ކުރިން ކިޔަމުން އައީ މިހެންނެވެ. އެއީ މީދަލެއް ކަމަށްވިޔަސް ހިކަންޖަކަށް ވިޔަސް އަހަރެމެންގެ ވޯޓުދޭނީ ޕާޓީ އަށެވެ. އެއީ ފަހުގެ ނިންމުމެވެ. ޑީއާރްޕީ އިން ފެށިގެން ޕީއެންސީ އާއި ހަމައަށް، ކަން ހިނގަމުން އައީ އެމަގުންނެވެ. އޭދަފުށި ކައުންސިލާއި އަންހެނުންގެ ކޮމެޓީގައިވެސް އޮތީ 100 އިންސައްތަ ޕީއެންސީ މެޖޯރިޓީ އެވެ.
އެކަމަކު މިއަދުގެ ހަގީގަތަށް ބަލާއިރު ކީހާ ޅެން ފަރިއްސަށް ބަދަލުވެއްޖެއެވެ. ކުރިން ބުނި އެތި ކެންސަލްވީ އިންޒާރެއް، އަންގާލުމަކާވެސް ނުލައެވެ. ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި މިއޭދަފުށީގައި ޕީއެންސީގެ އަސްލު ސޫރައެއް ނުފެނުނެވެ. މުޅިރަށް ވިލު ނޫކުލައިގެ ބެނާތަކާއި ކެންޑިޑޭޓުންގެ ރީތި ޕޯސްޓަރު ތަކުން ފުރާލާލާފައި އޮތަސް ޕީއެންސީ ގެ ވަރުގަދަ ޒަމާންވީ ލަޝްކަރު ފެނުނީ އެކަތިގަނޑެއްގެ ގޮތުގައެއް ނޫނެވެ. އެވާހަކަ ބުނެދިނީ ނަތީޖާ އިންނެވެ. ރަށުގައި ޕީއެންސީގެ ބާރަށްވުރެ އެހެން ބާރުތައް ވަކިން ދެރަ ނުވި އެވެ. އެކިޔާ ވަރުގަދަ މުންޑު ކޯލިޝަނާއި އިންތިޚާބު ތަކުގައި ނިކަން ރަނގަޅަށް ތިން ބަޔަށް ބެހިގެން މަސައްކަތްކުރާ ހުޅަނގާއި މެދު އަދި އިރުމަތީ އަވަށްވެސް ފެނިގެން ދިޔައީ އަވަށުގެ ބާރު އިންތިޚާބަށް ނުފޫޒު ފޯރުވޭވަރަށް ވުރެ ބަލިކަށި ގޮތަކަށެވެ. ވޯޓުތައް ބެހިގެން ދިޔައީ އެކަކު އަނެކަކަށް ޝައްކާއި ވަހުމުގެ ނަޒަރުން އިނގިލި ދިއްކުރުވުމަށް މަޖުބޫރު ކުރުވާފަ އެވެ. އޭގެ އަނެއް ދުވަހު ރަށުތެރެއިން ފެނުނީ އެ ހައިރާން ކަމުގެ ހިމޭންކަމެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހެނދުނެއްގެ ގޮތުގައެވެ. އަސްލު މައްސަލައަކީ ކޮބާހެއްޔެވެ؟
”ޕާޓީއަށް ލޯޔަލް މީހުން މަދީ. ޕީއެންސީގެ ތާކިހާ އަޅައިގެން އުޅޭ އެންމެންނަކީ ޕީއެންސީއަށް ވަފާތެރި މީހުން ނޫންކަން އެނގިގެން ހިނގައްޖެ. ހަމައެކަނި އޭދަފުއްޓަކުން ނޫން. މުޅި ރާއްޖެއިންވެސް އެދިނީ އެމެސެޖް. ބުނި ވަޒީފާއެއް ބުނި ތާކުން ބުނި އަދަދަކަށް ދީފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެދުވެރިކަމެއް ނުފެނުނު“ ނަން ހާމަނުކުރުން އެދޭ ޕީއެންސީގެ މެންބަރެއްގެ ޚިޔާލަކީ މިއެވެ.
