36އަހަރުގެ ހަނދާންތަކާއެކު ކުޑަވަހީދު

ކުދަވަހީދު.jpg

ބ.އަތޮޅު ހޮސްޕިތަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު- ޚިދުމަތުގައި 36 އަހަރު

ބ.އަތޮޅުގައި ސިއްހީ ޚިދުމަތް ރަސްމީ ގޮތުން ފެށިތާ 49 އަހަރު މިއަހަރު މާޗްމަހުގެ 24 ގައި ފުރުނުއިރު މި ޚިދުމަތުގެ ހަނދާންތަކުގެ އުސްއަލި ތަކުގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ މިހާރުވެސް ޚިދުމަތުގައި ހުންނެވި ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދުއެވެ. މީގެ36 އަހަރުކުރިން ވަހީދު އޭދަފުށީގެ ސިއްހީ މަރުކަޒު ނުވަތް ބ.އަތޮޅު ހެލްތް ސެންޓަރުގެ ތަޅުދަނޑިއާ ހަވާލުވީ  ކޮމިއުނިޓީ ހެލްތް އެސިސްޓެންޓް ޓްރޭނީއެއްގެ ގޮތުގައެވެ. އުމުރުން އެންމެ 18 އަހަރުގައި އެ މަގާމާ ހަވާލުވީއިރު އޭނާއެކޭ އެއްފަދައިން ރާއްޖޭގެ ސިއްހީ ދާއިރާވެސް ހޭދަކުރަމުން ދިޔައީ ޅައުމުރުގެ ދުވަސްތަކެވެ.

ލ. އިސްދޫއަށް އުފަން އަހްމަދު ވަހީދުގެ ޅަ ސިކުޑިއާ ، ތަޖްރިބާ ކުރަންޖެހިފައި އޮތް ބުރަ މަސްއޫލިއްޔަތު އޭރަކު އޭނާއަކަށް އެހާރަނގަޅަކަށް އިހްސާސެއް ނުކުރެވެއެވެ. އަތޮޅުތަކުގެ ސިއްހީދާއިރާވެސް އޭރުއޮތީ ފުރިހަމަ ސިއްހީ ޚިދުމަތަކަށް ފައްކާވެފައެއްނޫނެވެ.

އޭރުގެ ދުރު ހަނދާންތަކާއެކު ވަހީދު އަޅުގަނޑު ގޮވައިގެން އޭނާގެ އާކައިވަށް ވެދެވަޑައިގަތެވެ.

އޭރުގެ ހާލަތު

1981 ވަނައަހަރެވެ. މިހާރު ބ.އަތޮޅުގެ ހުރި އިމާރާތުގެ ގޯތިތެރޭގައި ބ.އަތޮޅު ކޮމިޓީގެ ފަރާތުން އިމާރާތް ކޮށްފައި ހުރި ގޭގައި ރާއްޖޭގެ ދެވަނަ އަށް ހުޅުވި ސިއްހީ މަރުކަޒާ ވަހީދު ހަވާލުވާން އަންނަންޖެހުނީ އެތަނުގައި އޭރު ހެލްތް އެސިސްޓެންޓެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދެވި އަހްމަދު ޚަލީލު މާލެއަށް ބަދަލުވާން ޖެހުމާ ގުޅިގެންނެވެ. ޚަލީލު މާލެއަށް ބަދަލުވުމުން އެތަނުގެ ހިންގުން ވަހީދުއާ ހަވާލުވީއެވެ.  އެހެންނަމަވެސް  ބ.އަތޮޅު ހެލްތް ސެންޓަރުގައި ހެލްތުވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވިއިރު ވަހީދުގެ ކުރިން އެތަނުގައި މަސައްކަތް ކުރެއްވި އެހެން ބޭފުޅުން ފަދައިން ވަހީދުއަށް ވެސް ކުޅެން ޖެހިފައި އޮތީ ވަންމޭން ޝޯއެކެވެ. މުޅިތަން ހިންގަން ޖެހުނީ އޭނާ އެކަންޏަށެވެ. ހެލްތްވޯކަރެއްގެ ބުރަ މަސްއޫލިއްޔަތުގެ އިތުރުން ކާތިބެއްގެ ބައެވެ. ނަރުހެއްގެ ބައެވެ. މަސައްކަތު މީހެއްގެ ބަޔާއި އެޓެންޑެއްޓެއްގެ ބައެވެ. މުޅި ހެލްތް ސެންޓަރުގައި ކުރަންޖެހޭ ހުރިހާ ކަމެކެވެ. އޭނާގެ އާ އަދި ފުރަތަމަ ވަޒީފާ އަދާކުރަންޖެހުނު ގޮތާމެދު ބުރަ ހިތެއް ނެތެވެ. އެއީ ހާލަތު ނިޔާ ކުރި ގޮތެވެ. އެޒަމާނުގެ ސިއްހީ ހާލަތު އޮތް ގޮތެވެ. އެކަމަކު ދުވަސްކޮޅެއްގެ ފަހުން މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހި އެމަގާމަށް މީހަކު އައުމުން ބޮޑުތަން ފަސޭހަވެގެން ދިޔަކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އޭގެ ފަހުން ކާތިބެއްގެ މަގާމު އުފެދި އެމަގާމަށް މީހަކު އައުމުން ކުރިން އުޅުންު ބިޒީ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

