އަތޮޅު ކައުންސިލްތައް އުވާލުމާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ދެކޮޅަށް ދ. ކުޑަހުވަދޫ ރައްޔިތުން އިއްޔެ އެރަށުގައި މުޒާހަރާ ކޮށްފިއެވެ.
ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ސުލްހަވެރި މުޒާހަރާގައި އެ ރަށުގެ ގިނަ ބަޔަކު ބައިވެރިވިކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު އީވާ އަށް ވަނީ މައުލޫމާތު ދީފައެވެ.
މި މުޒާހަރާގައި، ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަމާނުއްސުރެ ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ ތިން ކައުންސިލަރުންނާއި، 2000 އަށް ވުރެ ބޮޑު ނަމަ ފަސް ކައުންސިލަރުން އިންތިހާބު ކުރުމަށް ހިމެނެ އެވެ. އަދި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ލާޒިމު ކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ވެސް ކައުންސިލަރުންގެ އަދަދަށް ހަމަޖައްސާފައިވެ އެވެ.
މި ބިލްގައިވާ އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެއެވެ.
އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައި ވުމާއި ކައުންސިލްތަކުން ރަސްމީކޮށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ކަނޑައަޅާފައި ވެއެވެ.
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ، 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު، އަދި 231 ވަނަ މާއްދާގެ ށ. ގައިވާ އަތޮޅު ކައުންސިލާ ގުޅޭ ބަސް އުނިކުރުމަށް ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.






