އެއަނިޔާ އެންމެ ބޮޑަށް ލިބިފައިވާ އެއްރަށަކީ އޭދަފުއްޓެވެ. އޭދަފުށީގައި ހުރި މަދު ގަސްކޮޅު ފަހުގެ ތާރީޚުގައި ކަނޑާ ހުސްކޮށްލީ ތަރައްގީގެ ނަން ބޯޑު ޖަހައިގެން ތިބެއެވެ. އެންމެ ފުރަތަމަ ، ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައިރު 2014 ވަނައަހަރުއެވެ. ރަށުގެ ހުޅަނގު ދެކުނުފަރާތުގައި 30 އަހަރު ނުވަތަ އެއަށް ވުރެ ގިނަ އަހަރުން ބިޔަ ވެފައިހުރި ބޮޑެތި ހިރުނދުގަސްތަކާ ދިއްގާ ގަސްތަކުގެ ތެރއިން ބައެއް ގަސް ހައިމާކް ދަތްގަނޑުން ކަނޑާ ތިރިކޮށް ބިމާ ހަމަކޮށްލަން ނެގީ އެންމެ ގަޑިއެއްހައި އިރެވެ. ގަސްތައް ހުރެގެން ބިން ހިއްކުމަށް ހުރަސް އެޅޭތީއެއް ނޫނެވެ. މުޅި އެސަރަހައްދު އެކީއެކައްޗަކަށް ސާފު ކޮށް ދޮންވެލިން ހުދު ކޮށްލުމުގެ ބޭނުމުގައޭ ނޫނީ ބުނާނީ ކީކޭ ހެއްޔެވެ؟
އެކަން ނުކުރުމަށް އެދި ކޮންމެވެސް ބަޔަކު އޭރު ކައުންސިލްގެ ރައީސަށް ދެންނެވުމުން ވިދާޅުވީ ކީކޭ ކަމަށް ތޯއެވެ؟ އެއީ ކޫޑި އަޅާ ފުރިފައި ހުރި ގަސް ތަކެއް ވީމާ ކަނޑާލަނީ ކަމުގައެވެ. އުޅެއުޅެވެސް ކޫޑި ފިލާ ގޮތެއް ނުވިޔޯލައެވެ. އަޅެ ކޫޑި އެޅީއްޔާ ވާނީ ކީއް ހެއްޔެވެ. އެކަމަކު މީހަކު ބަލިވެއްޖެނަމަ ނުވަތަ ގުނަވަނަކަށް ބައްޔެއް ޖެހިއްޖެ ނަމަ އެ ގުނަވަން ކަނޑާ އެއްލާލަނީކީ ނޫނެވެ. ބޭސް ކޮށްގެން ރަނގަޅު ވޭތޯ ބަލަނީއެވެ.
މިހާރު ހިނގަމުން ދަނީ މަގުތައް ހެދުމުގެ މަޝްރޫއެވެ. ރަށުގެ މަގު ތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަކީ އެންމެންގެވެސް އުފާވެރި އެދުމެކެވެ. ބޭނުންވެފައި އޮތް ބޮޑު ކަމެކެވެ. އެތައް ދުވަހެއްގެ އުއްމީދެއް ހަގީގަތަކަށްވެސް ވަނީއެވެ. އެކަން ހެޔޮހިތުން ބަލައިގަނެ ޝުކުރު އަދާ ކުރަމެވެ. އެކަމަކު މަގު ތަކުގައި ހައްދާފައި ހުރި ބިޔަ ގަސްތައް ކަނޑައިގެން ނޫންގޮތަކަށް ތާރު ނޭޅޭނެކަމަށް އެޕްރޮޖެކްޓާ ހަވާލުވެގެން ތިއްބެވި ބޭފުޅުން ވިދާޅުވާކަމަށް ވާނަމަ އެއީ އަޖައިބެކެވެ. ނޫނީ އަހަރެންގެ ވިސްނުން ކޮށީއެވެ.
