ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                30ނޮވެމްބަރ އާއި ގުޅޭ

އީމާންކަން އިތުރުވުން

ސައިންސްވެރިއަކު ބުނެފައިވެއެވެ. “އަހަރެންގެ ދީނަކީ ފިޠުރަތުގެ ކަންތައްތައް މުޠާލަޢާ ކުރުމެވެ. ފިޠުރަތުގެ އައު ކަމެއް ނު ހޯދޭ ދުވަހެއް ނަމަ އަހަރެން ދެކޭގޮތުގައި އެދުވަސް ބޭކާރުވެގެން ދިޔައީއެވެ.” މިއީ މަޚުލޫޤުންނާ އެކީ ދިރިއުޅޭ މީހުންގެ ޙާލު ހުންނަ ގޮތެވެ. މިކަހަލަ މީހަކާއި، ހެއްދެވި ފަރާތާ ނުވަތަ ޚާލިޤާ އެކީ ދިރިއުޅޭ މީހަކާ ދެމެދު ހުންނަ ތަފާތަކީ ކޮބައިހެއްޔެވެ؟ ސައިންސްވެރިޔާ ކޮންމެ ދުވަހަކު މަޚްލޫޤުންނާ ބެހޭ ކޮންމެވެސް އައު ކަމެއް ހޯދަނީއެވެ. ރަނގަޅު މުއުމިނަކު ކުރަންޖެހޭ ކަމަކީ ކޮންމެ ދުވަހަކު ﷲ އާ ބެހޭ ގޮތުން އޭނާގެ އީމާންކަން އިތުރުވެގެންދާ ފަދަ އައު ކަމެއް ހޯދުމެވެ. މިފަދަ ކަމެއް ނުފެންނަ ކޮންމެ ދުވަހަކީ މުއުމިނަކަށް ބޭކާރުވެގެންދާ ދުވަހެކެވެ.

އީމާންކަމަކީ ﷲ މަޢްރިފާ ކޮށް ގަތުމަށް ކިޔާ ނަމެކެވެ. ﷲ އަކީ ފެށުމެއް، ނިމުމެއްނެތް، ދިރި ދެމިގެންވާ ޙަޤީޤަތެކެވެ. ވުމާއެކު ﷲ މަޢްރިފާ ކޮށް ގަތުމަކީވެސް ނިމުމެއްނެތް ސިލްސިލާއެކެވެ. އެއް ދުވަހުން އަނެއް ދުވަހަށް އީމާންކަން އިތުރުވެގެން ނުދިއުމަކީ ޣާފިލު ކަމުގެ ބާވަތެކެވެ. އެ ފަދަ އީމާން ކަމަކަށް ޙަޤީޤީ މާނައިގައި އީމާން ކަމެކޭ ނުކިޔޭނެއެވެ.

ހިތާއި، ސިކުނޑީގައި ﷲ ގެ އިސްމުފުޅު ހަރުލާފައިވާ މީހެއްގެ ހިތުގައި އަބަދުވެސް އޮންނާނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ އައު ހޯދުންތައް ހޯދުމުގެ އެދުމެވެ. އޭނާއަށް ހަ ފަރާތުން ފެންނާނީ އެކަލާނގެ ދީލަތިވަންތަކަމުގެ އަސަރެވެ. ﷲ ގެ ކުޅަދުންވަންތަކަމަށް ނިމުމެއް ނޯންނަ ފަދައިން ފުރިހަމަ މުއުމިނެއްގެ މަޢުރިފާގެ ދަތުރަކަށްވެސް ނިމުމެއް ނޯންނާނެއެވެ.

