އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިންތިޒާމުކޮށްގެން ހިންގި ފުރަތަމަ ”މޯލްޑިވްސް ޖޫނިއަރ ލައިފްގާރޑް ޕްރޮގްރާމް“ (އެމް.ޖޭ.އެލް.ޕީ) ގެ ޕައިލެޓް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް، 12-14 ސެޕްޓެމްބަރުގައި ތުލުސްދޫގައި އަދި 16-18 ސެޕްޓެމްބަރު 2026 ގައި ފުވައްމުލަކުގައި، ކޮންމެ ރަށެއްގައި ތިން ދުވަހުގެ މުއްދަތަކަށް ހިންގާފައިވެއެވެ.
މި ޕައިލެޓް ޕްރޮގްރާމްތައް ނިމުމާ ގުޅިގެން، ޕްރޮގްރާމްގެ ކުރިއަށްއޮތް މަރުހަލާއަށް ތައްޔާރުވުމުގެ ގޮތުން އަމްފާއިން މިހާރު ދަނީ ޕްރޮގްރާމް މުރާޖަޢާކޮށް ހަރުދަނާކުރަމުންނެވެ. އަމްފާގެ އަމާޒަކީ 2027 ވަނަ އަހަރު މި ޕްރޮގްރާމް ރަށްރަށުގައި ހިންގުމަށް، ޝައުޤުވެރިވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއެކު ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި، އެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލުމެވެ.
މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމަކީ އުމުރުން 11 އަހަރާއި 17 އަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ޒުވާނުން ބާރުވެރިކުރުވުމުގެ ޕްރޮގްރާމެކެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު މިޕްރޮގްރާމްގައި، ކަނޑުމަތީގެ ރައްކާތެރިކަމާއި، ސަލާމަތްކުރުމުގެ އަސާސީ ހުނަރުތަކާއި، ފުރަތަމަ އެހީ ދިނުމުގެ ހޭލުންތެރިކަމާއި، ތިމާވެއްޓަށް ޒިންމާދާރުވުމާއި، ޓީމް މަސައްކަތާއި އަދި ލީޑަޝިޕްގެ ހުނަރުތައް ކްލާސްރޫމް ހަރަކާތްތަކާއި ޢަމަލީ ހަރަކާތްތަކެއް މެދުވެރިކޮށް ކިޔައިދެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ”ވޯޓަރ ޕެޓްރޯލް އޮސްޓްރޭލިޔާ“ އާއި ގުޅިގެންނެވެ.
އަމްފާގެ ރައީސް ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މި ދެ ޕައިލެޓް ޕްރޮގްރާމުން ލިބުނު މުހިންމު ތަޖުރިބާތަކަކީ ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް ޖޫނިޔަރ ލައިފްގާރޑް ޕްރޮގްރާމް އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
އެއް ރަށުން އަނެއް ރަށަށް މި ޕްރޮގްރާމް ހަމައެކަނި ގެންދިއުމުގެ ބަދަލުގައި، އަމްފާއިން ރާވާފައިވަނީ ކުރިއަށް އޮތް ތަނުގައި ޕްރޮގްރާމް ހިންގާ މުޖުތަމައުތަކާއެކު އާޓްނަރޝިޕް މޮޑެލްއެއް ގާއިމުކުރުމަށެވެ. އެގޮތުން 2027ވަނަ އަހަރު ފުރުސަތު ދިނުމަށް ބޭނުންވަނީ މިކަމަށް ޝައުޤުވެރިވާ ކައުންސިލްތަކުގެ ތެރެއިން، އަމްފާއާއި ގާތުން މަސައްކަތްކޮށް، ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ލޯކަލް ކޯޑިނޭޝަނާއި އެއްބާރުލުން ފޯރުކޮށްދޭނެ ފަރާތްތަކާއި އެކު ކަމަށް އަމްފާއިން ބުނެއެވެ. އެހެންނަމަވެސް، ލައިފްގާޑު ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ތަމްރީނު ކުރުމުގެ އޮނިގަނޑާއި، ތަމްރީނު ޕްރޮގްރާމްގެ މުގައްރަރާއި، ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން ޕްރޮގްރާމް ހިންގާނެ ފަންނީ ފަރާތްތަކާއި ޕްރޮގްރާމްގެ މިންގަނޑުތައް ކަނޑައަޅައިދޭނީ އަމްފާއިންނެވެ.
އަމްފާގެ ނައިބު ރައީސް އަދި އެމް.ޖޭ.އެލް.ޕީ ޕްރޮޖެކްޓް ލީޑް އާމިނަތު ޞަލާޙު ވިދާޅުވިގޮތުގައި، ދުރު ރާސްތާގެ އަމާޒަކީ ރަށްރަށުގެ މުޖުތަމައުތަކުގައި މިދާއިރާއިން ޤާބިލުކަން އިތުރުކޮށް، މޫދުގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތާއިމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ވަރުގަދަކުރުމެވެ.
”މި ދެ ޕައިލެޓް ރަށްރަށަކީ ހަމައެކަނި ފެށުމެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި އަދި މުޖުތަމައުގެ ބައިވެރިވުމާއެކު އެމް.ޖޭ.އެލް.ޕީ ކުރިއަށް ގެންދާށެވެ. އަޅުގަނޑުމެންގެ ދުރު ރާސްތާގެ އަމާޒަކީ ތިން ދުވަހުގެ ޕްރޮގްރާމެއް ހިންގާލާފައި ދިއުމެއް ނޫނެވެ. ނަމަވެސް މަޢުލޫމާތާއި، އިތުބާރާއި، އަދި އެންމެ ފަހުން ރަށްރަށުގެ މުޖުތަމައުތަކުގައި އަމިއްލަ ޤާބިލުކަން ބިނާކޮށްދިނުމެވެ. އޭގެ ސަބަބުން މޫދުގެ ރައްކާތެރިކަމުގެ ހުނަރުތައް މުޖުތަމައުގައި ދެމިގެންދާނެއެވެ.“
މި ދުރު ރާސްތާގެ ވިސްނުމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމް.ޖޭ.އެލް.ޕީ ގެ ތަސައްވުރުގައި ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ރަށްރަށުގެ އަމިއްލަ މުޖުތަމައުތަކުގައި މޫދުގެ ރައްކާތެރިކަމުގެ ޢިލްމާއި ހުނަރުތައް ކުރިއަށް ގެންދެވޭނެ ލޯކަލް ޓުރައިނަރުން (ތަމްރީނުކުރާ ފަރާތްތައް) އުފެއްދުން ހިމެނެއެވެ.
2027 ވަނަ އަހަރު މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް ހޯސްޓްކުރުމަށްޓަކައި އަމްފާއާއި އެކު ޕާޓްނަރވާން ބޭނުންވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ޝައުޤުވެރިކަން ފާޅުކުރާނެ ގޮތުގެ ތަފްސީލުތައް ކުރިޔަށް ތަނުގައި އިއުލާނު ކުރެވޭނެއެވެ.