މައްސަލަ އަކީ މިކަން ވިސްނާ މީހަކު ނުވަތަ މިކަން މިގޮތަށް ނުކޮށްވެސް މަގުތައް ހެދޭނެކަން އަންގައިދޭން ބުނެދޭން ނުވަތަ ލަފާ ދޭނެ ބަޔަކު ނެތުމެވެ. ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުންގެ ކަންކަމުގައި އިސްކޮށް މަސައްކަތް ކުރަން ތިއްބެވި ރަށު ކައުންސިލުން މިކަމާ މެދު މަޝްވަރާއެއް ކުރެވި ، ނުވަތަ ކޮންމެހެން ކަނޑަންޖެހޭ ގަހެއް ފިޔަވައި ނުކެނޑުން އެދި ޓަކި ޖެހީ ކޮން މުވައްސަސާއެއްގެ ދޮރުގައި ތޯއެވެ.
އެންމެ ކައިރީގައި އޮތް ލަންކާގެ މަގުތަކުގައިވެސް އޮންނަނީ ތާރު އަޅާފައެވެ. އެއަށްވުރެ ދުރަށް ދާނެކަމެއް ނެތެވެ. އެކަމަކު މަގުތައް ހަދާފައި ހުރީ މަގަށްވުރެ ބޮޑަށް ގަސްތަކަށް އިސްކަން ދީގެން ގަސް ހިމާޔަތް ކޮށްގެންނެވެ. ބައެއް މަގުތަކުގެ ހަތަރު އަނގޮޅި ކަންމަތީގައި ބިޔަ ގަސްތައް ހުރިއިރު ތާރު އަޅާފައި ހުރީ އެގަސްތައް ބަހައްޓައިގެންނެވެ. ދުއްވާ އެއްޗިއްސަށް ދަތިވިޔަސް ހިމާޔަތް ކޮށްފައިވަނީ ވެއްޓެވެ. ގައިމު މި ރާއްޖޭގެ ރަށްތަކުގެ މަގު ތަކަށްވުރެ ކާރޫބާރޫ ވެސް މާ ބޮޑުވާނެތާއެވެ!.
އޭދަފުށީގައި ތާރުއަޅަން ހަމަޖެހިފައި އޮތް މަގުތަކުގައި ހުރި ހުރިހާ ގަހެއް ކަނޑާލައިފިއެވެ. އެގަސްތައް ބަހައްޓައިގެން ވެސް ބައެއް މަގުގައި ތާރު އެޅޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށެވެ. މިސާލަކަށް ވަތަބަޑޭރިމަގުގެ ދެކުނު ކޮޅު އަތިރިމަތީގައި ހުރި ހިރުދުގަސް ނުކެނޑިޔަސް ދުއްވާ އެއްޗިއްސަށް އުނދަގުލެއް ނުވާނެއެވެ. އެކަމަކު ހަތަރު އަގޮޅީގެ މެދުގައި ހުރި އެގަސް ވެސް ކަނޑާލީއެވެ. ގަސް ތައް ކަނޑަމުން ދިޔައިރު އެމްއާރްޑީސީގެ ޓީމް ގައި ހިމެނޭ އިސް ބޭފުޅެއްގެ އަރިހުގައި ގަސްތައް ކަނޑައިގެން ނޫން ގޮތަކަށް ތާރު ނޭޅޭނެތޯ ދެންނެވުމުން ވިދާޅުވީ ރީތިކޮށް މިކަން ކުރެވޭނީ ގަސްތައް ކަނޑައިގެން ކަމުގައެވެ. އަދި އެއީ އަންގާފައި އޮތް ގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމަކު އެއީ ރަނގަޅުވާހަކައެއް ނޫންކަން އޭދަފުށީ ރައްޔިތުންގެ ބަޔަކުވަނީ އެމް އާރް ޑީސީ އަށް ދަސްކޮށްދީފައެވެ. އެމްއާރްޑީސީގެ ޓީމު ވަނީ ގަބޫލުވެސް ކޮށްފައެވެ.
އިރު އުތުރުފަރާތުގައި ހުންނަ މަޝްހޫރު” އާފަލު ގަސް ” ކަނޑަން އުޅުމުން އެކަން ހުއްޓުވި މީހުންނަށް ސަލާން ރައްދު ކުރަން ޖެހެނީ މިހެން ވީމައެވެ.
އެގަސް ކަނޑަން އުޅުނީ މަގުގެ އަރިމަތީގައި އެގަސް ހުރުމުން ދުވާރު ނުހެދޭނެކަމަށް ބުނެއެވެ.

