ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމް ކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 350.9 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމަކާއި 300 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލްކޮށްފައި ވެއެވެ.
ފެނަަކައިން ލަފާކުރި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު ގާތްގަނޑަކަށް 165,189 ލީޓަރު ސަލާމަތް ކުރެވޭނެ އެވެ. މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެގެން ދާނެއެވެ.
މި މަޝްރޫޢަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ވަނީ 53 މެގަވޮޓުން 110 މެގަވޮޓަށް އިތުރުކުރެވިފައެވެ.
މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެ، ބޭރު ފައިސާ ހިފެހެއްޓުމަށާއި އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ‘އެސްޕަޔަރ’ އަދި ‘އެރައިޒް’ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އިތުރު 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.