އައު މަޢުރިފާ ފެންނަނީ އޭނާއަށް އޭގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ އިލާހީ މަންޒަރުތަކެއްގެ ސިފައިގައެވެ. އޭނާގެ ދުލުން ބޭރުވާ ދުޢާގެ ލަފުޒްތައް ވެގެން ދަނީ އޭގެ ކުރިން އޭނާގެ ހިތަށްވެސް ނާރާފަދަ ލަފްޒު ތަކެއް ކަމުގައެވެ. ﷲ ގެ ޙިކުމަތްތަކުގެ ތެރެއިން އޭނާއަށް އަލަށް އެނގޭ ޙިކުމަތަކީ އޭގެ ކުރިން ދުވަހަކުވެސް އަޑުވެސް ނާހާ ފަދަ ކަމަކަށް ވެއެވެ. އޭގެ ކުރިން ދުވަހަކުވެސް ކުއްތަން ނުވެވޭ ވަރަށް އޭނާއަށް ﷲ އާ ކުއްތަން ވެވެނީއެވެ. އޭނާގެ ކުރިމައްޗަށް ފައުޅުވާ ޙަޤީޤަތް ސިފަކޮށް ދިނުމަކީ އޭނާ ދަންނަ ހުރިހާ ބަހެއްގެ ބޭނުން ކޮށްގެންވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.

ﷲ އަށް ޒިކުރު ކުރުން

ޒިކުރު ގެ މާނައަކީ ހަނދާން ކުރުމެވެ. ﷲ އަށް ޒިކުރު ކުރުމަކީ ﷲ ގެ މަތިން ހަނދާން ކުރުމެވެ. މި ހަނދާނަކީ މަޞްނޫޢީ އެއްޗެއް ނޫނެވެ. އެއީ ﷲ ގެ މަޢުރިފާ ކުރެވުމާއެކު ނުކުންނަ ލާޒިމީ ނުވަތަ ޤުދުރަތީ  ނަތީޖާއެއް ނޫނެވެ.

ﷲ ގެ ކުޅަދުންވަންތަކަމާއި، ޖައްބާރުވަންތަކަން ރަނގަޅަށް ހިތަށް ވަނުމުން ހިތުގައި ރޫޙާނީ ހަލަބޮލި ކަމެއް އުފެދިގަނެއެވެ. އޭގެ ފަހުން އޭނާގެ ހިތަކުން ﷲ ގެ ނަންފުޅު ފިލައިގެންނެއް ނުދެއެވެ. ތާ އަބަދު އެކަލާނގެ ހަނދާން ކުރުން މަތީ ދެމި ހުރެވޭ ގޮތް ވެއެވެ. ބައެއް ފަހަރަށް މި ހަނދާންތައް ހުންނަނީ ހިތުގައެވެ. ބޭރަކަށް ފާޅެއް ނުވެއެވެ. ބައެއް ފަހަރަށް ޙަމްދާއި، ޝުކުރާއި، ޚުޝޫޢަތުގެ ޢިބާރާތްތަކެއްގެ ސިފައިގައި ދުލުން ބޭރުވާން ފަށައެވެ. އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މި ޙާލަތަށް ކިޔަނީ ﷲ ހަނދުމަކުޅައުމެވެ.

އިންސާނާ ކާއިނާތުގެ ތަރިތަކާއި، އިރު ހަނދުގެ ހިނގުމުގެ މައްޗަށް ފިކުރު ހިންގައެވެ. ކުއްލިއަކަށް އޭނާ އަށް ގޮވާލެވެއެވެ. މި ހުރިހާ ތަކެއްޗެއް، މިހައި ރަނގަޅު އިންތިޒާމެއްގެ މަތިން ހައްދަވައި، ހިންގަވާ ފަރާތުގެ ކުޅަދުންވަންތަކަމާއި، މަތިވެރިކަމުގެ ބޮޑު ކަމާއެވެ!

އިންސާނާ ގަސްގަހާ ގެއްސާއި، ފަރުބަދަ ތަކާއި، ކޯރުތަކުގެ ޢަޖާއިބު ވަނިވި މަންޒަރުތައް ދެކި، އެ ތަކެތީގެ ރީތިކަމާއި، ފުރިހަމަކަން ހިތަށް ވަދެ ޙައިރާންވެ އަންތަރީސް ވެއެވެ. އެތަކެތީގެ ސަބަބުން އޭނާގެ ސަމާލުކަން ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދިމާއަށް އަނބުރާލައެވެ. ﷲ ހަނދުމަކުޅައުން ގިނަ މީހެއްގެ ގޮތުގައި އޭނާ ހިމެނިގެން ދެއެވެ.