މި ގަސް ބަހައްޓައިގެން ދުވާރު ނުހެދޭނެ ކަމަށް ބުނި. ރައްޔިތުންގެބަޔަކު ގަސް ކެނޑުމާ ދެކޮލަށް ނުކުތުމުން މިހާރުވަނީ ގަސް ބަހައްޓައިގެން ދުވވާރު ހަދާފައި – ފޮޓޯ : އީވީ
އެގަހުގެ ހިޔަލާއި ގަހުގައި އެލުވާފައިވާ އުދޯލިތަކަކީ އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުން ހޫނު މޫސުމުގެ ދުވަސްތަކުގެ ގިނަ ވަގުތު ތަކުގައި އަދި ހަވީރު ފިންޏަށް ވެސް ވައި ޖައްސާލާ އެންމެން އެއްތަނަކުން ބައްދަލުވެ މުނިފޫހި ފިލުވާލައި ހިތް އުފާ ކޮށްލަން ގޮސް އުޅޭ “އާފަލުގަސް ” މައިޒާނެވެ. އަސްލު އެއީ އާފަލު ގަހެއް ނޫނެވެ. އެކަމަކު ގިނަ ބަލިތަކުން ދިފާއު ކޮށްދޭ އާފަލުގެ ނަން ބޭނުންކޮށްގެން އެގަހަށް ނަން ދީފައިވަނީ ގައިމު ފައިދާ ތަކެއްވެސް ވާތީތާއެވެ.
އެގަސް ކަނޑަން ފެށުމުން އެކަން ހުއްޓުވި މީހުންނަކީ ހަގީގަތުގައި ރަށާއި ރަށުގެ ނާޒުކު ތިމާވެށީގެ ތިމާވެށީގެ ރައްކާތެރިކަމަށް އެޅި ވަރަށް މުހިއްމު ފިޔަވަޅެކެވެ. . އަސްލު ރަށްދެކެ ލޯބިވުމަކީ އެއީއެވެ. އެކަން ހުއްޓުވުމުން ރަށު ކައުންސިލްގެ ސަމާލުކަމަށްވެސް ގެނައެވެ. ރައްޔިތުންގެ ބަހަކީ މި ގަސް ބަހައްޓައިގެން ޕޭމަންޓް ނުހެދޭނެ ކަމަށްވާނަމަ ކޮންމެހެންވެސް ގަސްކަނޑަން ޖެހޭނެކަމުގައެވެ. ނަމަވެސް ގަސް ބަހައްޓައިގެން ދުވާރު ހެދޭކަމަށް ވާނަމަ ގަސް ކެނޑުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައެވެ. އެންމެ ފަހުން ރައްޔިތުންގެ ވާހަކައާއި އެމްއާރްޑީސީ ޓީމްގެ ޚިޔާލާއި އެއްގޮތްވެ އެގަސް އެތަނުގައި ބަހައްޓައިގެން އެއޮތީ ދުވާރު ހަދާ ނިންމާފައެވެ.
ސަރުކާރުން ރަށްތަކުގައި ހެސް ކިޔާފައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އެބަދެއެވެ. މރައްޔިތުން ތިބީ މި އިހްސާންތެރިކަމަށް ޝުކުރު އަދާކުރުމުގައެވެ. އެހެންނަމަވެސް ރަށްރަށުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާއިރު އެ ރަށުގެ ކައުންސިލާ އޮންނަނީ އެހާ ގާތް ގުޅުމެއް ނޫނެވެ. އެކަން އޮތީ އޭދަފުށި ރައްޔިތުން ތަޖްރިބާ ކޮށްފައެވެ. ރަށް ވަށައި ބޮޑުހިލަ ޖަހަމުން ދިޔައިރު އެމަސައްކަތުގެ ދެވަނަ ފޭހުގައި މަސައްކަތުގެ ފެންވަރު ދަށްވުމުން ރައްޔިތުންގެ ބަޔަކު ނުކުމެ މަސައްކަތް ހުއްޓުވާ ހިސާބަށް ދިޔައިރުވެސް ކައުންސިލަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ރަށުކައުންސިލަކީ ކޮންޓެކްޓަރ ބޭނުންވާ ކަމެއްގައި އެހީތެރި ވުމަށް އޮތްތަނެއްކަމަށް އޭރު ކައުންސިލުން ބުނަމުން ގެންދިޔައެވެ. އެމަސައްކަތާ ސީދާ ގުޅެނީ ހައުސިންގ މިނިސްޓްރީއާ ކަމަށް ވާތީ މައްސަލަ ހިފައިގެން ދާން ޖެހެނީ ސީދާ ހައުސިން މިނިސްޓްރީއަށެވެ.
