ފެނުގެ ނިޒާމްގެ މައިހޮޅިތައް އަޅާ ނިމިއްޖެ، ދެންއޮތީ ގޭގެއަށް ކޮޅުވެއްދުން – ސެނޮކް

viber-image.jpg

އޭދަފުށި ހިއްކި ބިމުގެ ސަރަހައްދުގައި މައި ހޮޅި ލައިން ވަޅުލުމުގެ މަސައްކަތް ކުރިޔަށްދަނީ. މައި ހޮޅިލައިން ވަޅުލާ ނިމިއްޖެކަމަށް ސެނޮކް އިން ބުނޭ / ފޮޓޯ: ސެނޮކް

އޭދަފުށީގެ ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި އަޅަން ހަމަޖެހުނު މައިފެންހޮޅި ލައިން އަޅާ ނިމިއްޖެކަމަށް ކޮންޓްރެކްޓަރ ބުނެފިއެވެ.

މިދިޔަ އޯގަސްޓްމަހު ފެށި މިމަސައްކަތުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ލަންކާގެ ކޮންޓްރެކްޓަރ ސެނޮކްއިން ނިންމާލީ މިދިޔަ ހަފްތާގެ ބަންދުތެރޭގައެވެ. އެކުންފުނީގެ އޭދަފުށީ ސައިޓްގެ ޕޯސްޓް ކޯޑިނޭޓަރ މުހައްމަދު ރާމިޒް ވިދާޅުވީ ފެންހޮޅި ވަޅުލުމުގެ މަސައްކަތް ނިމުމާއެކު ދެން ކުރިޔަށްދާނީ މައިލައިންގެ ހޮޅިތަކުގެ ގުޅުންތަކާއި ފެނުގެ ޕްރެޝަރު ޗެކްކުރުމުގެ މަސައްކަތް ކަމަށެވެ.

“ވަރަށް ބާރަށް މަސައްކަތް ކުރިޔަށް ގެންދަމުން މިދަނީ. ނުވަ ކިލޯމީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ހޮޅި އަޅާ މިނިމުނީ. މައިހޮޅިތައް އެއްހޮޅި އަނެއްހޮޅިއާ ގުޅައި ޖަންގްޝަންތަކެއް ދެއް ހަދަން ފަށާނީ، އެއީ ފެނުގެ ޕްރެޝަރ ޗެކް ކުރުމަށް” މިދިޔަ ދައުރު އޭދަފުށީ ކައުންސިލްގެ މެމްބަރުކަންވެސް ކުރެއްވި ރާމިޒް ވިދާޅުވިއެވެ.

އޭދަފުށީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ސެނޮކް

ރާމިޒް ވިދާޅުވީ މަސައްކަތް ކުރިޔަށްދާ ސްޕީޑަށް ބަލާއިރު އަންމަ މާރޗް 1 ވަނަ ދުވަހުގެ ކުރިން ހައުސް ހޯލްޑް ކަނެކްޝަންތަކުގެ މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރެވެއެވެ. އޭނާ ވިދާޅުވީ މަގުތަކުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދެވުނު ނަމަވެސް އާރުއޯ ޕްލާންޓްގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސްކަމަށެވެ. އޭނާ ވިދާޅުވީ އެހެންދިމާވެފައިވަނީ މަސައްކަތް ކުރާ މީހުން މަދުވުމުގެ ސަބަބުންކަމަށެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ތެރޭގައި އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. ސެނޮކް އިން ބުނީ އޭދަފުށީގެ 500 އަށްވުރެ ގިނަ ގޭބިސީއަށް ހައުސް ކަނެކްޝަން ހަދަން ހަމަޖެހިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top