“އެ އިމާރާތުގައި ހުންނަނީ ހަމައެކަނި ބަލި މީހުންބަލާ ކޮޓަރިއަކާ ބޭސް އަޅާ އިންޖެކްޝަން ޖަހާ ތަނަކާ އެންމެ އެނދެއް. ބަލި މީހަކު ބާއްވާލަން ޖެހުނަސް ބާއްވަނީވެސް މި އެނދުގަ. ދެން ހުންނަނީ ބޭސްއެޅުންފަދަ ކަންކަން ކުރުމަށް ފެންޑާއެއް. ” ހެލްތްސެންޓަރު ހިންގި އިމާރާތް ސިފަކޮށްދެއްވަމުން ވަހީދު ވިދާޅުވިއެވެ.

މިއީ އޭދަފުށީގެ ހާލަތުކަމަށް ވާއިރު އަތޮޅު ތެރޭގެ ހާލަތު އޮތީ ކިހިނެއްހެއްޔެވެ؟

“ގިނަރަށްރަށުގައި ހުންނާނީ ހަމައެކަނި ހެލްތް ވޯކަރެއް. ރަށު އޮފީހުގައި މޭޒެއް ބަހައްޓާފަ އެމޭޒު އެއީ އޭނާގެ އޮފީސް. ”

މުޅި އަތޮޅަށް ބަލާއިރު އާއްމުކޮށް ފަރުވާ ހޯދާ ބަލިތަކުގެ ތެރޭގައި ގައިން ގަޔަށް އަރާ ބަލިތައް، ހޯއްގޮވާ ކެއްސުމާއި ހޮޑުލުމާއި ހުންއައުންފަދަ އެކިއެކި ހަމުގެ ބަލިތައް އުޅޭއިރު  ޓީބީ،ލެޕްރެސީ އަށް ފަރުވާކުރާ މީހުން ވެސް އަތޮޅުގައި އުޅެއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު (މެދުގައި) އަތޮޅުތެރެއަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިން. އަތޮޅުގެ ސިއްހީ ހިދްމަތުގައި ދަތި އުނދަގޫ ދަތުރުތައް އަތޮޅުތެރެއަށް ކުރެއްވުނުކަމަށް ވަހީދު ވިދާޅުވޭ / ފޮޓޯ: ފޭސްބުކް.

މިޒަމާނަށް އެޅުނު ފަހުން މިފަދަ ބަލިތަކަކީ މަދުމަދުން ފެންނަމުންދާ ބަލިތަކަށް ވިޔަސް އޭރު ސިއްހީ ގޮތުން ހޭލުންތެރިކަން ކުޑަވުމާއި ދިރިއުޅުމުގެ އާއްމު ފަގީރުކަމަކީ މި ބަލިތަކުގައި ރޯގާއެއްގެ ސިފަ ޖެހުނު ސަބަބުކަމަށް ވެދާނެއެވެ.