މި ދެންނެވި ފަދަ ގޮތަކަށް ވަނީ އޭނާ ލޮލަށް ފެންނަ މަންޒަރު ތަކާ މެދު ފުންކޮށް ވިސްނާނަމައެވެ. ތިމާގެ ކުށްތަކުގެ މަތިން ހަނދުމަ ކުރާ ނަމައެވެ. އެ ހިނދު އޭނާ ތަވާޟުޢު ވެރިކަމާއެކު ﷲ އަށް ކުރިމަތިލައި، މަޢާފަށް އެދި ދަންނަވަމެވެ. އާޚިރަތުގެ ޢަޒާބުން ސަލާމަތް ކުރައްވާތޯ އާދޭސް ދަންނަވައެވެ. އިންސާނާ ސަލާމަތަށް އެދި ވަންނާނޭ ހަމަ އެކަނި ހިޔަލެއްގެ ގޮތުގައި ﷲ ގެ ހިޔާވަހިކަން ހިމެނޭ ދުވަހު، އެ ހިޔަލުން ޖާގައެއް ދެއްވާތޯ ދަންނަވައެވެ. އިންސާނާއަށް އޭނާގެ ނުކުޅެދުންތެރިކަން އިޙްސާސް ކުރެވެއެވެ. އެ ވަގުތު އެއްވެސް އިޚްތިޔާރަކާ ނުލައި ގޮވައިލެވެއެވެ. އޭ ހައްދަވައި ބޮޑު ކުރެއްވި ކަލާނކޯއެވެ! އިބަ ކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ، ހުރިހާ ބާރެއްގެ މިލްކުވެރި ކަލާނގެއެވެ. މި އަޅާގެ ނިކަމެތިން ފިއްލަވައި ދެއްވައި، އިބަ ކަލާނގެ ރަޙުމަތުން އެއް ކިބާ ނުކުރައްވާ އަޅުންގެ ތެރޭގައި ލައްވައިފާނދޭވެ!

އިންސާނާގެ ހިތުގައި ރައްބާނީ އިޙްސާސްތައް އުފެދުމާއި، އެ އިޙްސާސްތަކަށް ލަފްޒުތަކެއްގެ ސިފަ ޖެއްސުމަކީ ޒިކުރު ކުރުމެވެ. ޒިކުރަކީ ﷲ ހަނދުމަ ކުޅައުމެވެ. އެންމެ ބޮޑު ޙަޤީޤަތުގެ މަތިން ހަނދާން ކުރުމެވެ. އެންމެ ބޮޑު ޙަޤީޤަތް ހަނދާން ކުރުމަކީ، އެންމެ ބޮޑު ތަޖުރިބާއެވެ. މި ފަދަ ތަޖުރިބާއެއްގެ ވާހަކަ ލަފްޒުތަކަކުން ބަޔާން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ﷲ ގެ ރުއްސެވުން ހޯދުން

މުމްބާއީގައި ހުރެފައި ކަލްކަތާއަށް ދާން ބޭނުންވާ މީހާ ފުރަތަމަ ކުރަންޖެހޭ ކަމަކީ މުމްބައި ދޫ ކުރުމެވެ. ކަލްކަތާއަށް ދެވޭނީ އޭރުންނެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރާ މީހުންނަކީވެސް ވަކި ވައްތަރެއްގެ ދަތުރުވެރިންނެވެ. މަންޒިލަށް ވާޞިލުވާން ބޭނުން މީހާ ކޮންމެހެން ކުރަންޖެހޭ ކަމެއް އޮވެއެވެ. އެއީ، މިހާރު ހުރި ތަން ދޫކޮށްލުމެވެ. ނުވަތަ ދޫކޮށްލަން ރުހިގެން ހުރުމެވެ. ﷲ އޭނާއަށްޓަކައި ތައްޔާރު ކުރައްވާފައިވާ މަންޒިލަށް ވާޞިލުވެ، އުފާވެރިކަން ހޯދައިގަނެވޭނީ އޭރުންނެވެ.

