ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ފަހު، ފާހަގަޖަހާ އިނގިލި، ވާތު މެދު އިނގިލީގެ ބަދަލުގައި ކަށި އިނގިއްޔަށް ބަދަލުކޮށްފިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ފަހު، ފާހަގަ ޖަހާފައިވަނީ ޝަހާދަތް އިނގިލީގައެވެ. އީސީން މީގެ ކުރިން ނިންމާފައި އޮތީ ދެވަނަ ބުރުގައި މެދު އިނގިލީގައި ފާހަގަ ޖަހާ ގޮތަށެވެ.
އެކަމަކު، ފާހަގަޖަހާ އިނގިލި ބަދަލުކުރުމަށް ކޮމިޝަނުން ނިންމި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބެއެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި 46 ޕަސެންޓް ކާމިޔާބު ކުރެއްވި ޕީޕީއެން، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި 39 ޕަސެންޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.