އޭދަފުށީގައި ތިބި ޕީއެންސީގެ މެންބަރުންގެ އަދަދާއެކު ސިޔާސީ މަގާމުތަކުގައި ތިބި އެންމެންގެ ވޯޓު އެއްކޮށްލާއިރު ނުކުންނާނީ މި ނަތީޖާއެއް ނޫނެވެ. މާނައަކީ ޕީއެންސީގެ ނަމުގައި ސަރުކާރުގެ ވަޒީފާގައި މުސާރަ ނަގައިގެން ތިބެ ކޮންމެވެސް ބަޔަކު ޕާޓީއަށް ދޯކާ ދީ ޕާޓީއަށް ޚިޔާނާތްތެރިވީ އެވެ.
”ވޯޓަކީ އަމިއްލަ އިޚްތިޔާރުގައި ދޭންޖެހޭ އެއްޗަކަށް ވިޔަސް އޭގެ މައްޗަށް ދަހިވެތިކަމާއި އަމިއްލަ އެދުން އިސް ކުރީ.“ އެހެން މީހަކު އެއް ޖުމްލައިން ފުއްދާލީ މިހެން ބުނެފަ އެވެ.
ރަށު ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ހިމަނައިގެން ލިބުނު ނާކާމިޔާބަށް ބަލާއިރު އެހެން ކަންތައްތަކެއްވެސް ފެންމަތި ވި އެވެ. ރައްޔިތުންގެ ބޭނުން ތަކުގެ ކުރިމަތީގައި ކައުންސިލަރުން ސައިޒަށް ވުރެ މާ އުހުގައި ތިބެވުމެވެ. އެހެން ދުވަހެއް އަތުވެދާނެކަމަށް ނުބަލައި ކޮންމެ ގޮތަކަށް ކަންކުރިޔަސް ޕާޓީން ގޮނޑި ދޭނެ ޔަގީންކަން މަތީގައެވެ. އެކަމަކު ކަން ހިނގީ އެހެން ހެއްޔެވެ. ރައްޔިތުންގެ ޒަމާންވީ ޝަކުވާތައް ހިތްދަތި ހަނދާންތައް ބަަންޑުން ކޮށްލީ ކައުންސިލަރުންގެ ކުރިމައްޗަށެވެ. ރައްޔިތު މީހާގެ ގެއަށް ވޯޓު ހޯދަން ދިއުމުންނެވެ. ބައެއް މީހުން އަސަރާއެކު އަނެއް ބަޔަކު ރުޅިވެރިކަމާއެކު އެމީހުންނާ މެދު ކަންކުރި އިހާނެތި ގޮތް ކިޔައިދިނެވެ. ދިފާއުގައި ބުނާނީ ކީކޭ ހެއްޔެވެ. އެމީހާ ކިޔައިދިނީ އޭނާއަމެދު ކަންކުރި ގޮތެވެ. އެއީ ޖަވާބު ދިނުމުގެ ވަގުތެއްވެސް ނޫނެވެ. ރައްޔިތު މީހާ ޖަވާބު ދިނީ ވޯޓުންނެވެ.
”އަހަރެން ދިރިއުޅެނީ ހުޅަނގުކޮޅު ދޯނި އެހެލާ ހިސާބުގަނޑުގަ. މިރަށުގައި ފައިބަރު މަސައްކަތް ކުރަނީވެސް އެތަނުގައި. އެކަން ހުއްޓުވޭތޯ ކައުންސިލަށް ހިނގާތާ ނުވަ އަހަރު. ހުޅަނގު މޫސުމުގައި ޚާއްސަކޮށް ޖެހޭ ގަދަ ވައިގާ އޭގެ ކުނޑިތައް ގޭތެރެއަށް ވަދެ ދަރިންގެ ގައި ކެހުމާ ހިރުވުމާ މިކަހަލަ ކިތަންމެ ސިއްހީ ގޮތުން ގެއްލުން ދެނިވީ ކަންކަން މެދުވެރިވޭ، އެކަމަކު އެކަމަށް އަދިވެސް ހައްލެއް ނައި. ގަވާއުދުތަކަކާ އުސޫލުތަކެއް ހަދާފައި ނެތިގެން ނޫން. އެހެންވީމާ އަހަރެން ބޭނުންވީ އެކަން ހައްލު ކުރުމުގެ ގޮތުން އެހެން ބަޔަކު ކައުންސިލަށް ގެންނަން. މަޖުބޫރުވީ މިިހާރު ތިބި މީހުންނަށް ވޯޓު ނުދޭން. “އެހިސާބުގައި ދިރިއުޅޭ ގެއެއްގެ މީހަކު ކިޔައިދިނެވެ.
