ކޮންމެ ދައުރެއް ބަދަލުވުމާއެކު އަންނަ ވަޒީފާގެ ބިރުވެރިކަން

1MAVwd410T.jpg

ރައީސް އިބޫއާއި ނައިބު ރައީސް ފައިސަލް ސަޕޯޓަރުންނާ އެކު - ފޮޓޯ ؛މީސް މީޑިއާ

ދައުރު ބަދަލުވުމާއެކު މިވަނީ އެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. ކޮންމެ ދައުރެއްގައި ވެސް ކަން ހިގަމުން އަންނަ މަގެވެ. އެކަން މިއޮތީ އާ ދައުރާ އެކު އަނެއްކާވެސް ފެށިފައެވެ. ވަޒީފާގެ ބިރު ދެއްކުމުގެ ސަގާފަތް އަލުން ދިރި މީސްމީޑިއާއިންނާއި އެހެން ގޮތްގޮތުން ލިބޭ އިންޒާރުގެ މެސެޖްތަކުން އެތައް އާއިލާއެއް މިއަދުވަނީ ނުތަނަވަސްކަމުގެ ތެރޭގައެވެ. ދެންވާނެ ގޮތެއް ނޭގުމުގެ ހައިރާން ކަމުގައެވެ.

ވަޒީފާއަކީ ޕާޓީއަށް އަދާ ކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. ޕާޓީ ވެރިކަން ކުރާތީ އޭގެ ބަދަލުގައި ދޭން ޖެހޭ އަގެއްވެސް ނޫނެވެ. ވަޒީފާ އަދާކޮށްދެނީ ގައުމަށެވެ. އިޚްލާސް ތެރިކަމާއެކު ވަޒީފާ އަދާކުރަމުން އަންނަ މީހާގެ ވަޒީފާ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވަކިކުރަން ވެއްޖެނަމަ ގައުމުގައި އުފެދިގެން ދާނީ ހަމަ ނުޖެހުމެވެ. ބަދަލު ހިފުމުގެ ނުރައްކާތެރި ކަމެވެ. އެހެންވިއްޔާ މިގައުމަށް ދެން ހަމަ ޖެހުން އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ.

މިދައްކަނީ ސްޓޭޓް މިނިސްޓަރުންނާ ކޯޑިނޭޓަރުންނާ މި ދަރަޖައިގެ ސިޔާސި މަގާމު ތަކުގެ ވާހަކައެއް ނޫނެވެ. މި މަގާމުތަކަކީ ޕާޓީގެ އެކްޓިވިސްޓުންނަށް ދޭން ޖެހޭ މަގާމްތަކެކެވެ. އެކަން ވާން ޖެހޭނީ އެގޮތަށެވެ. ކޮންމެ ޕާޓީއެއް ވެރިކަމަށް އައިނަމަވެސް ވެރިކަން ހިންގަން ފަސޭހަވާނީ ޕާޓީއަށް ލޯޔަލް މީހުން އެ މަގާމު ތަކުގައި ތިބެގެންނެވެ.

އެހެން ނަމަވެސް އެއަށްވުރެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ކުޅުމަކީ ގައުމުގައި ހަމަނުޖެހުން އާއްމު ކުރުވަން ހުޅުވޭ ދޮރެކެވެ. ވޭތުވެ ދިޔަ ސަރުކާރުތަކުގައި އެކަން އެގޮތަށް ހިނގާފައި ވުމަކީ އާ ސަރުކާރުން އެކަން ތަކުރާރު ކުރަން ޖެހޭ ސަބަބެއް ނޫނެވެ. އެއީ މާޒީއެވެ. މިފަހަރު ރައްޔިތުން ވަނީ މިކަން މިގޮތަށް ކޮށްގެން ނުވާނެ ކަމަށް ވޯޓުން ވަރަށް ރީތިކޮށް ބުނެފައެވެ.

