އުނދަގޫ ދޮޅުއަހަރަށް ފަހު ދަރިވަރުން ބޮޑު ޗުއްޓީއަށް

DSCN9866.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު --އީވީ ފޮޓޯ

ދިގު ދެމިގެންދިޔަ ދޮޅު އަހަރުގެ ދިރާސީ އަހަރަކަށް ފަހު އަހަރުގެ މެދުތެރެއިން ސްކޫލުތަކުގެ ބޮޑު ބޮޑުޗުއްޓީ މިއަދު ފަށައިފި އެވެ.

މިއީ، ކޮވިޑާ ގުޅިގެން، ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު، އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމުމާއި ފެށުމުގެ ފުރަތަމަ އަހަރުވެސް މެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓު ފޮތް ދޭނީ އޮންލައިންކޮށް ކަމަށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ދަރިވަރުންނަށް ފީޑްބެކް ދިނުމަށް ސްކޫލަށް ހާޒިރުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑު-19 ގެ ސަބަބުން މިދިޔަ އަހަރު ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމުން ދިރާސީ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފައި ވެ އެވެ. އެއީ، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށް، ކިޔެވުން ފަށާ ދުވަސްވަރު އަހަރުގެ މެދުތެރެއަށް ބަދަލުކުރުމެވެ. އެހެންވެ، މިއަދު މި ނިމުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ފެށި ދިރާސީ އަހަރެވެ.

ބަލީގެ ހާލަތު ގޯސްވުމުން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މި އަހަރު ގިނައިން ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ. އާއްމު ހާލަތުގައި އޮތް ރަށްރަށުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދީފައި ވެ އެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން، މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އޮގަސްޓް 10 ގަ އެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިޑްޓާމް ބަންދެއް ލިބޭނީ އަންނަ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެ އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ. މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top