ދުނިޔޭގެ އުޞޫލު ހަމަޖެހިފައި އޮންނަ ގޮތުން އެއްޗެއް ހޯދަން ބޭނުންނަމަ ކޮންމެވެސް އެއްޗެއް ދޫކޮށްލަން ޖެހެއެވެ. މިއީ ދުނިޔޭގެ ލޭންދޭން އޮންނަ ގޮތެވެ.

ކާމިޔާބު ވިޔަފާރިވެރިއަކަށް ވާން ބޭނުންނަމަ އަތުގައި ހުރި ފައިސާ ޚަރަދު ކުރަން ޖެހެއެވެ. ދަނޑުގޮވާން ކުރަން ބޭނުން ނަމަ ފުރަތަމަ ޖެހެނީ އަތުގައި ހުރި މުޑުވައް ވަޅުލާށެވެ. ބިމުގެ ވެއްޔާ އެއްކޮށްލާށެވެ. ދުރަށް ވިސްނައިގެން ކަމެއް ރާވަން ބޭނުންނަމަ ތިމާގެ ހިތުގެ އެދުންތަކުގެ މައްޗަށް ގަދަވެގަންނަން ޖެހެއެވެ. މުއްސަނދިވާން ބޭނުންނަމަ ބޭކާރު ޚަރަދު ކުރުން ހުއްޓާލަން ޖެހެއެވެ.

ޒައްރާ ނުވަތަ އެޓޮމް ކުދިކުދިނުވެ އެޓަމިކް ހަކަތަ ނުވަތަ ބާރު ހޯދޭނޭ ގޮތެއް ނޯވެއެވެ. ބިމުގައި ވަޅުލާ އޮށް ފަޅައިގެން ނުގޮސް އެއަކުން ގަހެއް ނުފަޅައެވެ. ޒާތީ ބޭނުންތައް ޤުރުބާން ނުކުރާ މީހަކަށް މުޖްތަމަޢުގެ ފައިދާއަށް އިސްކަން ދޭ މީހެއްގެ ނަމެއް ނުލިބޭނެއެވެ.

ﷲ ގެ މުޢާމަލާތްތަކުގެ އުޞޫލަކީވެސް މިއީއެވެ. ﷲ އަށް ބިރުވެތިވާ، ދީންވެރިއަކަށް ވެވޭނީ ތިމާގެ ހުރިހާ ކަމެއް ﷲ އެންގެވި މަގަށް ސީދާ ކުރީމައެވެ. ތިމާގެ ވުޖޫދު ހަނދާން ނައްތާލައި ﷲ ގެ މަގަށް އެނބުރި ނުގަންނަ މީހަކަށް ދީން ވެރިއަކަށް ނުވަތަ ކިޔަމަންތެރިއަކަށް ނުވެވޭނެއެވެ.

ﷲ ގެ ރުއްސެވުން ހޯދަން ބޭނުންނަމަ އަމިއްލަ އެދުންތަކުގެ މަތިން ހަނދާން ނައްތާލަން ޖެހޭނެއެވެ. އަމިއްލަ އެދުންތައް ފުއްދަން އުޅޭ މީހަކަށް ކުރެވޭނީ ހަމައެކަނި އެކަމެވެ. ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ.

ފައިޞަލާގެ ދުވަސް

އިންޑިއަން އެކްސްޕްރެސްގެ 9 ސެޕްޓެމްބަރ 1983 ގެ ނޫހުގައ އޮތް ޚަބަރެއްގެ ސުރުޚީ އަކަށް އޮތެވެ. “ވިދާހައި އެއްޗަކީ ރަނެއްނޫނެވެ.”

