫކޮށް ގަސް އިންދުމާއި ހެއްދުމުގެ ޚިޔާލު ނުގެންގުޅޭ ، އޭގެ ބަދަލުގައި ތަރައްގީގެ ނަމުގައި ރަށުގައި ހުރި އެތައް އަހަރަކުން ފެށިގެން މަގުތަކުގައި ހައްދާފައިހުރި މަދު ގަސްކޮޅުވެސް ކަނޑާލާފައިވާ ސަހަރާއެއް ކަހަލަ މިރަށުގައި ވައިކޮޅެއް ލިބޭތޯ ވަގުތުތައް އަތިރިމަތީގައި އެލުވާފައިވާ ޖޯލިފައްޗާއި އެފަދަ އެތައް މިތާނގައި ތިބުމަކީ މައްސަލަ އަކަށް ނުވިޔަސް އެއްވެސް އެންގުމެއް ނެތި މި ގޮތަށް އިރުއިރުކޮޅާ ކަރަންޓް ކެނޑުމުގެ ސަބަބުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތައްވެސް ހަލާކު ވަމުންދިއުމަކީ މައްސަލައެކެވެ. އެކަމަކު މި ޝަކުވާ އަހަނީ ކާކު ހެއްޔެވެ. ޝަކުވާ ހިފައިގެންދާނީ ކޮންތާކަށް ހެއްޔެވެ.

މިއީ ހަމައެކަނި އޭދަފުށީގެ ހާލަތެވެ. މިކަހަލަ ކިތަންމެ އޭދަފުއްޓެކެވެ. ސަރުކާރަށް މިއަޑުތައް އިވޭނެއެވެ. ފެނަކަ އާ ގުޅާލުމުން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން ދަނީއޭ ބުނުމުން އެނިމުނީއެވެ. ރައްޔިތު މީހާއަށް އޮތީ ހަނު ހުރުމެވެ.

ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭތޯ މަޖިލީހުގެ ދާއިރާގެ މެމްބަރާ ރަށު ކައުންސިލާ އަތޮޅު ކައުންސިލުން މަސައްކަތް ކުރާ ކަމަށް ވެދާނެއެވެ. އެކަމަކު މިއީ ފެނާ ނަރުދަމާ ފަދައިން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއްކަން އަމަލީ ގޮތުން ސާބިތު ކޮށްދީފައިވަނީ ކޮން ރައީސެއް ހެއްޔެވެ؟

އިންތިޚާބެއް ބޯމަތިވެގެން އަންނައިރު އިންތިޚާބީ ކެންޑިޑޭޓް ބޮޑު ވަފްދަކާއެކު ރަށްރަށަށް ވަޑައިގެން ނިކަން ރީތިކޮށް ހިނިތުންވެ ހުންނަވައި ލޮބުވެތި ރައްޔިތުންގެ ނަމުން މުޚާތަބްކުރައްވައި ވިދާޅުވާ އެންމެ ބޮޑު ވާހަކައަކީ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ވައުދެވެ. ބޭނުމަކީ ވޯޓު ހޯދަން ފަސޭހަ ލުއި މަގަކީ އެރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުން ކަމަށް ވާތީއެވެ. އެމީހުން އެދޭނެ އެންމެ މުހިއްމު އެދުމަކީ އެއީއެވެ. އެކަމަކު އެބޭފުޅުން ގަބޫލުކުރައްވާ އަހަރެމެން ކަހަލަ ފަސްކުޅަނދު މަދު ބީރައްޓެހިންގެ ބޮލަށް ޗިޕްޖަހާފައި މާލެ ވަޑައިގެން ވެރިކަމުގެ ޝާނާއި ޝައުކަތު ލިބިވަޑައިގަތުމުން “ވައުދެއް މިހެން ކުރާނެއޭ އެހަނދާން ނެތޭނެއެވެ.” މިއީ ކަން ހިނގާ މަގެވެ.

ބަދަލުވެގެން ދިޔައީ ހަމައެކަނި ބަތަލެވެ. ހަމަ އެއް ފިލްމެކެވެ. ފިލްމުގެ ޑައިލޮގާ ވާހަކަވެސް އެއްގޮތެވެ. ކޮންމެ ސަރުކާރެއްގައިވެސް އިސްކަން ދީފައި އޮތީ މާލެއަށެވެ. މާލޭގެ ކަރަންޓް ވިއުގަ ރަނގަޅު ކުރުމެވެ. މާލޭ މީހުންނަަށް ފްލެޓް އެޅުމެވެ. މާލެ ރައްޔިތުންނަށް ބްރިޖްއެޅުމެވެ. މާލޭ މީހުންނަށް ހޮސްޕިޓަލްތަކާއި މުނިފޫހި ފިލުވާ ތަންތަނެވެ. ޒަރޫރީ ބޭނުމަކަށް މާލެއަށް ދާންޖެހުނަސް އެއީ އެމީހާގެ އިސްކޮޅާ ނުބައްދަލުގެ ބޮޑު ޚަރަދެއްވެސް ކުރަން ޖެހޭ ގޮތަށެވެ. މި ހުރިހާ ޒަމާން ވެގެން ދިޔައިރު މާލެއޭ އެއް ފެންވަރަށް ޚިދުމަތްދެވޭ އެހެން ސަހަރެއް ނުއުފެއްދުނީ މާލެއަށް ހުރިހާ ކަމެއް ޖަމާކޮަށް މާލޭގެ އަގު ބޮޑުކުރާކަށް ނޫން ހެއްޔެވެ. މިހެން ދެންނެވިޔަސް ވޯޓުގެ ބޭނުމުގައި ނޫނީ އެހެން މަޖްބޫރުތަކެއްގެ ސަބަބުން ކަމަށްވިޔަސް އަތޮޅުތައް ތަރައްގީ ކުރުމުގައި ސަރުކާރު އޮތީ ނިދާފައެކޭ ނުބުނެވޭނެއެވެ. ކުރިއެރުން އެބަފެނެއެވެ. އެކަމަކު މަޑުދުވެލީގައެވެ. ރަށްރަށުގެ ކަރަންޓުގެ ހާލަތުވެސް އޮތީ މިގޮތަށެވެ. މި ހާލަތު ބަދަލުވެ ރާއްޖެތެރެއާމެދު “ލޮބުވެތި ރައްޔިތުން ” ގެ ގޮތުގައި ފެންނާނީ އަނެއްކާވެސް ވޯޓު މޫސުން އައުމާއެކުގައެވެ. ކުރިއަށް އޮތީ ފަސް އަހަރެވެ. ރައްޔިތު މީހާގެ ޝަކުވާއަކީ “އަހަރެމެން ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކޮށްދޭނީ ކޮން ސަރުކާރަކުން ހެއްޔެވެ؟”މި ޝަކުވާއަށް ނިމުމެއް އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top