“ބޭސް ލިބެން ހުންނާނީ ހަމައެކަނި ހެލްތް ސެންޓަރުން. ސެންޓަރުގައި ހުންނަ ބޭސްބޭހަކީ ޔޫއެން އެކި އެކި އެޖެންސީތަކުންނާއި އިރާގު ޔުނިސެފް އަދި ޑަބްލިޔޫ އެޗްއޯއިން ދީފައި ހުންނަ ބޭސް. ކިރިޔާ އަސާސީ ބޭނުންތަކަށް ފުދޭވަރަށް ދީފައި ހުންނަ މި ބޭސްތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ދޭ ފަނީބޭހާއި މާބަނޑު މީހުންނަށް ދޭ އަޔަން އާއި މަދު އަދަދެއްގެ އެންޓި ބަޔޮޓިކްގެ އިތުރުން ވިޓަމިންސް އާއި ދެން ކޮންމެހެން ބޭނުންވާ އެސެންޝަލް ޑްރަގްސް. މިބޭސްތައް ދޫކުރާނީ ހިލޭ. “ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވި ގޮތުގައި ފަހުން ތަރައްގީ ވަމުން އައިސް އަތޮޅު ކޮމިޓީގެ ފަރާތުން ބޭސް ފިހާރައެއް ހުޅުވައިގެން ރައްޔިތުންނަށް ހެޔޮ އަގުގައި ބޭސް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވިއެވެ.

ޑޮކްޓަރެއްގެ ޚިދުމަތް އަތޮޅުން ލިބެންނެތް ކުއްލިއަކަށް ހާލުބޮޑުވާ ބަލި މީހުންނާއި ވިހެއުމުގެ ތެރޭގައި މައްސަލަތައް ދިމާވާ އަންހެނުންނާއި އެމަރޖެންސީ ހާލާތު މެދުވެރިވެގެން ކުއްލި ހާލަތްތަކުގައި ކަންތައް ތައް ކުރަނީ ކިހިނެއް ހެއްޔެވެ.

ވަހީދު ޖަވާބު ދެއްވިއެވެ. “އޭރު ވަރަށް ގިނައިން ދިމާވާ އެެއްކަމެއް އެއީ މަސްތުރަނުވުން. އެފަދަ ހާލަތެއް އަތޮޅުގެ ރަށެއްގައި މެދުވެރިވެއްޖެނަމަ ދާންޖެހެނީ އެރަށަކަށް. 2ޓީ އިންޖީނުއަޅާފަ ހުންނަ ދޯނިފަހަރުގަ . ދެން މާލެއާ ރޭޑިއޯ ތެލެފޯނުން ގުޅައިގެން ގިނަ މަރުހަލާތަކެއް ކަޑައްތު ކޮށްފަ މާލެ ދެވޭއިރު އިރު ހަމައެކަނި އެ ދަތުރަށް ދިހަ ބާރަ ގަޑިއިރު ނަގާނެ. މިހެންވުމުން ގިނަ ފަހަރު ބަލި މީހާއަށް އޮންނަނީ ވާނެ އެއްޗެއް ވެފަ. ނުވަތަ ނުރައްކާތެރި ހާލަތު މެދުވެރިވެފަ” ވަހީދު ވިދާޅުވީ މިފަދަ ހާދިސާ ތަކުގައި ބަލި މީހާ އަށް ފަރުވާ ނުލިބި ލަސްވުމުން މަރުވެފައިވެސް އެބަހުރި ކަމުގައެވެ.

ބައެއް ފަހަރު ބަލި މީހާ މި ދުނިޔެ ދޫކޮށްފައިވަނީ މާލެއާ ހަމައަށް އިތުރުފަރުވާއަށް ނުގެންދެވި ފަރުވާ ނުލިބިގިނައިރު ވުމުންނެވެ.

މިހާރާ އޭރުގެ ހާލަތު ހާސްބައި ތަފާތު

ވަހީދު ވިދާޅުވިހެން އޭރު އެއީ ވަންމޭން ޝޯއެކެވެ. އީވީއެއް ގުޅައިގެން ބަލި މީހާގެ ގާތުގައި ނަރުހެއްގެ ގޮތުގައި ހޭލާ އިންނަން ޖެހޭނީވެސް އޭނާއަށެވެ. އެކަމަކު މިހާރު ހާލަތު ބަދަލު ވެއްޖެއެވެ. ސިއްހީ ގޮތުން އައި ބޮޑެތި ކުރިއެރުމާއެކު ބ. އަތޮޅު ހެލްތް ސެންޓަރ، ބ.އަތޮޅު ހޮސްޕިޓަލަށް ބަދަލުވިއިރު އޭނާއަކީ އަތޮޅު ހޮސްޕިޓަލްގެ އެންމެ ޒިންމާދާރު މަގާމުގައި ހުންނެވި ޑިރެކްޓަރއެވެ.

