މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި

DSCN1354.jpg

އޭދަފުށި މަސްޖިދުލް މުޢީނުންދީނުއްޘާނީ --އީވީ .ފައިލް ފޮޓޯ

ރާއްޖޭގެ ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ކުރިން އަންގާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު  ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމު ވެރިންގެ ލަފާގެ މަތިން، މި މަހުގެ 19ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، އަންނަ މަހުގެ 14ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލުކުރެއްވުމަށް ދަންނަވާ ކަމަށެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” އެފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް ދަންނަވާ ކަމަށް އިސްލާމިކް މިނިސްޓްރީންވިދާޅުވެ އެވެ.

މި ވަގުތު ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހު ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަ ގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top