ބ.ގޮއިދުއާއި ފެހެންދޫގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ ދެ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ސަރުކާރުން ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
ސިއްހީ ވުޒާރާގައި މިކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ، ގޮއިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރެވެ. ފެހެންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޝަރީފެވެ. ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ލަޔާން ރިޔާޒެވެ.
މި މަޝްރޫޢުތަކުގެ އަގަށް ބަލާއިރު، ގޮއިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތަށް 8.2 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. އަދި ފެހެންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތަށް 6.7 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ. މި ދެ މަޝްރޫއުގެ މަސައްކަތްވެސް ލައިކޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ބ. ގޮއިދޫ އަދި ފެހެންދޫގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






