މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގައިފި

DSCN1354.jpg

އޭދަފުށި މަސްޖިދުލް މުޢީނުންދީނުއްޘާނީ --އީވީ .ފައިލް ފޮޓޯ

ރާއްޖޭގައި ކޮރޯނާވައިރަސް، ކޮވިޑް19 ފެތުރެމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި، ނަމާދުގެ ޖަމާއަތް ހެދުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމައިފައެވެ.

މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” އަރަބި ބަހުންނާއި ދިވެހި ބަހުން ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލަން އަންގާފައިވާއިރު، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުން، މާލެ ސިޓީ އާއި ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.

މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top