ސަމަދު، އެސްޓީއޯ ޔުނިފޯމް ދޫކޮށްލާފައި ގެއަށް

20160904_153958-2.jpg

އަބްދުއްސަމަދު ހުސޭން

އޭދަފުށީގައި ހުންނަ އެސްޓީއޯ ފިހާރައިން އާއްމުކޮށް ވިޔަފާރިކުރާ މީހުންނަށް މިއީ ހިތާމަވެރި ޚަބަރަކަށް ވެދާނެއެވެ. ސަމަދު އެސްޓީއޯއިން ވަކިވުމަކީ އޭނާ ދަންނަ އެކަކުވެސް އަދި އޭނާވެސް ބޭނުންވާނެކަމެއް ކަމުގައި ނުވާތީއެވެ. އެހެންނަމަވެސް މިވޭތުވި އޮގަސްޓް މަހުގެ 26 ގައި އެސްޓީއޯ އުނީފޯމް ދޫކޮށްލާފައި އަބްދުއްސަމަދު އަބޫބަކުރު (ސަމަދު )ގެއަށް ހިނގައްޖެއެވެ. ހިތާ ދެކޮޅަށެވެ.  ހަގީގަތަކީ ސަމަދު އެސްޓީއޯ އޭދަފުށީ ފިހާރައިގާ އަދާކުރަމުން އައި ލޭބަރެއްގެ ވަޒީފާ ދޫކޮށްލައި 15 އަހަރަށް ފަހު އެސްޓީ އޯ ޔުނީފޯމް ބާލަން މަޖުބޫރުވީ އުމުރުން 65 އަހަރު ވުމާއި ގުޅިގެން ވަޒީފާއިން މުސްކުޅި ކުރެއްވުމުންނެވެ.

އެސްޓީއޯ އޭދަފުށީ ފިހާރައިން ޚިދުމަތް ހޯދާ ގިނަ ބަޔަކަށް ސަމަދުގެ އެހީތެރިކަން ލިބިފައި އޮންނާނީ އޭނާއަށް އެކަމުގައި ޝުކުރު އަދާކުރުން ހައްގު މިންވަރަކަށެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެސްޓީއޯގައި އާއްމުކޮށް ވިއްކަން ހުންނަނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ކާޑުގެ ބާވަތްތަކާއި ގޭސް އަދި ގެދޮރު އެޅުމަށް ބޭނުންކުރާ ބަރު މުދާ ކަމަށްވެފައި މިފަދަ މުދަލެއް ގަންނަން ބޭނުންވާ މީހުންނަށް ސަމަދު ވެފައިވަނީ  އެތަނަށް ދާން އޮންނަ ކުރުމަގުގެ ގޮތުގައެވެ.  ކުރުމަގު ޚިޔާރުކުރުމުގެ ގޮތުން ސީދާ އެތަނަށް ދިއުމުގެ ބަދަލުގައި ސަމަދު އަތަށް ލާރިކޮޅު ދިނުމުން އެ ނިމުނީއެވެ. އިތުބާރާއި ޔަގީންކަމާއެކު އެކަން އޭނާ ދިޔައީ ކޮށްދެމުންނެވެ.

އެސްޓީއޯ އޭދަފުށީ ފިހާރައިގެ މެނޭޖަރ އަހްމަދު ޒަމީލު ސަމަދު އާ ބެހޭގޮތުން ބުނީ މިހެންނެވެ.

” ސަމަދަކި ވަޒީފާއަށް ތެދުވެރި އަދި ހަވާލުކުރާ ކޮންމެކަމެއްވެސް އިޚްލާސްތެރިކަމާއެކު ކުރަމުން އައި މީހެއް. ހުރިހާ އެންމެންނާވެސް ގުޅިގެން ޓީމެއްގެ ގޮތުގައި އަދި އެކަމުގެ ރޫހުގައި މަސައްކަތްކުރި މަދުން ނޫނީ ނުފެންނަ ކަހަލަ މުރާލި މީހެއް. އަދި އެއީ މިތަނުގެ ކުރިއެރުމަށާއި އާއްމުންނާ މިފިހާރަ އާ ދެމެދު އޮންނަންޖެހޭ ގާތްގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި މީހެއް.  ”

ޒަމީލު ވިދާާޅުވީ ސަމަދުކަހަލަ މީހަކު ފިހާރައިން ގެއްލިގެން ދިއުމުން ވަރަށް ދެރަވިކަމުގައެވެ.

އެ ފިހާރައިގެ ސީނިއަރ މުވައްޒަފަކު ބުނީ ސަމަދަކީ ހަމަ ހާހަކުން އެކެއް ކަމުގައެވެ. ވަރަށް ހިތްހެޔޮ އަދި ކުރާ ކޮންމެ ކަމެއްވެސް ކޮލިޓީއާއެކު ކުރުމަކީ އޭނާގެ އެންމެ ރީތި އެއްސިފަ ކަމުގައެވެ.

ފިހާރައިން ވަކިވުމާއެކު ސަމަދު ފެންނަނީ ހިމޭންކަމާ އެކުގައެވެ. 15 އަހަރުދުވަސް ވަންދެން އެކުގައި އުޅުނު އޮފީސް ރަހުމަތްތެރިންނާއި ގެއެއްގެ ގޮތުގައި ބަލައިގެން އުޅުނު އެސްޓީއޯ ފިހާރައިން ވަކިވުމުގެ ހިތި އަސަރު މޫނުމަތިން ފެންނަން އެބަހުއްޓެވެ. އެހެންނަމަވެސް  އުމުރުން 65 އަހަރުވެގެން ވަޒީފާއިން މުސްކުޅި ކުރެއްވިއެއްކަމަކު  އޭނާ ފެންނަނީ މުސްކުޅިއެއްގެ ގޮތުގައެއް ނޫނެވެ. އެކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. ސަމަދު އަދިވެސް ފެންނަނީ ޒުވާނެއްގެ ގޮތުގައެވެ.

ސަމަދު ބުނީ ވަޒީފާއިން އެނބުރި ގެއަށް އައި ކަމުގައިވިޔަސް ގޭގައި އޮށޯވެގެން އޮންނަން ބޭނުންނުވާކަމުގައެވެ. އަދި އެހިސާބަށް ދާން ކައިރިވީކަމަށް ގަބޫލުކުރާ ހިތްވެސް ނުވާ ކަމުގައެވެ. ދިރިއުޅުމުގެ ހުރިކަމެއް ފުރިހަމަވެ ނިމިފައިވާއިރުވެސް އޭނާ ބުނީ ރަށުގެ އިޖްތިމާއީ ކަންކަމުގައި އަދިވެސް ހުންނާނީ ޒުވާނުންނާއެކު އެންމެ ކުރީ ސަފުގައި ކަމަށެވެ.  މޭގައި އަތް ޖަހާލާފައި އާއްމުކޮށް ބުނެއުޅޭ ފަދައިން މިއަދުވެސް އޭނާ ބުނީ ” މިއީ ދިވެހި ލޭ ހުރި ދިވެހި ދަރިއެއް” ކަމަށެވެ.

ސަމަދު އިތުރަށް ބުނީ ކުރީގައިވެސް މިހާރުވެސް އަދި ފަހުންވެސް އޭނާ ހުންނާނީ ސަރުކާރަށް ވަފާތެރި އަދި ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައިވެސް އެންމެ އިސް މީހެއްގެ ގޮތުގައިކަމަށެވެ.

އަހަރެމެން ވެސް އެދެނީ އެގޮތުގައި ސަމަދު ދެމިހުންނެވުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top