އެހެންވީމާ ގަސްތައް ކަނޑަމުން ދިޔައިރު ވެސް ކައުންސިލަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަމަށް ގަބޫލު ކުރަމާ ހިނގާށެވެ. އެކަމަކު މިއީ ރަށުގެ ވެށީގެ ރީތިކަމާއި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކައުންސިލްގެ ދައުރެއް ނޯންނާނެއޭ ބުނާ ހިތެއް ނުވެއެވެ. ކައުންސިލްގެ މިހާރުގެ ރައީސް ތޮލާލް އަބްދުއްރަހްމާން ގެ ވާހަކަވެސް ހުރީ މިކަހަކަ ގޮތަކަށެވެ.. ބޮޑެތި މަޝްރޫއުތައް ހިނގަމުން ދާއިރު ކައުންސިލްގެ ދައުރަކީ ކޮންޓްރެކްޓަރ ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާކަމަކަަށް މަގު ފަހި ކޮށްދިނުންކަން ތޮލާލުވެސް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ޚިޔާލުވެސް ހޯދާލީމެވެ.
“ގަސް ތައް ބަހައްޓައިގެން މަގުތައް ނުހެދޭންވީ ސަބަބެއް ނެތް. ގަސްތައް އިންދާފައި ހުރީ ސީދާ މަގު މެދުގައި. ގަސް ވަށައިގެން ތިން ފޫޓްގެ ރޭޑިއަސް އެއް ނުވަތަ ހަތަރެސްކަން ގޮޅިއެއްގެ ތެރޭގައި ގަސް ބަހައްޓައިގެން ތާރު އަޅާފައި ހުރި ތަން ތަން އެބަހުރި. މިރަށަކީ ބޮޑެތި ވެހިކަލް ދުއްވާ ރަށެއްވެސް ނޫން،. މި ގޮތަށް ހެދުމުން ދުއްވާ އެއްޗިއްސަށް ވާނެ އުނދަގުލެއްވެސް ނޯންނާނެ. ވާގޮތަކީ ފަސޭހަ ގޮތް ފަސޭހަ ކޮށްލެވެނީ. ” ދުވަސް ވީ މީހެއްގެ ތަޖްރިބާ ކިޔައިދިނެވެ.
އެކަމަކު ޒުވާނެއްގެ ވިސްނުން ހުރީ މިއާ އިދިކޮޅަށެވެ. ” މަގު މެދުގައި ގަސް ބަހައްޓައިގެން ދުއްވާ އެއްޗިއްސަށް ކިހާ އުނދަގުލެއް ވާނެ. ބަލާބަލަ މާލެ ! މާލޭގައިވެސް ގަސް އިންދާފައި ހުންނަނީ މަގު މެދަކު ނޫން. ”
މާލޭގެ މަގުތައް ހެދުމުގެ ކުރިންވެސް މަގު މެދުގައި ގަސް ހައްދާފައެއް ނުހުރެއެވެ. ގަސް ބަހައްޓާފައި މަގުތައް ހަދާނީ މާލޭގެ މަގު މެދުގައި ގަހެއް ހުރިނަމަތާއެވެ.
އެހެން ނޫނަސް ކޮންމެހެން މާލޭގައި ހުންނަ މިކަހަލަ ކަންތައް ގޮތް ކޮޕީކުރާކަށް ނުޖެހެއެވެ.
އަހަރެމެންނަކީ ވައިފެން ރަނގަޅު އަތޮޅު ތެރޭގައި ދިރިއުޅުމުގެ ނަސީބުވެރިންނެވެ. އޭދަފުށި ދެކެ ލޯބިވާ މީހުން ބޭނުންވާނީ ބިޔަގަސްތަކާ އެކު ފިނި ، އަރާމު މާހައުލެކެވެ. މި ފަދަ މާހައުލަކަށް އެދޭނަމަ ގަސްކެނޑުމަށް ނޫނެކޭ ބުނަން ޖެހެއެވެ. އެންމެ ގަހެއް ކެނޑުމަކީވެސް ތިމާވެއްޓަށް ދެވޭ ވަރަށް ބޮޑު އަނިޔާ އަކަށް ވާތީއެވެ.