ވޭތުވެ ދިޔަ ފަސް އަހަރު ވާދަވެރި ފަރާތްތަކުން އެންމެ ބާރަށް ދައްކަމުން އައި އެއް ވާހަކަ އަކީ ރައީސް ޔާމީން ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައެވެ. ވަޒީފާގެ ބިރުދައްކަމުން އަންނަ ވާހަކަ އެވެ. އެވާހަކަތައް ވިއްކައިގެން ވެރިކަމަށް އައިސް އަދި ހުވާ ނުކޮށް އުޅެނިކޮށް މިފެންނަނީ ކުރީ ސަރުކާރުގައި ކުރަމުން ދިޔަ ”އަނިޔާ” ތައް ކުރަން ފެށިތަނެވެ. ވަޒީފާ ތަކުގައި ތިބި މީހުންނަށް ފުރައްސާރަ ކުރުމާއި ސަރުކާރަށް ބައިއަތު ނުހިފާނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ކެނޑިނޭޅި ދެމުން އެބަގެންދެއެވެ. މީގައި އޮތް އެންމެ ކަންބޮޑުވުމަކީ މި އިންޒާރު ދިނުމުގައި ވާދަވެރި ކޮންމެ މީހަކީވެސް އާ ސަރުކާރުގެ ހުކުމްތައް ނެރެ ތަންފީޒުކުރުމުގެެ ބާރުހުރި ފަރާތެއްކަން ދޭހަވާ ފަދައަކުން މީހުންނަށް ބިރުދެއްކުމެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ކަށަވަރު ކޮށްދޭ ގޮތުގައި ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މި ބިރުވެރިކަން އެބައޮތެވެ.

އަނެއްކާވެސް ތަކުރާރު ކޮށްލާނަމެވެ. ވާދަވެރި ފަރާތްތަކުން އެންމެ ގިނައިން ދައްކަމުން އައި ވާހަކަ އަކީ “އަނިޔާވެރިކަމުން” މިންޖުވާށެވެ. ރައީސް ، އިބްރާޙިމް މުޙައްމަދު ޞާލިޙް ވެސް އެންމެ ގިނައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީވެސް މިއީ ކަމުގައެވެ. ވީއިރު އުފެދޭ ސުވާލަކީ އެބާހުންގެ މިސްރާބް މިއަދު ހުރީ އަނިޔާވެރިކަމާއި ދެކޮޅަށް ހެއްޔެވެ؟ ނުވަތަ އެއުޅެނީ އަނިޔާވެރިކަން ދައްކާލަން ހެއްޔެވެ؟

ރައްޔިތުން މި ފަހަރު ކޯލިޝަނަށް ވޯޓު ދިނީ އަނިޔާވެރި ނުވާނެ ކަމަށާއި އުފާވެެރި ދިރިއުޅުމެއް އުޅެވޭނެ މަގު ހުރިހާ ރައްޔިތުންނަށް ކަށަވަރު ކޮށްދޭނެ ކަމަށް ވައުދުވުމުންނެވެ. އަނިޔާ ވެރިކަމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޮންމެ ތަނަކު އެވާހަކަ ދެއްކުމަށް ފަހު ދެން ވައުދު ވަނީ  ވެރިކަމަށް އަންނަން  ބޭނުންވަނީ އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި އުފާވެރިކަމާއި އަދުލު ވެރިކަމާއެކު ކަން ތައް ކޮށްދޭން ކަމުގައެވެ. އެކަމަކު ވެރިކަން ހަމަ ލިބުމާއެކު މިހާރު ފެންނަމުން ދަނީ ވަޒީފާގެ ބިރު ދައްކައިގެން ވަޒީފާގައި އިޚްލާސް ތެރިކަމާއެކު މަސައްކަތް ކުރަމުން އައި މީހުންނާއި އެމީހުންގެ އާއިލާ ތައް ބިކަ ކުރުމުގެ ނުރައްކާތެރި ކުޅިވަރު ކުޅެމުން ދާތަނެވެ. ވަޒީފާ އަދާ ކުރާ އާއިލާ ތަކަށް މިގޮތަށް ބިރު ދައްކާ އެމީހުންގެ ހިތްތައް ނުތަނަވަސް ކުރުމަކީ އަނިޔާ ވެރިިވުން ނޫންނަމަ ދެން އަނިޔާ ވެރިވުމަކީ ކޮބާ ހެއްޔެވެ.؟

