ދައުލަތަށް ޚިޔާނާތްތެރިވާނަމަ އެ މައުލޫމާތު ހިއްސާ ކުރައްވާ! : ރައީސް

b_TGTlJ5q1QcCzZNqij39PdWl3A.jpg

ރައީސް ސޯލިހު -ފޮޓޯ /ރައީސް އޮފީސް

އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ގައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން އާއްމުވުމުންކަން ފާހަގަކުރައްވާފައި އެވެ. އަދި އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއްމުވުމަކީ ގައުމީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާޢީ އަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޚިތާބުގައި، ދިވެހި ދައުލަތް ހިންގުމުގެ ޒިންމާތަކާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ އިސް ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަތީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން މުއައްސަސާތަކުން ކޮރަޕްޝަންގެ މޫތައް ލުހެލުންކަމަށް ވިދާޅުވެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން މިހާތަނަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައިވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށުމާއި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ގާނޫނީ ރައްކާތެރިކަން ލިބިދިނުމަކީ ކޮރަޕްޝަން ނައްތާލުމުގައި ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީވެ ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރި ކުރުމުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅި މަޖިލީހުން ގާނޫނު ފާސްކުރުމުން އެ ގާނޫނު ތަސްދީގު ކުރެއްވި ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކިތަންމެ ގާނޫނުތަކަކާއި ގަވާއިދުތަކެއް ހެދިޔަސް އެ ކަން ނައްތާލެވޭނީ ފަރުދީ ފެންވަރުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ނަޒާހަތްތެރިކަން އިސްކޮށް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ސިއްރުނުކޮށް ހިއްސާ ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރައީސް ވިދާޅުވީ މުއައްސަސާއަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ދިނުމަށްޓަކައި ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެނަމަ އެ ކަމެއް ވެސް ހާމަ ކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް އާންމު ނުވާނެ ގޮތަކަށް، ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ހަމަޖެހިފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top