ޚަބަރުގައި އޮތީ މިސް ސިބިލްޑިސިލްވާ ނަމަކަށް ކިޔާ އަންހެނަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. ސިބިލް ދިރިއުޅެނީ ބެންގަލޯރުގެ އާރޓިލަރީ ރޯޑްގައި ހުންނަ ގެއެއްގައެވެ. އެއްދުވަހަކު އޭނާ ގޭގައި އިންދާ ޢުމުރުން 45 އަހަރު ވަރުގެ އަންހެނަކު އޭނާޔާ ބައްދަލު ކުރަން އަތުވެއްޖެއެވެ. އޭނާ އައީ ހަމަހަށްދާ ތުއްތުކުއްޖަކުވެސް ގޮވައިގެންނެވެ. އެ އަންހެންމީހާ ބުނިގޮތުގައި އޭނާގެ ފިރިމީހާ އުޅެނީ ވަރަށް ބޮޑަށް ބަލިވެއެވެ. ބޭހަށް ފަސްހާސް ރުފިޔާ ޚަރަދުވެއެވެ. އަންހެންމީހާ ޖީބުން ރަންހާރެއް ނަގާ ދައްކާފައި ބުންޏެވެ. “އަޅުގަނޑު މިއައީ ސަލާން ޖަހާ ކަށް ނޫނެވެ. މިއައީ މިހާރު ވިއްކާށެވެ. މިއީ އަޅުގަނޑަށް ވަރަށް ޢަޒީޒު އެއްޗެކެވެ. އެހެންނަމަވެސް ފިރިމީހާ ފުރިހަމަ ޞިއްޙަތެއްގައި ހުރުން މާ މުހިންމެވެ. މިއީ ދިހަހާހަށްވުރެވެސް އަގުބޮޑު ހާރެކެވެ. އެހެންނަމަވެސް މި ވަގުތު ކޮންމެހެން ފައިސާ ހޯދަންޖެހިފައި އޮތީމާ ފަސްހާހަށް ވިއްކާލަނީއެވެ.”

ސިބިލް އެ ހާރު ގަންނާކަށް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް އެ އަންހެންމީހާ ދުލެއް ނުކުރިއެވެ. އެންމެ ފަހުން ސިބިލްއަށް ޖެހުނީ ހާރު ގަންނާށެވެ.

އަނެއް ދުވަހު ސިބިލް އެ ހާރު ހިފައިގެން ގޮސް ބެންގަލޯރުގެ ކޮމާރޝަލް ސްޓްރީޓްގައި ހުންނަ ރަން ފިހާރައަކަށް ދައްކައިފިއެވެ. ފިހާރައިގައި ހުރި މީހާ އޭނާ ބަލަން އޮންނަ ހުރިހާ ގޮތަށް ބަލާފައި ހާރުގެ ޙަޤީޤަތް ހާމަކޮށްފިއެވެ. މި ޙާދިޘާ ފުލުހުންނަށް ކިޔައިދެމުން ސިބިލް ބުންޏެވެ. “އެމީހާ ބުނީ އެއީ ރަންވަންލޯ ހާރެއް ކަމަށެވެ.”

