ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ މުސްލިމަކަށް ވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށާއި އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެ ކަމެއް ކަމަށެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުން ނަމާދަކީ ލޮލުގެ ފިނިކަމެވެ. އަދި ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ނަމާދު ލައްވައިފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދީ، ކާމިޔާބާއި ނަޞްރު ލިބުމަށް މަގުފަހިކޮށްދޭ އަޅުކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީކުރާ ކަމެއްކަމަށާއި، އަދި އުނދަގޫ ޙާލުގައި ވެސް ފުރިހަމައަށް ވުޟޫކުރުމާއި، މިސްކިތަށް ހިނގާ ފިޔަވަޅު ގިނަކުރުމާއި، އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރުމަކީ ކުދި ފާފަތައް ފިއްލަވައި، ދަރަޖަތައް އުފުލިގެންދާނޭ ކަމެއްކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.
“ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެކެވެ.” ޚުޠުބާގައި ބުންޏެވެ.
ޤިޔާމަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައިކަމަށާއި، ނަމާދު ރަނގަޅުވެއްޖެނަމަ ކާމިޔާބުވެ، ފާސިދުވެއްޖެނަމަ ނާކާމިޔާބުވާނެކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ކޮންމެ މުސްލިމަކު ވެސް ނަމާދުތަކަށް ފަރުވާކުޑަކުރުމުން ދުރުހެލިވެ، ދުވަހީ ތާވަލުގައި އެކަމަށް ސަމާލުކަން ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.






