ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވައިލައިފިއެވެ.
އެ އެކަޑަމީން ޝާއިޢުކުރި އިޢުލާނުގައިވާ ގޮތުން މުބާރާތް ކުރިއަށް ދާނީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައި ކަމަށްވާ ދެ ގިންތިއަކަށް ބަހައިލައިގެންނެވެ.
އޮފީސްތަކުގެ ގިންތީގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް ބައިވެރިވެވޭނެއެވެ.
އަމިއްލަ ގޮތުން ކުރިމަތިލެވޭނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ.
މުބާރާތް ބެހިފައި އޮތީ ރީތިލިޔުމާއި އަވަސްލިޔުމާއި އަތްތެރިލިޔުން ހިމެނޭ ގޮތަށް ތިން ބަޔަކަށެވެ. ކޮންމެ އޮފީހަކުން ވެސް ކޮންމެ ބައެއްގައި ގިނަވެގެން ފަސް މުވައްޒަފުންނަށް ބައިވެރިވެވޭނެ ކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ.
ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ އަށެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.
މި މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި [email protected] އަށް މެއިލްކުރުމަށް އެކަޑަމީއިން ވަނީ އެދިފައެވެ.
އަދި މުބާރާތުގެ ގަވާއިދާއި ގުޅުންހުރި އެހެނިހެން ލިޔުންތައް ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެކަޑަމީގެ ނަމްބަރު 7772816 އަށް ގުޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.






