އޭދަފުށީ ކައުންސިލުން ކުނިއުކާލުމުގެ ޚިދުމަތް ދޭން ފަށައިފި

20160904_120531.jpg

އޭދަފުށީ ގެ ގެއަކުން ޕިކަޕަށް މިއަދު ކުނި ބަރު ކުރަނީ. މިމަސައްކަތް ރަށު ކައުންސިލުން މިއަދުވަނީ ފަށާފައި . ފޮޓޯ : އީވީ

އޭދަފުށީ ކައުންސިލްގެ ފަރާތުން މިއަދު އޭދަފުށީގެ ރައްޔިތުންނަށް ކުނިއުކައިދިނުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިން ވާހަކަ ދެކެވިފައިވާ ގޮތާ ޚިލާފަށް މި މަސައްކަތް މިއަދު ފެށީ ކުއްޔަށް ދެ ޕިކަޕް ހިފައިގެންނެވެ. މިކަމާބެހޭ ގޮތުން ބަހެއް ހޯދާލުމަށް އޭދަފުށީ ކައުންސިލްގެ ރައީސް ނާޒްނީން ފޯނު ނުނަންގަވާތީވެ ރަށުކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ އަށް ގުޅުމުން އޭނާ ވިދާޅުވީ މިގޮތަށް މަސައްކަތް ފަށަން ޖެހުނީ އެމަސައްކަތް ކޮށްދިނުމަށް ބީލަން އުސޫލުން އެވޯޑްކުރެވުނު އޭދަފުށި ހަލަވެލި މުހައްމަދު ޒާހިދު، ފަހު ވަގުތު އެކަމަށް އިންކާރު ކުރުމުންނެވެ.

” އެންމެފަހު ވަގުތު ޒާހިދު ބުނީ އޭނާ މިވަގުތު ހުރީ މާލޭގައި ކަމަށް ވާތީ ތިމަންނަ ރަށަށް ގޮސްގެންނޭ މަސައްކަތް ފެށޭނީ. އެކަމަކު އޭނާ ކުރިން ބުނަމުންއައީ ތިމަންނަ ރަށުގައި ނެތަސް ބަދަލުގައި ތިމަންނަގެ ފަރާތުން މީހަކު ހުންނާނެ ކަމަށް. ހަމަ އެފަދައިން ރައްޔިތުންގެ ގާތު ކައުންސިލްގެ ފަރާތުން ބުނެފައި އޮންނާނެ މިއަދު މަސައްކަތް ފަށަން ހުރިހާ ކަމެއް ރެޑީވެފައިވާ ވާހަކަ.  އެހެންވީމާ އޭނާ އަންނަންދެން މަސައްކަތް ލަސްކުރުމަށް ވުރެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ގާތުގައިވެސް ބުނެފައިިވާ ފަދައިން މިއަދު މަސައްކަތް ފެށުން ކަމުގައި އަޅުގަނޑުމެންނަށް ފެންނާތީވެ ޕިކަޕް ކުއްޔަށްހިފައިގެން މަސައްކަތް ފެށީ. ” ރިޒާ ވިދާޅުވިއެވެ.

ޕިކަޕް ކުއްޔަށް ހިފި އަގު ވިދާޅުވާން ރިޒާ ދެކޮޅު ހެއްދެވިއެވެ. އެހެންނަމަވެސް އެމަސައްކަތަށް ނުކުމެ އުޅުނު އެއް ޕިކަޕްގެ ވެރިޔާ މުހައްމަދު ވަދީއު ވިދާޅުވީ އޭނާގެ ޕިކަޕް ކުއްޔަށް ދޭން އެއްބަސް ވެފައިވާނީ ގަޑިއަކަށް 200 ރ.ގެ ރޭޓުންކަމުގައެވެ. އެކަމަކު އޭނާ ބުނީ މިއަދު މި ކަމަށް ނުކުމެ އުޅުނުކަމަށް ވިޔަސް މާދަމާ އޭނާ ނުފެންނާނެކަމުގައެވެ.

ކުނިއުކާލުމުގެ މަސައްކަތުގައި ރަށު ކައުންސިލްގެ ދެ މެންބަރުން ކަމުގައިވާ ރިޒާ އާއި ނައުޝާދުގެ އިތުރުން ކައުންސިލްގެ ދެ މުވައްޒަފަކު ވަރަށް ބުރަކޮށް ޕިކަޕަށް ކުނި ޖަމާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދިޔަ މަންޒަރު މި ނޫހަށް ފޯކަސް ކުރެވިފައިވެއެވެ.

އޭދަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިކަމަށް ރައްޔިތުންގެ ފަރާތުން ހީނުކުރާވަރުގެ ބޮޑު އެހީތެރިކަމަކާއި ސަޕޯޓެއް ލިބެމުން ދިޔައެވެ. އެގޮތުން މިވަގުތު އޭދަފުށީގައި މީހުން ދިރިއުޅޭ 491 ގޭގެ ތެރެއިން ކުނި އުކާލުމުގެ ޚިދުމަތް ބޭނުންވެގެން 250އަށް ވުރެ ގިނަ ގެ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top