މިއީ އާޚިރަތުގެ ކަންތައް އޮންނާނޭ ގޮތެވެ. މި ދުނިޔޭގައި އެންމެންވެސް މި އުޅެނީ އެމީހެއްގެ އަމިއްލަ ކަންތައްތަކާއިގެން އަވަދި ނެތިއެވެ. ކޮންމެ މީހަކުވެސް ދެކެނީ އެމީހެއްގެ ޢަމަލުތަކަކީ “ރަން” ކަމުގައެވެ. އެހެންނަމަވެސް ރަން ރަނަށްވާނީ އެކަމާބެހޭ މާހިރަކު ބަލައި ޓެސްޓްކޮށް ރަނޭ ބުނީމައެވެ. އާޚިރަތްދުވަހުން ﷲ ހުރިހާ އެންމެންގެ ޢަމަލުތައް ބައްލަވާނެއެވެ. ބެއްލެވުމަށްފަހު “ރަން” ކަމަށް ސާބިތުވާ ޢަމަލެއްނޫނީ ރަނަކަށް ނުވާނެއެވެ. ސާބިތުނުވާ ޢަމަލުތައްވާނީ ލޮޔަށެވެ. ނުވަތަ ދަގަނޑަށެވެ. އެ ޢަމަލުތަކުގެ ސަބަބުން ލިބޭނީ ހައްތަހާވެސް ގެއްލުމެވެ. މިއަދު މާ އަގުބޮޑު ތަކެތި ކަމުގައި ދެކިގެން އިންސާނާ ބަގުޑި ބައްދައިގެން އުޅޭ ތަކެތީގެ އެއްވެސް އަގެއް އެ ދުވަހަކުން ނޯންނާނެއެވެ. އަދި އެތަކެތި ދޫކުރެވޭކަށްވެސް ނޯންނާނެއެވެ. އޭގެ ޒަރީޢާއިން ޢަޒާބު ލިބޭނެއެވެ. ދުއްތުރާލައި، އުނދަގޫ ފިޔަވައި އެހެން އެއްވެސް ކަމެއް އެ ތަކެތީގެ ފުށަކުން ނުލިބޭނެއެވެ.

އެދުވަހަކުން ވާނީ ކިހިނެއް؟

ހުރިހައި ކަމަކާއި، އެއްޗެއްގެ ވެރިޔަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ދުނިޔޭގައި އިންސާނުންނަށް ލިބޭ ހުރިހައި ނިޢުމަތަކީ އެކަލާނގެ ދެއްވާ ނިޢުމަތެވެ. ރިޒުޤު ދެއްވުމުގެ ކުޅަދާނަކަށް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެއެވެ. މީހަކަށް ޖާއިޒު ގޮތުގައި ލިބިފައިވާ އެއްޗެއް އެމީހެއްގެ ފަރާތުން ނިގުޅައިގަންނަން މަސައްކަތް ކުރާ މީހާ އެ މަސައްކަތް ކުރަނީ ﷲ ދެއްވާފައިވާ އެއްޗެއް ފޭރިގަންނާށެވެ.  ﷲ ގެ ރޭއްވެވުމެއް ބާޠިލު ކޮށްލާށެވެ.

ކޮންމެވެސް މީހަކަށް މި ދުނިޔޭގައި ދިރިއުޅޭނެ ގެއެއް ލިބެނީއެވެ. ބަޔަކު އޭނާ އެގެއިން ނެރެ މަގުމަތިކޮށްލަން މަސައްކަތް ކުރަނީއެވެ. އޭނާގެ ތަނަވަސް ކަމަކީ ޖާއިޒު ގޮތުގައި ހޯދާފައިވާ ތަނަވަސް ކަމެކެވެ. ބަޔަކު އޭނާގެ ތަނަވަސްކަން ނެތިކޮށްލަން ބާރު އަޅަނީއެވެ. އޭނާއަށް ލިބިފައިވަނީ ޤަދަރުވެރި އަދި އަބުރުވެރި އުޅުމެވެ. ބަޔަކު އޭނާގެ އަގު ވައްޓައިލާ، އަބުރު ނަގައިލާން މަސައްކަތް ކުރަނީއެވެ. އޭނާ ދިރިއުޅުން ވޭތުކުރަނީ އަމާންކަމާއި، ހިތްހަމަޖެހުމުގެ މާޙައުލެއްގައެވެ. ބަޔަކު އޭނާގެ ބޮލުގައި ތުޙުމަތު އަޅުވައި، އޭނާގެ އޮމާން، އަމާން ދިރިއުޅުން ހަލާކުކޮށްލަން ބާރު އަޅަނީއެވެ. މި ބާވަތުގެ ކޮންމެ ޢަމަލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޒާމަށް ހުރަސް އެޅުމެކެވެ. މިއީ ހުރިހާ ކަމެއްގެ ފުރިހަމަ ބާރާއި، އިޚްތިޔާރު ލިބިވޮޑިގެންވާ ހަމައެކަނި ފަރާތް، އާދެ، ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެކޮޅަށް އެކަލާނގެ ހެއްދެވި އަޅުން ކުރާ ހަނގުރާމަ އެކެވެ.

