“ވޯޓާ ސޭފްޓީ ޕްރޮގްރާމް”ގެ ދަށުން ބ.ދަރަވަންދޫގައި ބީޗް ސްކައުޓުން ބޭތިއްބުމަށް ޓޫރޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ދަރަވަންދޫގައި ބީޗް ސްކައުންޓުން ބޭތިއްބުމަށް ނިންމާފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓު އެނދު ގާއިމުކޮށްފައިވާ 19 ރަށެއްގައި ބީޗު ސްކައުޓުގެ ނަމުގައި ލައިފްގާޑުން ބޭއްތިބުމަށް ނިންމުމާ ގުޅިގެންނެވެ.
މި މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މާސްޓާ ޕްލޭންގައި ހިމެނޭ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުލުހުންނާއި އެމްއެންޑީއެފްއާ ގުޅިގެން ފައްޓާފައިވާ “ވޯޓާ ސޭފްޓީ ޕްރޮގްރާމް”ގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓު އެނދު ގާއިމުކޮށްފައިވާ 19 ރަށެއްގައި ބީޗު ސްކައުންޓުގެ ނަމުގައި ލައިފްގާޑުން ބޭއްތިބުމަށް ނިންމާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ބީޗް ސްކައުޓެއްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިންނަށް ސޭފްޓީ ބްރީފިން ދިނުމާއި އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މައުލޫމާތާއި މޫދަށް އެރިއުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބަލައި މީހުން މޫދަށް އެރި އުޅެނީ މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ސަރަހައްދުގެ ތެރޭގައިތޯ ބެލުން ކަމަށެވެ.
އޭގެ އިތުރުން މޫދަށް އެރިއުޅުމުގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރުމާއެކު މޫދަށްއެރެން ކަނޑައެޅިފައި އޮންނަ ސަރަހައްދަކީ މޫދަށް އެރޭ ފަރާތްތަކަށް ރަހުމަތްތެރި އަދި ރައްކާތެރި މާހައުލަކަށް ހަދާ ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ލައިފް ސާވިން އިކުއިޕްމެންޓް އަދި އިމަޖެންސީ ހާލަތެއްގައި ބޭނުންކުރަން ހުންނަ ތަކެތި ބޭނުންކުރުމާއި ބެލެހެއްޓުން ހިމެނެއެވެ.