ޑިރެކްޓަރ އަހްމަދު ވަހީދު ބ. އަތޮޅު ހޮސްޕިޓަލް ތަމްސީލުކުރެއްވުމަށް ރަށު ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ. ސިއްހީ ދާއިރާ ތަރައްޤީކުރެއްވުމަށް ގިނަ ހިދްމަތްތަކެއް ވަހީދު ކުރެއްވެވި / ފޮޓޯ: ފޭސްބުކް

ޝަކުވާއަކަށް ނިމުމެއް ނެތެވެ. މި ކުރިއެރުން އައިއިރު މިއަދު އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އަވައްޓެރި ރ. އަތޮޅުގައި ރީޖަނަލް ހޮސްޕިޓަލެއް ހުރެފައި ޅ. އަތޮޅު ހޮސްޕިޓަލްވެސް މާބޮޑަށް ތަރައްގީ ވެފައިވާއިރު ބ.އަތޮޅު ހޮސްޕިޓަލް އެތަންތަނަށްވުރެ ދެދަރަޖައިގެ ފަހަތުގައި ލެވެލް ތިނެއް ގައި އޮންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

ބ.އަތޮޅު ހޮސްޕިޓަލް ގިންތި ކުރެވިފައިވަނީ 3ވަނަ ދަރަޖައިގެ ހޮސްޕިޓަލެއްގެ ގޮތުގައި ނަމަވެސް އެއަށްވުރެ ކުރިއަށް ނުގޮސް މި ހިސާބުގައި ބްރެކް ޖެހިފައި ހުރީ ބައެއްގެ އިހުމާލުން ނުވަތަ ހޮސްޕިޓަލްގެ ކަންކަން ބެލެހެއްޓުމާ ތަރައްގީ ކުރުމަށް ތިއްބެވި ބޭފުޅުންގެ އަޅާލުން ކުޑަވެގެން ކަމުގައި ވަހީދު ގަބޫލެއް ނުކުރައްވައެވެ.

” އަތޮޅު ހޮސްޕިޓަލްތައް ގިންތި ކުރެވިފައި ހުންނަނީ ތިން ދަރަޖައަކަށް. އެއްވަނަ ދަރަޖައަކީ ރީޖަނަލް ހޮސްޕިޓަލް ތައް. ދެވަނަ ދަރަޖައަކީ ސާޖަނުންނާއި ފިޒީޝަނުން އަދި ޑެންޓަލް ޚިދުމަތްވެސް ފުރިހަމަވެފައި ހުންނަ ހޮސްޕިޓަލްތައް. ތިން ވަނަ ދަރަޖައަކީ ސާޖަނުންނާއި ފިޒީޝަނުން ނުހިމަނާ އެނޫން އެހެން ހުރިހާ ޚިދުމަތެއް ދޭ ތަންތަން.” ހޮސްޕިޓަލްތައް ގިންތި ކުރެވިފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ދަރަޖަތައް ބެހެމުގައި މައިގަނޑު ގޮތެއްގައި ބަލަނީ  އަތޮޅުގެ އާބާދީއާއި ބެލޭ ބަލި މީހުންގެ އަދަދަށް ކަމަށެވެ. އެއަށް ބަލާފަ ބ.އަތޮޅު ހޮސްޕިޓަލް ގެ ލެވެލް އަދި މިއޮންނަނީ ލެވެލް 3 ގައެވެ.

އެކަން އެހެން އޮތް ނަމަވެސް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ކަންކަމަށް އެދޭކަމަށް ވަހީދު ވިދާޅުވިއެވެ.

އަތޮޅު ހޮސްޕިޓަލް މި ލެވެލްގައި ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަވެފައި ހުރުމާއެކު ހޮސްޕިޓަލްގައި ތިން ކޮންސަލްޓުންނާއި އާއްމު ހަތަރު ޑޮކްޓަރުން ގެ އިތުރުން ހުރިހާ ޑިޕާޓްމަންޓްތަކަށް ބޭނުންވާ މީހުންވެސް ތިބީ ހަމަވެފައެވެ.