ޕީއެންސީއާއި މެދު ރައްޔިތރުން ހިތްހަމަ ނުޖެހުމުގެ އަސްލު ސަބަބކީ ރަށު ކައުންސިލުންގެ ސަބަބުން ކަމަށް ދިރާސާތަކުން ބުނެއެވެ.
”އޭދަފުއްޓަކީ ގަސްރުއް ވަރަށް މަދު ރަށެއް. އެކަމަކު އެކަމަށް ބެލުމެއް ނެތި ލޭންޑް ޔޫސް ޕްލޭންގައިި އޮތީ މިހެންނޭ ކިޔާފައި ތަރައްގީގެ މަޝްރޫއުގެ ނަމުގައި އެހުރިހާ ގަސްރުކެއް ކަނޑާ ނިންމާލީ އެތައް ރައްޔިތުންގެ ރުހުމާ ދެކޮޅަށް. ގަސްރުއް ކަނޑައިގެން ގެނެވޭ ތަރައްގީ ބަލައިގަންނަނީ ކާކު؟“ އެމީހާ ސުވާލު ކުރި އެވެ.
”ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނެސް އެތަންތަން ހަދަން ހިއްކި ބިން ބޭނުމެއް ނުކުރެވޭނެތަ؟ އެކަމަކު ކައުންސިލުން ބެލީ ރަށުގައި ހުރި ރުއްކޮޅާއި އެތައް އަހަރެއް ވެފައި ހުރި ހިޔާދޭ ބޮޑެތި ގަސްކޮޅުވެސް ކަނޑާ ރަށް ސަހަރާ އަކަށް ހަދަން. އަނެއްކާ އެމީހުން (ކައުންސިލަރުން) ބޭނުންވީމާ ގްރީން ޒޯނެއް ވިޔަސް އެނޫން ތަނެއްވެސް ހަމަ ނަގަންވީ. އެހެރީ އެކަންވެސް ކޮށްފަ. ގޯތިދޭން އަހަރު ތަކެއް ނެގިއިރު ކުރިން ގޯތިދޭން ނިންމާފައިވާ ސައިޒަށް ވުރެ ކުޑަވެސް ކޮށްލީ. މޮހޮނަށް އޮޑި ދިންހެން ފެނެއް ކަރަންޓެއް ލިބެން ނެތް ސަހަރާއެއް ފަދަ ތަނަކުން ގޯތި ދިންއިރު ރައްޔިތުންނާމެދު ކުލުނެއް ހުރިނަމަ 14 އަހަރުވީ ބިމަކުން ގޯތިދޭއިރު ކަރަންޓާ ފެނުގެ ނިޒާމް ގާއިމް ކުރެވިފައި ހުންނާނީ.“ ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު ވިދާޅުވި އެވެ.
މި ކަހަލަ ބައިވަރު ވާހަކަ އެވެ. އަލަށް އިންތިޚާބުވި ކައުންސިލަރުން މިކަންކަމާމެދު ފުންކޮށް ވިސްނަން ޖެހެ އެވެ. ރައްޔިތުންނަށް ޚިދުމަތް ކުރަން ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ބައެއްގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ގާނޫނާ ގަވާއިދާ އެއްގޮތަށް ޚިދުމަތް ދިނުން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ. އެހެން ނޫންނަމަ ޖެހޭނީ ޓާމް ހަމަވުމާއެކު ނުކުމެގެން ދާށެވެ.
