މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ އޭދަފުށީ ކައުންސިލްގެ މެންބަރުކަމާއި، ކައުންސިލްގެ ރައީސްކަން 2011 ވަނަ އަހަރުން 2015 ވަނައަހަރުގެ ފަހުކޮޅާ ހަމައަށް އަދާކުރެއްވި އޭދަފުށީ ސަދުބަރަކަމާގޭ އަލީ ވަހީދަށެވެ.
ސުވާލު: ބައެއް އާންމުން ބުނަނީ 2015 ވަނައަހަރު ކުއްލިގޮތަކަށް އަލީ ވަހީދު ކައުންސިލް މެންބަރުކަމާ، ރައީސްކަމުން އިސްތިއުފާދެއްވީ ރިސޯޓަކުން ބޮޑު މުސާރައާއި އެކު ރަނގަޅު ވަޒީފާއެއް ލިބިގެންކަމަށް. މިއީ ކިހާވަރެއްގެ ހަޤީގަތެއްތޯ؟
ޖަވާބު: ނޫން. ނޫން. ނޫން. ބޮޑު މުސާރައެއްނަމަ އަހަރެން (ކައުންސިލަށް އައުމުގެ ކުރިންވެސް) ހައިޑަވޭ ރިސޯޓްގައިވެސް ހުރީ ކައުންސިލުން ލިބޭ ވަރަށްވުރެ ބޮޑުމުސާރައަކަށް. މިސާލަކަށް ކައުންސިލަށް ދާއިރު ބަލަންވާނީ ދިހަހާސް ރުފިޔާކަމަށް ލިބެންވާނީ. އެއީ މެންބަރެއްގެ މުސާރަ. އަނެއްކާ ކައުންސިލްގެ ރައީސްކަން ލިބޭނެކަމުގެ ޔަގީންކަމެއް ނޯންނާނެތާ ދެއްތޯ. އެހެންވީމާ އެއީ ތެދެއްނޫން.
ސުވާލު: ބައެއް މީހުން ބުނޭ ކައުންސިލުން އަލީ ވަހީދު އިސްތިއުފާދެއްވުމަކީ ޤަބޫލު ކުރެވޭކަމެއްނޫނޭ. ރައްޔިތުން ހަވާލުކުރި ޒިންމާ ދައުރު ނިމެންދެން ފުރިހަމަ ނުކުރެވެންވީ ކީއްވެގެންހޭ ؟
ޖަވާބު: ކައުންސިލުން ވަކިވީ ޤާނޫނީ އިމުން ބޭރުން ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރެވި އެކަން ރަނގަޅު ކުރަން އުޅެ ރަނގަޅު ނުވުމުން. އެއީ އެންމެބޮޑު މައްސަލައަކީ. މައިގަނޑު މައްސަލައަކީ ގަވާއިދާ ހިލާފަށް ޤާނޫނާ ޚިލާފަށް މަލްޓިޕާޕަސް ބިލްޑިންގް ދިނުން. އަނެއްކާ ކައުންސިލްގެ ރައީސަށް ނޭނގި އޮފީސް ހުޅުވުން. ދެން ކައުންސިލް ހިންގަން ހުންނަ މީހަކަށް ނޭނގި ލިޔެކިޔުންތައް ބަދަލުކުރުން. ސިޓީތައް ފޮނުވުން. އެކަންކަން ހުއްޓާލަން ތަކުރާރުކޮށް އެންގުމުންވެސް ނުހުއްޓުނު. އަނެއްކާ ދައުލަތުގެ ނިޝާންޖެހި ބައެއް ލިޔުންތައް ކައުންސިލަށް އެންޓަރ ވުމުގެ ކުރިން ކައުންސިލަރުންގެ އަތުން ބޭރުވުން. އެކަހަލަ ބައިވަރު މައްސަލަ އެބަހުރި. މިކަންކަމާހުރެ އިސްތިއުފާ ދޭންޖެހުނީ.
ޖަވާބުދެއްވީ: އަލީ ވަހީދު ސަދުބަރަކަމާގެ / ބ. އޭދަފުށި
ރައްޔިތުންގެ އަޑު މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ: [email protected] އަށެވެ.