ހޮސްޕިޓަލް ދިފާއުކޮށް ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވި ނަމަވެސް ބައެއްފަހަރު ހޮސްޕިޓަލްގެ މުހިއްމު ޚިދުމަތްތައް ދިނުމުގައި ވަހީދުގެ އިހުމާލު އޮތްކަން ރައްޔިތުން ފާހަގަ ކުރެއެވެ. އެންމެ ބޮޑަށް އަޑު އިވެނީ ޑޮކްޓަރުން ހަމައަށް ނުތިބޭ މައްސަލައެެވެ. ހޭނައްތާ ޑޮކްޓަރު ކުއްލިއަކަށް ފުރައިގެން ދިޔަ ވާހަކަ އާއި އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރެއް ނުހުންނަ ވާހަކައާއި މިކަހަލަ އަޑު ތަކެކެވެ.

“ވާގޮތަކީ ކޮންމެ ތަނަކަށްވެސް މި އޮންނަނީ އެންމެ މަގާމެއް. އޭނާ ޗުއްޓީގައި ނުވަތަ އިމަރޖެންސީ ޗުއްޓީއަށް ދާ ވަގުތު އެފަދަ ހާލަތެއްގައި ފުރައިގެން ދާންވެއްޖެނަމަ ވަގުތުން މީހަކު ހަމަނުޖެހި ހިނގައިދާނެ. އެހެން ނަމަވެސް މި ބާވަތުގެ ކަންކަމީ މުޅި މުޖްތަމައުގެ ސިއްހަތާ ގުޅިފައިވާ ކަމަކަށް ވާތީ ވީހާ އަވަހަކަށް އެކަން ހަމަޖެހޭތޯ ސަރުކާރުންވެސް ބައްލަވާނެ. އެހާ ގިނަ ދުވަސްތަކަކު މިކަހަލަ ޚިދުމަތް މެދު ކެނޑިފައެއްވެސް ނުހުންނާނެ.”

ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށްގެންދެވި ވެކްސިންޖެހުމުގެ ކެންޕޭނެއް ފެށުމުގެ ރައްމިއްޔާޓުގައި ވަހީދު ހޮސްޕިޓަލް މުވައްޒަފަކާ ލިޔުމެއް ހަވާލުކުރައްވަނީ. ސިއްހީދާއިރާގައި ވަހީދުވަނީ 36 އަހަރު ހޭދަކުރައްވާފައި / ފޮޓޯ: ފޭސްބުކް

މުސްތަގްބަލަށް ކުރެވޭ އުއްމީދު

އާއްމުކޮށް ދިމާވާ މައްސަލަތަކުގައި މާލެއަށް ނުގޮސް ރަށުން ފަރުވާ ލިބޭނެ ދުވަހަކީ ވަޙީދުއާ އެއްގޮތަށް ހުރިހާ ރައްޔިތުންގެވެސް އެންމެ ބޮޑު އުއްމީދެވެ. ވަހީދުގެ އުމްމީދުތައް ވެސް ހުރީ އެހިސާބުގައެވެ. “މިހާރު މި ވާގޮތަކީ ވަރަށް ގިނަ ބަލިތަކަށް މި ޖެހެނީ އާސަންދަ އިން މާލެ ފޮނުވައިގެން ފަރުވާ ހޯދަން. އެކަމަކު އެފަދަ ބަލި މީހުންވެސް މި ތަނުގައި ބައިތިއްބައިގެން ފަރުވާކުރެވޭނެ ތަފާތު ޑިޕާޓްމަންޓްތައް ހުރެގެން ފިޒީޝަނުންނާ އޮޕަރޭޝަން ކުރެވޭނެ ގޮތާ ދަތުގެ ޚިދުމަތާ ސައިކޭރިސްޓްގެ ޚިދުމަތް ތަފާތު ދާއިރާތަކުން ލިބޭނެ ގޮތް ވުން. މީގެ އިތުރުން އިމާރާތުގެ ގޮތުންވެސް ބ.އަތޮޅު ހޮސްޕިޓަލަކީ ފުރިހަމަ ހޮސްޕިޓަލަކަށްވެ ކައިރި އަތޮޅުތަކުން ވެސް ޚިދުމަތް ހޯދަން އަންނަ ހޮސްޕިޓަލަކަށް މިތަން ވުން.”