ވިސްނާށެވެ. އޭދަފުށި ބަދަލުވެއްޖެ އެވެ. ހާލާތާ އެކު ޚިޔާލާތު ވެސް ބަދަލުވެއްޖެ އެވެ. އެއީ ދުނިޔޭގެ ސުންނަތެވެ. ދުނިޔެ ހިނގަމުން ދާ ގޮތެވެ. އެކަމަކު ސިޔާސީ އޮއިވަރުގައި ޖެހި ކަންކަން ބަދަލުވެގެން ދިޔައީ ހުތުރު ގޮތަކަށޭ ދަންނަވަން ބޭނުން ނުވިޔަސް ހަގީގަތަކީ އެއީ އެވެ.
އަޅުގަނޑުމެންގެ ގައުމާ ދީނާ ދެކޮޅު ބީރައްޓެހި ސަގާފަތެއް ވެރިވެއްޖެކަން ގައިމެވެ. ރިޝްވަތުގެ ހުތުރު އަމަލު އެއީ އެއްވެސް ކަމެއް ނޫން ކަމަށް ދެކި ގައުމީ ވާޖިބެއް އަދާކުރުމަށް އަމިއްލަ ޒަމީރު ވިއްކާލުމަށްވުރެ ހުތުރު އަމަލަކީ ކޮބައިތޯއެވެ.
އަމިއްލަ ތަޖްރިބާއިން އެނގުނީ އެއްބަޔަކު ބަލަނީ ވޯޓަކީ ފަސް އަހަރުން އެއް ފަހަރު ޖީބު ބޮޑުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. އެއް ބަޔަކު ދަރިފުޅަށް ނޫނީ އާއިލާގެ މީހަކަށް ނުވަތަ ގާތް މީހަކަށް ވަޒީފާއެވެ. ވޯޓު ވިއްކާލަން ހުށަހަޅާ މި ޝަރުތުތައް ފުރިހަމަ ކޮށް ނުދީފިނަމަ ވޯޓު މިދެނީ އިދިކޮޅަށެވެ. އަސްލުގައި ހިތާ ދެކޮޅަށެވެ.
ރައްޔިތުންނަށް ލޯތްބާއި އޯގާތެރިކަމާއެެކު މުއާމަލާތުކޮށް ރަށުގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަމުގައި އިތުބާރުހުރި މުރާލީ ޓީމެއް އެބަ އޮތްކަން އަމަލީ ގޮތުން ދައްކަވާށެވެ. ކުރިން ބުނިހެން މިހާރު ބަލާނީ އެކަނި ދޫންޏަކަށް ނޫނެވެ. ދޫނި ދަތުރުކުރާ މިސްރާބާއި ދޫނީގެ ވެލިއު އަދި ދޫނީގެ ހަރަކާތްތަކުގައި ފަހަތުފަޔަށް ބުރަވެފައިވާނަމަ އެކަން އަނެއްކާވެސް ވޯޓުން ދައްކާނެ އެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. ރައީސް މައުމޫންގެ ލެގަސީ ދަމަހައްޓަމުން އައި އޭދަފުށީ ޕީއެންސީގެ ބަދަހި ލަޝްކަރުގެ ސަފުތައް ވަރުގަދަކޮށް އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެން އަތުގުޅާލަމާ ހިންގަވާށެވެ. އަޅުގަނޑުމެންނަކީ ނަސީބުވެރި ބައެކެވެ. ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވުމަށް އެންމެ ގާތުގައި ދާއިރާގެ މެންބަރު، އަހުމަދު ސަލީމް އެބަހުންނެވި އެވެ. އެއީ މިއަދުގެ އޭދަފުށީގެ ފުރާނަ އެވެ. އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ރައީސް މުއިއްޒަށް 2028 ހޯދައިދިނުމަށް މިހާރުން ފެށިގެން ތައްޔާރުވަމާ ހިންގަވާށެވެ.





ކިޔުންތެރިންގެ ޚިޔާލު