ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މާކުރިން ފެށިގެންވެސް އޮތްކަމަށާއި ނަމަވެސް، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރި ހިސާބުން ފެށިގެން ހައްދުފަހަނަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިއްޔެ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރީގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީއެވެ.
ކޮރަޕްޝަން މުޅިން ނައްތާލުމަކީ ދަތި ކަމެއް ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން އެކަން ކޮންޓްރޯލް ކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ހަމަ އެގޮތަށް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާކަން ފާހަގަކުރައްވައި، މިހާރުގެ މަޖިލީހުގެ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތަކުން ސަރުކާރުގެ ބައެއް ކަންކަން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާކަމުގެ ޝަކުވާތައް އާންމުންގެ ތެރޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރާ ގޮތާމެދު ވެސް އާންމުންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ.