އޭދަފުށީގައި ޕީޕީއެމްގެ ކެމްޕެއިން ގައި އުޅުނު ސަރުކާރު ހިއްސާ ވާ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރަމުން އައި މުވައްޒަފަކު ބުނީ އޭނާގެ ފިކުރު ވަޒީފާއަށް ޓަކައި ބަދަލުކޮށްލަން ނިންމާފައިވާ ކަމުގައެވެ.

“އެއީ ޕާޓީއަށް ސޮއިކުރުން ކަމަށްވާނަމަ އެކަންވެސް މިހިރީ ކުރާގޮތަށް .” ވަޒީފާ ބޭނުންނަމަ ހަމައެކަނި އޮތް ގޮތަކީ އެއީ ކަމަށް ބުނަމުން އޭނާގެ ނިންމުން ފާޅު ކުރިއެވެ.

ވަޒީފާއިން ވަކިކުރާނެ ކަމަށްބުނެ ވާދަވެރި ފަރާތްތަކުން އިންޒާރު ދެމުން ގެންދިޔަ ނަމަވެސް އޭދަފުށީގައި ސަރުކާރުގެ ވަޒީފާ އަދާކުރާ ގިނަ މީހުން ތިބީ އެމީހުން ގަބޫލު ކުރާ އުސޫލާ ފިކުރު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އަދި ހަމަ އެހެންމެ އަތޮޅު ތެރޭގައި ތިބި މުވައްޒަފުންވެސް ތިބީ އެބަޔަކު ޤަބޫލުކުރާ ގޮތްތަކެއްގެ މަތީގައި ސާބިތުކަމާ އެކުގައެވެ.

ހަގީގަތުގައިވެސް ނިމިގެން މިދާ ސަރުކާރާ މެދު ގިނަ ރައްޔިތުންގެ އުއްމީދުތައް ހުރީ އަނިޔާވެރިކަމާ ދެކޮޅަށެވެ. ރައީސް ޔާމީން ބަލިވީ އެމަނިކުފާނު ގެންނެވީ ތަރައްގީ ނުފެންނާތީއެއް ނޫނެވެ. އެހުރިހާ ތަރައްގީއަކަށްވުރެ އަބަދުވެސް ސުލްހަ އާ އަމާންކަމަށް ލޯބިކުރާ ދިވެހިންނަށް އަނިޔާ ވެރިކަން ގަބޫލު ނުކުރެވުނީއެވެ.

އެހެންވީމާ އަނިޔާވެރިކަމުން މިންޖުވާން ކަމަށް ބުނެ އަންނަން އުޅޭ ސަރުކާރުން އަނިޔާވެރިކަން އިސްކޮށްފިނަމަ އަނެއްކާވެސް ދިވެހިން ނޫނެކޭ ބުނާނެއެވެ. އެއީ ފަހަރުގައި ފަސް އަހަރަށް ވުރެ ކުރިން ކަމަށް ވުމަކީވެސް އެކަށީގެން ނުވާ ކަމެއް ނޫނެވެ. ތާރީޚް އޮތީ އެކަން ދައްކައިދީފައެވެ.

ތާރީޚަކީ އިއާދަވާ އެއްޗެއް ނަމަ ތަކުރާރުވަމުން ދާހެން މިހާރު ހީވަން އުޅެނީ 2008 ގައިވެސް ދެއްކި އަސްލު ސޫރައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު