ބޭނުންވަނީ އޭދަފުށީ މީހަކަށް ވާން

DSCN2099.jpg

އޭދަފުށީގައި ހުންނަ ޗީޕް ފާމަސީ ނަގައި ކޮޅަށް ޖަހައިދިން ބެންޖަމީން---އީވީ ފޮޓޯ

(ގައްޔޫމްނަސީރު)   ކިތަންމެ ވާހިތްވިޔަސް ބެންޖަމީން އަކަށް އޭދަފުށި މީހަކަށް ނުވެވުނެވެ. ނުވެވޭނެ އެވެ. ހުރަހަކީ ރާއްޖޭގެ ގާނޫނެވެ. ބައެއް ގައުމުތަކުގައި އެގައުމެއްގައި ވަކި މުއްދަތެއް ވަންދެން ދިރިއުޅޭނަމަ އެތަނެއްގެ ސިޓިޒަން ޝިޕް ލިބެއެވެ. ރާއްޖޭގައި އެކަން އޮންނަނީ އެގޮތަކަށް ނޫނެވެ. އޭނާގެ ޝަކުވާ އަކީ އެއީ އެވެ.

ބެންޖަމީން އަކީ އިންޑިޔާގެ ޓަމިލްނާޑޫ މީހެކެވެ. ރާއްޖެއައީ 1998 ގައި އޭދަފުށީ ޗީޕް ފާމަސީގެ ފާމަސިސްޓަކަށެވެ. އޭގެފަހުން 25 އަހަރުވީ އެވެ. އޭނާގެ ހަމައެކަނި ދަރިފުޅު ވިހެއީ އޭދަފުށީގައެވެ. އެދަރިފުޅުގެ އުމުރުންވެސް 16 އަހަރު ވެއްޖެ އެވެ. މިހާ ގިނަދުވަހު އޭދަފުށީގައި އުޅުމުން އޭނާއަށް އިންޑިޔާ އަށްވުރެ އޭދަފުށި މާ ކަމުހިނގައްޖެ އެވެ. ދިވެހިންގެ ދިރިއުޅުމާ މާބޮޑަށް ގަޔާ ވެއްޖެ އެވެ. އުމުރާއެކު ހަށިގަނޑަށްވެސް ބަދަލުތަކެއް އަތުވެއްޖެ އެވެ. 18 އަހަރު ޒުވާނެއްގެ ގޮތުގައި އޭދަފުއްޓަށް އައިއިރު ބޮލުގެ ކަޅު، ވަރުގަދަ އިސްތަށިގަނޑު ވެސް މިހާރު ފެންނަނީ ކިތަންމެ ރީތި ކޮށް ފުނާ އަޅައިގެން ހުއްޓަސް އަނދިރި ރެއަކު އުޑުމަތިން ތަރިތައް ފެންނަހެންނެވެ. 50އަހަރުގެ ހަރު މީހަކަށް ވެގެން ދިޔައިރު އަޖައިބު ކުރަނިވި އަނެއް ބަދަލަކީ ރާއްޖެއަށް ލޯބި ޖެހުމެވެ. ރާއްޖޭގައި އުމުރު ހުސްކޮށްލުމުގެ ޔަގީންކަމެވެ. އޭނާ ހުރީ އުފަލުންނެވެ. އޭދަފުއްޓަކީ އޭނާގެ ވަޒަންކަމުގައި ގަބޫލު ކޮށްފިއެވެ.

”މި ދިރިއުޅުން އޯކޭ، ވަރަށް ރަނގަޅު. ހިތްހަމަ ޖެހިފަ މިހުރީ.“ އޭނާގެއަސްލު ހިނިތުން ވުމުގައި ހުރެ ބުނެލި އެވެ.

އޭނާގެ ގިނަ ރައްޓެހިން މިހާރު ތިބީ އޭދަފުއްޓާއި ބ.އަތޮޅުގަ އެވެ. އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ހަދިޔާބަދިޔާ ފޮނުވާ ރައްޓެހިންނާއި ހާލުބެލުމަށް ގުޅާ މީހުންވެސް ބައިވަރެވެ.

”މިރަށު މީހުން ވަރަށް ލޯބިދޯ. ވަރަށް ރަނގަޅު. އަތޮޅު މީހުންވެސް ވަރަށް ރަނގަޅު. މަދުވެގެން ދުވާލަކު ވިއްސަކަސް ތިރީހަކަށް މީހުން ގުޅާނެ. ބައެއް މީހުން އެކި ކަންކަމުގަ. އަނެއް ބައިމީހުން ހާލު ބަލާލަން ވެސް. އިންޑިޔާ އަކީ މިހާރު އަހަންނަށް ބީރައްޓެހި ތަނެއް. އެތަނުގައި މިހާރު ރައްޓެއްސެއް ނެތް. ލޯބިވާ މީހުންނާ ރައްޓެހިން ތިބީ އޭދަފުށީގަ. އެހެންވީމާ އިންޑިޔާއަށް ދިއުމުގެ ބޭނުމެއް ނެތް.“ ފަސޭހަ ދިވެހި ބަހުން ވާހަކަ ދައްކަމުން ބެންޖަމީން ބުނެލި އެވެ.

ބެންޖަމީން އަކީ ބ.އަތޮޅުގައި މަޝްހޫރު މީހެކެވެ. ބައެއް މީހުންގަބޫލު ކުރާ ގޮތުގައި ޑޮކްޓަރު ސެޓްފިކެޓް ނެތް މޮޅު ޑޮކްޓަރެކެވެ. އަތޮޅުގެ ހުރިހާ ރަށަކުންވެސް އޭނާގެ ގާތަށް އޭނާގެ ގާތަށް އާދެއެވެ. އެހާ ބައިވަރު ރައްޓެހިންތަކެއް އިތުރުވެގެން ދިޔައީ އަދާކުރާ ވަޒީފާގެ ގޮތުންނެވެ. އަތޮޅުތެރޭގެ މީހުން އޭދަފުއްޓަށް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ދަނީ އޭނާގެ ގާތަށެވެ. އާދައިގެ ރޯގާތަކާއި ހުންއައުމާއި ހޮޑުލުންފަދަ ބަލިތަކަށް ފަރުވާ ހޯދަން އަންނަ މީހުން ދެކެނީ އެއީ މޮޅު ޑޮކްޓަރެއްގެ ގޮތަށެވެ. އޭނާ ދޭ ބޭހުން ރަނގަޅުވާ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

އަނެއްކަމަކީ ހިތްހެޔޮކަމާއި އޯގާތެރި ކަމެވެ. ހުންނާނީ ހެޔޮވަރަކަށް ހިނިތުންވެލާފަ އެވެ. ބައްދަލު ނުވެވޭނެ ގަޑިއެއް ނޯވެއެވެ. 24 ގަޑިއިރު އޮންކޯލު ގައެވެ. ފާމަސީ ބަންދު ގަޑީގައި އެތަނާ ޖެހިގެން އޭނާ ދިރިއުޅޭ ގޭގައި ޓަކި ޖަހާލުމުން ނިމުނީ އެވެ. އެއީ މެންދަން ވިޔަސް ޝަކުވާއެއް ނޯވެއެވެ. އެހެން އުޅެއުޅެ އެކަން އޭނާއަށް ބައްޔަކަށް ވީއެވެ. ބަލި ވީއެވެ. އޭނާ ބުނާގޮތުންނަމަ ހަމަނިދި ނުލިބި ނުވަތަ ނުނިދާ ހުރުމުންނެވެ.

”ނިދި ޖެހިލާއިރަށް ހީވަނީ ދޮރުގައި މީހަކު ޓަކި ޖަހާހެން. ދެން ސިއްސައިގެން ދަނީ. އެހެންވެ ނުނިދެން ފެށީ. އެކަމަށް ބޭސް ކުރަމުން މިދަނީ“

އެކަމަކު މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ އެވެ. އޭނާ ނޫނަސް އެތަނުގައި އެހެން ފާމަސިސްޓުން އުޅޭތީ ބަންދު ގަޑީގައި ކޮންމެ ހެން ބެންޖަމީންގެ ކޮޓަރީގައި ޓަކި ޖަހާކަށް ނުޖެހެއެވެ.

މީގެ 25 އަހަރު ކުރިން ބެންޖަމީން އާއި ޗީޕް ފާމަސީ ހަވާލުވިއިރު އެއީ އޭދަފުށީ މޫނިމާގޭގެ ކުޑަކުޑަ ތަންކޮޅެއްގައި ހުރިކުޑަކުޑަ ތަންކޮޅެކެވެ. އޭދަފުށީގައި ހުންނަނީ އެންމެ ޑޮކްޓަރެކެވެ.

އެކަމަކު އެ ކުޑަކުޑަ ޗީޕް ފާމަސީ މިއަދު ހުރީ އޭގެ އެކި މަރުހަލާ ތައް ކަޑައްތު ކުރަމުން އައިސް ތަރައްގީވެ ބ.އަތޮޅު ހޮސްޕިޓަލުގެ ކުރިމަތީގައެވެ. ބ.އަތޮޅުގައިވެސް ހުރި އެންމެ ބޮޑު ފާމަސީގެ ފަހުރުވެރި ނަންބޯޑާއި އެކުގައެވެ.

25 އަހަރުގެ ތެރޭގައި ޗީޕް ފާމަސީ، ބޮޑު ސިންގާ ތަނަކަށް ބަދަލުކޮށްލި ވަރުގަދަ ސިނކުޑީގެ ވެރިއަކީ ބެންޖަމީން އެވެ. އެކަން ފުރަތަމަ ގަބޫލުކުރަނީ ވެސް ގަބޫލު ކުރަން ޖެހޭ މީހާ އެވެ. ޗީޕް ފާމަސީގެ އޯނަރު އޭދަފުށީ މޫނިމާގެ މުހައްމަދު ފަޒީލް(މޯނިޔާ) އެވެ.

”ވަރަށް ބަރާބަރު މީހެއް އެއީ، ތެދުވެރި އިޚްލާސްތެރިއެއް. މަސަސަކްތުގައި ވަރުބަލިވާކަށް އޭނާ ނުދަންނާނެ. ޗީޕް ފާމަސީ މިހިސާބަށް އައުމުގެ ހުރިހާ ކްރެޑިޓެއްގެ ހައްގުވެރިއަކީ އޭނާ.“ މޯނިޔާ ވިދާޅުވި އެެވެ.

އެ ފާމަސީގެ ކަންކަން ވިލަރެސް ކުރުމާއި ހިންގަން ޖެހޭ ގޮތާއި ގެންނަން ޖެހޭ ބަދަލުތައް ގެންނަނީ އޭނާ އެވެ. އަނެއްހެން ބުނާނަމަ އެއީ ބޮޑުމީހާ އެވެ. އެހެން ނަމަވެސް ބޮޑުމީހަކަށް ވެގެންނޭ ކިޔާފައި ނުފެންނަ ވަގުތެއް ނާދެ އެވެ. އެތަނަށް ޒިޔާރަތް ކުރާމީހުންނަށް އެއި ހަމަ ކުރިންވެސް ފެނުނު ބެންޖަމީންއެވެ.

ބެންޖަމީން ބުނީ ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި އޭދަފުއްޓަށް ބަދަލުތަކެއް އަތުވެއްޖެ ކަމުގައެވެ. އިމާރާތްތައް އުސްވެ ތަރައްގީވެގެން ދިޔައިރު މީހުންގެ ހޭލުންތެރި ކަމަށް ވެސް ރަނގަޅު ބަދަލެއް އައިސްފައިވާ ކަން ފާހަގަ ކުރި އެވެ.

އޭދަފުއްޓާއި ބ.އަތޮޅަކީ އޭނާގެ މިއަަދުގެ ދުނިޔެއެވެ. އިންޑިޔާ ގައި އޭނާގެ މީހަކު ނެތެވެ.

”އިންޑިޔާ މީހުންނަށް ވުރެ މަށަށް މިރަށު މީހުން މާ ރަނގަޅު. އިންޑިއާގައި ކިތަންމެ ކައިރީގައި ހުއްޓަސް ވާހަކަ ނުދައްކާނެ. މިރަށު މީހުން އެއާ ތަފާތު. ވާހަކަ ދައްކާނެ.“

ބެންޔަމީން ބުނާ ގޮތުން އޭރު އިންޑިޔާގައި ތިބި ރައްޓެހިންވެސް އެކި ތަންތަނަށް ގޮސް ގެއްލިއްޖެއެވެ. އެހެންވެ އޭނާ އިންޑިއާ އަށް ދާހިތެއް ނުވެއެވެ.

”ބޭނުންވަނީ ދިވެއްސެއްގެ ގޮތުގައި އުޅެ ދިރިއުޅުން ނިންމާލަން. އަހަރެންގެ ހުރިހާ އެއްޗެއް ވެސް އޮތީ އޭދަފުށީގައި. ލޯބިވާ މީހުންނާއި އެކުވެރިން މިތަނުގައި ތިބި އިރު އިންޑިއާއަށް ދާންވީ ކީއްކުރަން.؟“އޭނާ ސުވާލު އުފެއްދި އެވެ.

ބެންޖަމީންގެ އަނބިމީހާ އާއި ދަރިފުޅަކީ އިންޑިޔާގެ ރައްޔިތުންނަށްވިޔަސް ދިރިއުޅުން އިންޑިޔާ އަށް ބަދަލުކުރާކަށް ބޭނުމެއް ނޫނެވެ. މޯނިޔާ ހުރީ ދުވަހަކުވެސް އޭނާ ފޮނުވާލާ ގޮތަކަށް ނޫނެވެ. ބެންޔަމީން ބޭނުންވަނީ ދިވެހި ރައްޔިތެއްގެ ރަތް ޕާސްޕޯޓު ލިބިފައިވާ ފަޚުރުވެރި ދިވެއްސެއްގެ ގޮތުގައި އޭދަފުށީގައި ދިރިއުޅޭށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު