ރަމަޟާންމަހަށް ފަހުވެސް ހެޔޮ އަމަލު ކުރުންމަތީ ދެމި ތިބެން ޖެހޭ: ޚުތުބާ

413454_3_59939527150385d0fd96808baa3cfb1edc71b98a_large-1.jpg

އޭދަފުށި، މަސްޖިދު މުހައްމަދު އަލީ

ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދިޔަ ނަމަވެސް، މަރުގެ ވަގުތު ޖެހެންދެން ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

”ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!“ މި މައުޟޫޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކަށް އޮތް ކަމެއް ނޫނެވެ. އެއީ މުޅި ހަޔާތުގައި ދަމަހައްޓަންޖެހޭ ކަމެކެވެ.

ހުތުބާގައި ބުނިގޮތުގައި، މާތް ﷲ އިންސާނުން ޚަލްޤުކުރައްވައި އަޅުކަން ކުރުން ވާޖިބު ކުރައްވާފައިވަނީ މުޅި އުމުރަށެވެ. ރަމަޟާން މަހަކީ އަޅުކަންތައް އިތުރުކޮށް، ހެޔޮކަމުގެ މޫސުމުގެ ބޭނުން ހިފުމަށް ލިބުނު ފުރުސަތެއް ކަމަށާއި، އެ މަސް ނިމުމަކީ އަޅުކަންތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

ރަމަޟާން މަހަށް ފަހު އަންނަ ޝައްވާލު މަހުގެ ހަ ރޯދައިގެ މާތްކަމުގެ މައްޗަށްވެސް ޚުތުބާގައި އަލިއަޅުވާލެއްވި އެވެ. ޝައްވާލު މަހުގެ ހަ ރޯދައަކީ ހެޔޮކަމަށް އެދޭ މީހުންނަށް ދެއްވި ބޮޑު ނިއުމަތެއް ކަމަށާއި، އެ ރޯދަތައް ހިފުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.(مَنْ صَامَ رَمَضَانَ، ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ) މާނައީ: ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރުދުވަހު ރޯދަހިފިފަދައެވެ.

މީގެ އިތުރުން، ގިނަގިނައިން ތައުބާވެ އިސްތިޣުފާރު ކުރުމަށްވެސް ޚުތުބާގައި ވަނީ ބާރުއަޅުއްވާފަ އެވެ. މާތް ﷲ އީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވާ، ކޯފާއަށްވުރެ ރަހުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެ ކަން ހަނދާން ކޮށްދިނުމާއެކު އެކަލާނގެ ރަހުމަތުގެ ދޮރުކޮޅަކީ ކޮންމެ މީހަކަށްވެސް ހުޅުވިފައިވާ ދޮރުކޮޅެއް ކަމަށް ޚުތުބާގައި ވިދާޅުވި އެވެ.

ރަމަޟާން މަހު ފަރުޟު ފަސް ނަމާދަށް ރައްކާތެރިވި ފަދައިން، އެ މަސް ނިމުމަށްފަހުވެސް އެގޮތުގައި ދެމިތިބުމަށާއި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމާއެކު ކިތަންމެ މަދުން ނަމަވެސް ހުއްޓާނުލައި ހެޔޮ އަމަލުތައް ކުރުމަކީ ނަބަވީ މަންހަޖު ކަމަށް  ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top