އެންމެ ކުރުކޮށް ބުނާނަމަ އެއީ 24 ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީހެކެވެ. ރަށަށް އަރާ ފައިބާ ކޮންމެ މީހަކަށްމެ އެހީތެރިވެދީ މަގުދައްކައިދޭ އޮފީހެވެ. ރަށުގެ ކޮންމެ ރައްޔިތަކު ކަމެއް ދަމެއް ބޮޑުވެ, ހާސްކަމަށް ދާހިނދު އެހީތެރިވެދޭ އޮފީހެވެ. އެއީ ކެންދޫ ފޮރޮންޓް އޮފީހެވެ.
ކެންދޫ ކައުންސިލްގެ ހިނގަމުންދާ ދައުރުގައި އެރަށު ބަނދަރު ސަރަހައްދުގައި ޤާއިމްކުރި ފްރޮންޓް އޮފީހުގެ އިމާރާތް ކުޑައެވެ. އެކަމަކު އެތަނުން ދޭ ޚިދުމަތާއި މުހިއްމުކަން ބޮޑެވެ. އެންމެ މުހިއްމު ކަމަކީ އެއީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ވުމެވެ. ރައްޔިތަކަށް ކަމެއް ބޮޑުވެ, ކައުންސިލް މެމްބަރަކާ ނުގުޅުނަސް, ކައުންސިލް އިދާރާ ބަންދު ވަގުތެއް ނަމަވެސް ފްރޮންޓް އޮފީހުން އެމީހަކަށް އެހީތެރިވުމުގެ ފުރަތަމަ މަރުހަލާ ފަށާނެއެވެ. ރަށުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ފްރޮންޓް އޮފީސް ގުޅި ލާމެހިގެން ދެއެވެ.
ރަށަށް އަރާ ކޮންމެ މެހުމާނަކަށް މަރުހަބާ ކިޔާ މަގު ދައްކާ އެހީތެރިވެދޭނީ މިއޮފީހުންނެވެ. ރަށުން ފުރައިގެންދާ ކޮންމެ މީހަކަށްވެސް ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ކެންދޫއަށް އަރާ މެހުމާނަކު ދާންވީ މަންޒިލެއް ނޭންގި, ޚިދުމަތަށް އެދި ދާންވީ ތަނެއް ނޭންގި ހުންނާކަށް ނުޖެހޭނެއެވެ. އެހީގެ ފުރަތަމަ އަތް ފްރޮންޓް އޮފީހުން ދިއްކޮށްލާނެއެވެ. ކައުންސިލް ރައީސް އިބްރާހީމް އަބްދުއްރަހުމާނު ވިދާޅުވީ ކައުންސިލަށް ނުގުޅިގެން, މެމްބަރަކު ފޯނު ނުނަގައިގެން އުޅެންޖެހޭ ޖެހުން ނިމުމަކަށް އައީ ކަމަށެވެ.
ބ.އަތޮޅު ކައުންސިލް ރައީސް އަހުމަދު އަފްރާހު ވިދާޅުވީ ކެންދޫ ފްރޮންޓް އޮފީހަކީ މުޅި ރާއްޖެއަށް ނަމޫނާއެއް ކަމަށެވެ. ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމަކަށް މިއީ ވަރަށް މުހިއްމު ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.
އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ކައުންސިލްތަކުންވެސް ވަނީ ކެންދޫގެ މިއިސްނެގުން ފާހަގަކޮށްފައެވެ. އެގޮތުން މިއީ އެހެން ރަށްތަކުންވެސް ނަމޫނާއަކަށް ބަލައިގެން ޚިދުމަތުގައި އަޅަންޖެހޭ ފިޔަވަޅެއްކަން ފާހަގަކުރިއެވެ. ކެންދޫ ފްރޮންޓް އޮފީސް ވެގެންދާނީ ކެންދޫއާމެދު ޝުކުރުގެ ނަޒަރަކުން ބަލާލަން ފަހިވެގެންދާ ބޮޑު ބަދަލަކަށެވެ.
ނޯޓް: މިއީ ހަފްސީ.ކޮމް އިން ނަކަލުކޮށްފައިވާ ރިޕޯޓެކެވެ.