މި ރޭވުންތަކާއި، ޢަމަލުތަކުގެ މާނައަށް ވިސްނައިލަމާތޯއެވެ؟ އެނގި ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. ﷲ ރުހިވޮޑިގެންވަނީ ވަކިގޮތަކަށް ކަމެއް ހިނގާށެވެ. އެކަލާނގެ ހެއްދެވި އަޅުން ބޭނުންވަނީ އެހެން ގޮތަކަށް އެކަންތައް ހިނގާށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ރިޒުޤު ބައްސަވަން ކަނޑައަޅުއްވައި ހަމަޖައްސަވައިފައިވާ ނިޒާމު އަޅުތަކުންނަށް ކަމުނުދަނީއެވެ. ޤަބޫލު ނުކުރަނީއެވެ. ﷲ ގެ މި ނިޒާމާ ދެކޮޅަށް އަޅުތަކުން ކުރާ މަސައްކަތް ކާމިޔާބު ވާ ކަމުގައި ލޯ މައްޗަށް ފެންނަމުން ދެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ މި ދުނިޔެއަކީ އިމްތިޙާނަކަށް ވާކަމެވެ. ކަންތައްތައް ބަދަލުކޮށް ގަތުމުގެ އިޚުތިޔާރު އިންސާނުންނަށް ދެއްވައިފައިވާ ކަމެވެ. އިމްތިޙާނުގެ މުއްދަތު ހަމަވުމާއެކު މި އިޚްތިޔާރު ނިގުޅައި ގަނެވިދާނެއެވެ. ކަމެއް ބަދަލު ކުރުން ކީއްކުރަންތޯއެވެ؟ ކަމަކާ ދެކޮޅަށް އަނގަހުޅުވާލުމުގެ ބާރުވެސް ނެތި ހިނގައިދާނެއެވެ. މީހަކާ ދެކޮޅަށް ރޭވުމެއް ރާވާނޭ ހިތެއްވެސް އެދުވަހަކު ނޯންނާނެއެވެ.

މި ދުނިޔޭގައި އިންސާނާއަށް އިޚްތިޔާރުތަކެއް ލިބިފައި ވެއެވެ. މި ދުނިޔޭގައި ﷲ ރުއްސަވާ ގޮތާ ޚިލާފުވެ، ބައްސަވާ ރިޒުޤަށް ހުރަސް އަޅަން މަސައްކަތް ކުރުމުގެ ބާރު ދެއްވާފައި ވެއެވެ. އެކަމަކު މި އިޚްތިޔާރާއި، ބާރު ނިގުޅައިގަނެވޭ ދުވަހު އެފަދަ މީހެއްގެ ޙާލު ހުންނާނީ ކިހިނެއްތޯއެވެ؟ އެދުވަހަކުން ވާނީ ﷲ އަންގަވާ ގޮތަކަށެވެ. ﷲ ގެ އިރާދަފުޅާ ދެކޮޅު ހެދުމުގެ އިޚްތިޔާރެއް، ބާރެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. އެދުވަހަކުން ﷲ އަންގަވާނެއެވެ.

ތިމަން ﷲ ދެއްވަނީ ފެނިވޮޑިގަންނަވާ މީހަކަށެވެ. ތިމަން ﷲ ގެ ރުއްސެވުމާ ދެކޮޅު ހަދާނޭ މީހަކު އެބަހުރިހެއްޔެވެ؟

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top