އެސްޓީއޯ، އޭދަފުށީ ފިހާރައިން ވިއްކަމުން ގެންދާ ކާޑުގެ ބާވަތްތަކުގައި މިހާރު އެއްވެސް މައްސަލަ އެއް ނޫޅޭނެ ކަމަށް އެފިހާރައިން ހާމަ ކޮށްފި އެވެ. މިކަން ހާމަ ކޮށްފައި މިވަނީ އެސްޓީއޯ، އޭދަފުށީ ފިހާރައިން އިން ވިއްކަމުން ގެންދާ ހަނޑުލުގައި މަައްސަލަ އުޅޭ ކަމަށް ރަށުތެރޭގައި ފެތުރެމުންދާ ވާހަކަތަކުގެ ހަގީގަތް ހޯދާލުމަށް އެފިހާރައަށް ގުޅާލުމުން، އެފިހާރައިގެ ސީނިއާ މުވައްޒަފެކެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން އައި ހަނޑޫ ޝިޕްމަންޓުގެ ބައެއް ބަސްތާތަކުގައި ކޮންމެވެސް ވަރަކަށް ހިލަ ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އެކަމުގެޝަކުވާ ރައްޔިތުންގެ ތެރެއިން އައުމާއެކު ހެޑް އޮފީހާ ވާހަކަ ދައްކައިގެން އޭގެ ބަދަލުގައި ރައްޔިތުންނަށް ވިއްކަމުން ގެންދިޔައީ މައްސަލަ އެއްނެތް ހަނޑޫ ކަމުގައެވެ.
“ހަނޑުލުގައި ކޮންމެވެސް ވަރަކަށް ހިލަ ހުރުމުން މިދޭތެރެއިން ރައްޔިތުން އެެޝަކުވާ ކުރީމާ އެ ކަމު ނުގޮސްގެން އަނބުރާ ގެންނަ މީހުންނަށް ރަނގަޅު އެއްޗިއްސަށް ބަދަލު ކޮށްދީފަ ހުންނާނީ. އެއީ އާއްމު ކޮށް މިކަން ކުރަމުން ގެންދާ އުސޫލު.” އޭނާ ވިދާޅުވިއެވެ.
އޭދަފުށީގެ އަންހެނަކު ބުނީ އެސްޓީއޯ އިން ގަތް ހަނޑުލުގައި ގިނަ އަދަދަކަށް ހިލަ ހުންނާތީވެ މިހާރު އެސްޓީއޯއިން ހަނޑޫ ގަތުން ހުއްޓާލައިފިން ކަމަށެވެ.
“ފުދޭ ވަރަކަށް ހިލަ ހުރޭ. ހަމަ އެއާއެކު ވަރަށް ބޮޑަށް ހޮވަންވެސް ޖެހޭ. އެވަރަށް ހޮވައިގެން ކެއްކިޔަސް ހިލައިން ސަލާމަތެއް ނުވެވޭ. އެހެންވެ މިހާރު ބޭނުން ކުރަނީ ބާސްމަތީ ހަނޑޫ.އަގުބޮދަސް މިނޫންގޮތެއް ނެތް.” ނަން ހާމަކުރަން ނޭދޭ އޭދަފުށީގެ އަންހެނަކު ބުންޏެވެ.
މިނޫނަސް ކިތަންމެ ބަޔަކު އެސްޓީއޯ އިން ވިއްކާ ހަނޑޫ، ކެއުމަށް ބޭނުންކުރަން ކަމުނުދާ ކަމުގެ ޝަކުވާ ކުރެއެވެ.
“ތިޔައީ ހިނގައި ދިޔަކަމެއް. އެކަމަކު މިހާރު އެމައްސަލަ ޖެހިގެން ވަރަށް ނާދޭ. ފުރަތަމަ ކޮޅުގައި މަައްސަލަ ފާހަގަ ކުރެވުމާއެކު ބަސްތާ ކަނޑާފައި ރައްޔިތު މީހާއަށް ދައްކާފައި ރަނގަޅު ކަމަށް ގަބޫލު ކުރީމާ ވިއްކަމުން ގެންދިޔައީ.”
އޭނާ ވިދާޅުވީ މިއީ ހަމައެކަނި މިސަރުކާރުގައި ދިމާވި މައްސަލައެއް ނޫން ކަމާއި ކުރީ ސަރުކާރުގައިވެސް ބައެއް ފަހަރު މި މައްސަލަ ދިމާވާ ކަމުގައެވެ.
އެކަމަކު މިހާރު ވިއްކާ ހަނޑުލުގައި ހިލަ ނުހުންނާނެކަމުގެ ޔަގީން ކަން ދެއްވަމުން އޭނާ ވިދާޅުވީ އެހެން ހުރި ހުރިހާ ހަނޑުލެއް މިހާރު ހުންނާނީ ވަކިކޮށްފައި ނައްތާލަން ތައްޔާރު ކޮށްފައެވެ.
“މީގެ ދެމަހެއްހާ ދުވަހު ކުރިން ލިބުނު އެ ޝިޕްމަންޓްގައި ހުރި ކެއުމަށް ބޭނުން ކުރަން އެކަށީގެން ނުވާ ކަމަށް ފެންނަ ހުރިހާ ހަނޑުލެއް ހުންނާނީ ވަކިކޮށްފައި. އެ އެއްޗެތި ނައްތާލުމުގެ މަސައްކަތް ކުރެވެމުން އެބަދޭ.”
އޭނާ ވިދާޅުވީ ކާޑުގެ އާ ޝިޕްމަންޓެއް އެބަ އަންނަކަމަށާ މިހާރު އޮތީ ދޯންޏަށް ލޯޑު ކޮށްފައި ފުރުމުގެ މަގުމަތީގައެވެ.
ދިވެހި ރައްޔިތުން ކެއުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެެރެކޮށް ވިއްކަމުން ގެންދަނީ އެސްޓީއޯ އިންނެވެ.