ބ.އޭދަފުށީގައި އާސަންދަ ޚިދުމަތްދޭ ކައުންޓަރު އިއްޔެ ހުޅުވައިފި އެވެ.
އޭދަފުއްޓާއެކު ރާއްޖޭގެ އަށް އަތޮޅެއްގައިވެސް ވަނީ މި ކައުންޓަރު ހުޅުވައި ޚިދުމަތަށް ހުޅުވާލާފައެވެ.
އާސަންދަ ކުންފުނިން ބުނީ މި ކައުންޓަރުތައް ހުޅުވީ، އާސަންދައިގެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކަމަށެވެ.
އައު ކައުންޓަރުތަކާއެކު، އެ އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް އާސަންދަ ކުންފުނީގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ޚިދުމަތްތައް ލިބޭނެ މަގު ވަނީ ފަހިވެފައެވެ. “ވިރަ ހެލްޕް ޑެސްކް”ގެ ނަމުގައި އާސަންދައިގެ ޚިދުމަތް ލިބޭ ކައުންޓަރު އަލަށް ގާއިމުކުރި ހޮސްޕިޓަލް ތަކުގެތެރޭގައި:
ރ. އުނގޫފާރު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ޅ. ނައިފަރު، ޅ. އަތޮޅު ހޮސްޕިޓަލް
ބ. އޭދަފުށި، ބ. އަތޮޅު ހޮސްޕިޓަލް
އދ. މަހިބަދޫ، އދ. އަތޮޅު ހޮސްޕިޓަލް
ދ. ކުޑަހުވަދޫ، ދ. އަތޮޅު ހޮސްޕިޓަލް
ލ. ގަން، ގަމު ރީޖަނަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ޏ. ފުވައްމުލައް، ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލް ހިމެނެއެވެ.
މީގެ ކުރިން އާސަންދައިގެ ކައުންޓަރުތަކުން ޚިދުމަތް ދެމުންދަނީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ. މި އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަބަބުން، ބޭސްފަރުވާއަށް އެހީއަށް އެދުމާއި، ކުންފުންޏާ ގުޅުންހުރި އެންމެހައި އިދާރީ ކަންކަން ރަށުން ބޭރަށް ނުގޮސް، ޚާއްޞަކޮށް އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތާއި އެހީތެރިކަން ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އާސަންދަ ސްކީމަކީ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ދައުލަތުގެ ބޭސްފަރުވާގެ ނިޒާމެކެވެ.






