އޭދަފުށީގައި ކުނި މެނޭޖްކުރާ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި

DSCN3579.jpg

އޭދަފުށީގެ ކުނިގޮނޑު - އީވީ ފޮޓޯ

ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްވެފައި ނެތް އޭދަފުށީގައި ކުނި މެނޭޖްކުރާ މަރުކަޒެއް އަޅަން ބަޔަކާ ހަވާލު ކޮށްފިއެވެ.

ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން އޭދަފުށީގައި ކުނި މެނޭޖްކުރާ މަރުކަޒެއް ނުވަތަ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް އަޅަން ހަވާލު ކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން އާ އެވެ.

މިމަހުގެ ދެވަނަ ދުވަހު ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 3,152,229.91 ރުފިޔާ އެވެ. މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން 180 ދުވަސް (ހަ މަސް ދުވަސް) ތެރޭގަ އެވެ.

އެންވަޔަރންމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު ނިމުމުން، ރަށުފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒުން (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، ރީސައިކަލް ކުރެވޭ ކުނި ރައްކާކޮށް، އަދި ފަނާނުވާ ޒާތުގެ ރ. ވަންދޫގައި ހުންނަ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އޭދަފުށީގައި ހުންނަ ކުނި މެނޭޖްކުރާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނިން ކާދު ތައްޔާރުކުރެވޭ ސެމީ އޮޓަމޭޓަޑް ސިސްޓަމެއް ވެސް ތައާރަފު ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު އޭދަފުށީގައި ގާއިމްކޮށްފައި ހުންނާ  ކުނި މެނޭޖްކުރާ ސެންޓަރުގައި ބިއްލޫރި މުގުރާ މެޝިނަކާ ދަޅު ފިއްތާ މެޝިނެއް ހުރެއެވެ. އެހެންނަމަވެސް އެތަކެތީގެ ބޭނުން ނުކޮށް އަހަރުތަކެއް ވޭތުވެގެން ދިއުމާއެކު މެޝިންތައް ހމިހާރު ހުރީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ.

އޭދަފުށީގައި ޖަމާވާ ކުނިތަކުގެ ތެރެއިން ފަނާވާ ޒާތުގެ ކުނިން ކާދު ހަދަން ދަސްކޮށްދިނުމަށް ކުރީ ސަރުކާރުން ރާއްޖެއިން ބޭަރަށް މީހުން ފޮނުވައިގެން ވަނީ އެކަމުގެ ކޯސްވެސް ފުރިހަމަ ކޮށްފައެވެ. އެެހެންނަމަވެސް ކާދުއުފެއްދުމުގެ ބަދަލުގައި މި ކުނިތައްވެސް އުކާލަނީ ކަނޑަށް ނުވަތަ މޫދަށެވެ.

އޭދަފުށީގައި އަލަށް ގާއިމުކުރާ މި ނިޒާމާއެކު ރަށުގައި ކުނި އެންދުމާއި ޖަމާވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އެންވަޔަރންމަންޓް މިނިސްޓްރީން ބުންޏެވެ

އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ގާއިމުވުމުން ސިއްހަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

އެ މަޝްރޫޢު ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ޒޯން 2، 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top