އިނގިރޭސިވިލާތުގެ މަޝްހޫރު ކޮންޑެނާސްޓް ޓްރެވަލާސް މަޖައްލާއިން ހޮވާ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު 30 ރިސޯޓްގެ ތެރޭގައި ބ.އަތޮޅުގައި ހިންގާ 3 ރިސޯޓު ހިމެނިއްޖެއެވެ.
ކޮންޑެނާސްޓްއިން “ރީޑާސް ޗޮއިސް އެވޯޑް”ގައި މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަ ސަތޭކަ ހާހަށްވުރެ ގިނަ މީހުން ވޯޓް ދީފައިވާކަމަށް އެމަޖައްލާއިން ބުނެއެވެ.
މިފަހަރުގެ އެވޯޑްގައި އިންޑިއާ ކަނޑުގައި އޮޕަރޭޓްކުރަމުން އަންނަ އެންމެ ރަނގަޅު 30 ރިސޯޓްގެ ތެރޭގައި މިލިސްޓުގެ ގަދަ 10 ގައިވެސް ހިމެނެނީ ވެސް ރާއްޖޭގެ ރިސޯޓްތަކެވެ.
ލިސްޓުގެ އެއްވަނަ ލިބިފައިވަނީ އަނަންތަރާ ބްރޭންޑުގެ ދަށުން މާލެ އަތޮޅުގައި ހިންގާ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓަށެވެ. މިއީ އެރިސޯޓުން މި އެވޯޑު ވިދިވިދިގެން ހޯދި 3 ވަނަ ފަހަރެވެ.
ގަދަ 30ގެ ތެރޭގައި ހިމެނޭ ބ.އަތޮޅުގެ ރިސޯޓު ތަކަކީ އަންނަތަރާ ކިހަވައް ވިލާސް އާއި ސޮނެވާފުށި އަދި ފޯރ ސީޒަން އެޓް ލަނޑާ ގިރާވަރު ރިސޯޓެވެ.
ކޮންޑެނާސްޓް ޓްރެވަލާސް މަޖައްލާއިން ހޮވާ ރީޑާސް ޗޮއިސް އެވޯޑްސްއަކީ 1998 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުގައި އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ރިސޯޓްތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އެންމެ ރަނގަޅު ރިސޯޓްތަކާއި ހޮޓާތަކާއި، ޓުއަރ އޮޕަރޭޓަރުން، އަދި އެއަރލައިންތަކާއި އެއަރޕޯޓްތައް ހޮވައެވެ.