ބަރަކާތްތެރި ރަމަޟާން މަހު އޭދަފުށީގައި އޭދަފުށީ ވެލާސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ”ބޮޑު ދަރެސް“ މާދަމާ ރޭ އޭދަފުށީގެ ބޮޑުސްޓޭޖް ސަރަހައްދުގައި މިއަހަރުވެސް ބާއްވާނެ ކަމަށް ވެލާ ސިޓީން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ވެލާސިޓީން މައުލޫމާތު ދެއްވި އާޒިމް އަބްދުއްސައްތާރު (ޒިންޓޭ) ވިދާޅުވީ ”އޭދަފުށީ ބޮޑު ދަރެސް 1447 “ގެ ނަމުގައި ބާއްވާ މި ދަރެސް މިއަހަރު ބާއްވަަން ނިންމާފައިވަނީ މަޝްހޫރު އޮންލައިން ނޫސް ”ނުކުތާ އާއި ގުޅިގެެން ކަމަށެވެ.
މި ދަރުސް ބާއްވަނީ އޭދަފުށި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި، ބ. އަތޮޅު ކައުންސިލް ގެ އިތުރުން އޭދަފުށި ކައުންސިލް އާއި އޭދަފުށީގެ ބައެއްވިޔަފާރި ވެރިންގެ އެއްބާރުލުމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
މާދަމާރޭ ބޮޑު ސްޓޭޖްގައި އޮންނަ ދަރުސް ގެ ކުރިން މާދަމާ އަސްރު ނަމާދަށްފަހު އޭދަފުށީ މަސްޖިދު މުހައްމަދު އަލީ މިސްކިތުގައި މިސްކިތު ދަރެސް ދިނުން އޮންނާނެ އެވެ. ދަރުސް ދެއްވާނީ ޝައިޚް އާޒިމް ޚާލިދު އެވެ. ދަރުސް ހުށަހަޅައި ދެއްވާނީ އާލިމް އަބްދުއްލަތީފެވެ.
ޒިންޓޭ އިތުރަށް ވިދާޅުވީ ދަރުސް ބާއްވަމުން އަންނަތާ 5 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދަރުސް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ގުރުއަތުލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ކަމަށެވެ. ހަމައެހެންމެ ދަރުސްގެ ބައިވެރިން ގެ މެދުގައި ގުރުއަތުލައިގެން ކާބޯ ރެސްޓޯރެންޓުން ދެ ބޭފުޅަކަށް ރޯދަ ވީއްލުމެއްވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
”ހުރިހާ ބޭފުޅުންނަށް މި ބަރަކާތްތެރި ދަރުހަށް ހާޒިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަން“ ޒިންޓޭ ވިދާޅުވި އެވެ.