ވަހީދުގެ ތަސައްވަރުގައި ތަސައްވަރުގައި ހަގީގީ ކުލަޖެހުމަކީ ދުރުކަމެއް ނޫނެވެ. ސިއްހީ ދާއިރާއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއެކު މިއުއްމީދުވެސް ހާސިލްވާކަށް ގިނަ ދުވަސްތަކެއް ނަގާނޭކަމަކަށް ނުދެކެމެވެ.

ބ.އަތޮޅު ހޮސްޕިޓަލާއި ވަހީދުއާދެމެދު އޮތް ގުޅުން

ބ.އަތޮޅު ހޮސްޕިޓަލާ ވަހީދުއާ ދެމެދު އޮތް ގުޅުމަކީ އާދައިގެ ގުޅުމެއް ނޫނެވެ. އެގުޅުން މިއަދު ވެފައިވަނީ ފަސޭހައިން ވަކި ނުކުރެވޭނެ ގުޅުމަކަށެވެ. އެގުޅުން މިއަދު ވެފައިވަނީ އޭނާ އޭދަފުށްޓަށް އަންނަން ޖެހުނު ސަބަބާ އެކު އަމިއްލަ ދިރިއުޅުމާވެސް ގުޅި ލާމެހިފައެވެ.

ވަހީދުގެ ދިރިއުޅުމުގެ ފޮތުގައި ވޭތުވެދިޔަ 36 އަހަރު ދުވަހު ލިޔެވިފައިވާނެ އުފާވެރި ދުވަސްތަކާ ހިތާމަވެރި ހާދިސާ ތަކާ ވާގިއާތައް ފުރިފައި އޮންނާނީ މުޅިންވެސް ބ.އަތޮޅު ސިއްހީ ދާއިރާއާ ގުޅިފައިވާ ވާހަކަތަކުންނެވެ. އެއީ އޭނާގެ ޒުވާންކަމާ މެދު އުމުރު އަދި ހަޔާތުގެ އިރު މެދު އުޑުން އަސުރަށް ލަނބާލިއިރުވެސް ހުރީ ސިއްހީ މަރުކަޒުގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ކަމަށް ވާތީއެވެ. އޭނާ ފިޔަވައި މެދު ނުކެނޑި 36 އަހަރު މި އިމާރާތުގައި ޚިދުމަތުގައި ހޭދަކުރި އެހެން މީހަކު ނުހުންނާނެކަމުން ގިރުވާން ކޮޅަށް ޖަހާލާފައި އެންމެ ބޮޑަށް ފަޚްރުވެރިވާނެ ކަންތައްވެސް މެއެވެ. މާޒީ ކުރި 36 އަހަރާއެކު ހޮސްޕިޓަކަށް ކުރިއެރުމެއްއައިކަމަށް ދެކޭ ބަޔަކު ތިބިކަމަށްވާނަމަ އެކަމުގައިއެންމެ ބޮޑު ކްރެޑިޓެއް ލިބޭނެ މީހަކީވެސް ވަހީދުއެވެ.

1981ގައި ބ.އަތޮޅު ހޮސްޕިޓަލްގެ ވަޒީފާއަކަށް އޭދަފުށްޓަށް އެކަނިމާއެކަނި އައިސް މީހެއްގެ ގެއިން ކައިގެން އުޅުއްވިޔަސް މިއަދު އެއީ އޭދަފުށީގައި އާއިލާއެއް ބިނާ ކޮށްގެން އުފާވެރި ދިރިއުޅުއްވުމެއް ވޭތުކުރައްވަމުން ގެންދަވާ ދެކުދިންގެ ބައްޕައެކެވެ. އެކުދިންގެ ތަރުބިއްޔަތުގައި ކުށެއް ނެތެވެ. އޭނާގެ ދިިރިއުޅުމުގެ ހުރިހާ އުއްމީދެއްވެސް ފުރިހަމަވެއްޖެއެވެ. ދެން އެނބުރި ދާނެތަނެއް ނެތެވެ. ދިރިއުޅުން އޮތީ އޭދަފުށީގައެވެ. އިތުރު ކަމެއް ބޭނުންވާނަމަ ދެން އޭނާ އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ ކާފަ ދަރިއެއްގެ ރުއިމުގެ އަޑު ގޭތެރެއިން އިވޭނެ ދުވަހަކަށެވެ. އޭނާއާއި އަނބިކަނބަލުން ޝާހިދާ މިހާރު އިންތިޒާރުކުރަމުން ދަނީ އެދުވަހަށެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top