މޫދަށް އެރި އުޅޭއިރުގައި، ފެހުރިހީގައި އަތްލުން މަނާކޮށް، އަމަލު ކުރަން ޖެހޭ ގޮތުގެ ތަފްސީލީ ގަވައިދެއް މިއަދު ސަރުކާރުން ގެޒެޓުކޮށްފިއެވެ.
އެގޮތުން، ސަރުކާރުން މިއަދު ގެޒެޓުކޮށްފައި ވަނީ ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވައިދުގެ ޖަދުވަލު ހައެއްގެ ފަހަތަށް ބ. ގެ ގޮތުގައި އިތުރުކޮށްފައިވާ އަކުރެކެވެ. އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ ގެޒެޓުކުރާތާ ތިން މަސް ދުވަސް ފަހުންނެވެ.
އެ ގަވައިދުގައި ވަނީ ފެހުރިއްސާ މެދު އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައެވެ. އޭގެތެރޭގައި، ގަވައިދާ ޚިލާފު ނުވަތަ ކުރުން މަނާ ކަންތައްތަކެއް ހިމެނެއެވެ. ފެހުރިހީގެ ގައިމަތިން އުޅަނދުތައް ދުއްވުމަކީ މަނާ ކަމެއް ކަމަށްވާއިރު، ފެހުރިއްސެއް ފެނުމުން އެތަކެތި ދަތުރުކުރާ ދިމާލަށް ހުރަސް ނޭޅުމަށް ބުނެފައިވެއެވެ.
ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ކޮންޓެކްޓު ޒޯނުގައި ހަރަކާތްތެރިވެވޭނީ ފަހަރަކު ތިން އުޅަނދަށެވެ. އެ ޒޯނުގެ ތެރޭގައި ފަސް ނޮޓަށްވުރެ ބާރަށް ދުއްވުން މަނާކޮށްފައިވާއިރު، ފެހުރިއްސާ ކައިރިން ދުއްވަން ޖެހޭނީ ދެ ނޮޓަށް ވުރެ މަޑުންނެވެ.
ފެހުރިހި ބަލަން ކޮންޓެކްޓު ޒޯނަށް ފޭބޭނީ އުޅަނދަކުން ބާރަ މީހުންނަށް ކަމަށާއި ކޮންމެ މީހަކަށް މޫދުގައި އޮވެވޭނީ 15 މިނެޓު ވަންދެން ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިކަންތައްތަކުގެ އިތުރުން ފެހުރިއްސާ މެދު އަމަލުތައް ބަހައްޓަންވީ ގޮތުގެ ގިނަ ކަންތައްތަކެއް އެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
ފެހުރިހި ބެލުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބެދުގައި މަގުބޫލު ހަރަކާތެކެވެ. އަދި ފެހުރިއްސާއެކު ފޮޓޯނެގުމަކީ ރާއްޖޭގައި އާންމުކަމެކެވެ.