ރޯދަ އަޅުކަމަކަށްވާނެގޮތް

OB-TW050_iramad_H_20120723014723.jpg

އަޅުކަންތައްތަކަކީ، ހަމައެކަނި ނަމެއްގައި ކޮށްލުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ ކަންތައްތަކެއްނޫނެވެ. އެއީ އެކަންތައްތަކުން ﷲގެ އަޅުތަކުންނަށް އެތައްއެތައް މަންފާތަކެއް ލިއްބައިދޭގޮތަށް މާތްﷲ ޝަރްޢުކުރައްވާފައިވާ އަޅުކަންތައްތަކެކެވެ. އެގޮތުން ރޯދައަކީ، ޞިއްޙީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި،އަޚްލާޤީގޮތުންނާއި، އަދި ރޫޙާނީގޮތުން ވަރަށްގިނަގުނަ ފައިދާތަކެއް ކުރާނޭ އަޅުކަމެކެވެ.

ކީރިތިޤުރްއާނުގައި މާތްﷲ ވަޙީކުރައްވަނީ،( يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ) (އަލްބަޤަރާ183)                   މާނައީ، “އޭ އީމާންވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެމީހުންގެމައްޗަށް ރޯދަ ފަރްޟުކުރެއްވިފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރްޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.” އިސްވެދިޔަ ބަސްފުޅުން ދޭހަވާގޮތުގައި ރޯދަ އަކީ، ހުރިހާ އުންމަތްތަކަކަށްވެސް މާތްﷲ ފަރްޟުކުރައްވާފައިވާ އަޅުކަމެކެވެ. އަދި ރޯދައަކީ،މީސްތަކުން ނުބައިކަންތަކުން ދުރުހެލިކޮށް މާތްﷲގެ އަމުރުފުޅުތަކާ އެއްގޮތަށް އުޅުމަށް މަގުފައިވެގެންދާނޭ ކަމެކެވެ. އެގޮތަކީ، ފަޖްރުއްޞާދިޤުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން، ނުކައިނުބޮއި ތިބޭތިބުން، ފައިދާހުރި ކަމެއްގެގޮތުގައި(އެބަހީ: ﷲގެ ދަރުމައާއި ޘަވާބުލިބެނިވި ކަމެއްގެގޮތުގައި) ވެގެންދާނީ، މާތްﷲ ނަހީކުރައްވާފައިވާ އެންމެހާ ކަންކަމުން ދުރުހެލިވެގެންނެވެ. ކީރިތިމާތް ނަބިއްޔާޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނީ، (من لم يدع قول الزور والعمل به فليس لله حاجة أن يدع طعامه وشرابه) (رواه البخاري) އިސްވެދިޔަ ބަސްފުޅުން ދޭހަވާގޮތުގައި ރޯދައިގެ ދަރުމައާއި ޘަވާބު ރޯދަވެރިޔާއަށް ލިބޭނީ، ދޮގުހެދުމާއި،ޣީބަބުނުމާއި. ދެބައޮޑުވުމާއި، އަދި މިނޫންވެސް ބޭކާރުވާހަކަތާއި، މަކަރުވެރި ޢަމަލުތަކުން ދުރުހެލިވެގެންނެވެ. މިގޮތަށް ޢަމަލުތައް ނުބަހައްޓާނަމަ، ރޯދަވެރިޔާއަށް އޮތީ ހަމައެކަނި ކަރުހިއްކުމާއި، ބަޑުހައިކަމެވެ. އަޅުގަނޑުމެންނީ އެންމެހާ ނުބައިކަންތައްތަކުން ދުރުހެލިވެ ތިބެ، ﷲގެ ދަރުމައާއި ޘަވާބަށްއެދި ރޯދަ ހިފާ ބަޔަކުކަމުގައި ލައްވާށީއެވެ. އާމީން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top