އެޑިޓަރުގެ ނޯޓް: ”ރައްޔިތުންގެ އަޑު“ މިއީ އޭދަފުއްޓާއި ބ.އަތޮޅަށް ހުޅުވާލާފައިވާ ސަފްހާއެކެވެ. ބޭނުމަކީ އަތޮޅުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ކައުންސިލުތަކުން ދެމުންގެންދާ ޚިދުމަތްތަކާ އެތަންތަނުން ކުރަމުން އަންނަ ރަނގަޅު ކަންކަމާ ނުރަނގަޅު ކަންކަންވެސް ހިމެނޭ ގޮތަށް ޚިޔާލު ފާޅުކުރެވޭ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމެވެ. ހަމައެހެންމެ އަމިއްލަ ޖަމާއަތްތަކުން ނުވަތަ ވަކި ފަރުދުން ރަށުގައި ހިންގާ ހަރަކާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުން ނުވަތަ ފައިދާގެ ވާހަކަ ހާމަ ކޮށްދިނުމެވެ.
މިފަހަރުގެ ސުވާލު އަމާޒު ކޮށްފައިވަނީ އޭދަފުށީ ކައުންސިލަށެވެ. އޭދަފުށީ ރައްޔިތުންނަށް ރޯދައަށް ދޭންބުނި ކާށި، ބައެއް ގޭބިސީތަކަށް ނުލިބުމުގެ ޝަކުވާއެވެ.
ސ. އޭދަފުށީ ކައުންސިލުން މިއަހަރު ރޯދަ ހަދިޔާގެގޮތުގައި އޭދަފުށީ ރައްޔިތުންނަށް ކޮންމެ ގެއަކަށް 30 ކާށި ދޭނެ ކަމަށް އިއުލާން ކޮށްފައިވޭ. އެކަން މީޑިޔާތަކުގެ ފަލަ ސުރުޚީ އަށްވެސް އެރި. ކާށީގެ އަގު ބޮޑު ދުވަސް ވަރެއްގައި ރަށު ކައުންސިލުން ކުރެއްވި ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަވެސް ކުރި. ރޯދަމަސް ފެށިގެން މިހާ ހިސާބަށް އައިއިރު އަދިވެސް ބައެއް ގޭބިސީތަކަށް އެކާށި ނުލިބޭ. އެކަމަކު ކައުންސިލު މެންބަރުންނާއި އެތަނުގެ މުވައްޒަފުންނަށް ކޮންމެ މީހަކަށް 10 ކާށި ބަހާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ. އެއީ ތެދެއްތޯ؟ އެހެންކަމަށްވާނަމަ ރައްޔިތުންނަށް އިސްކަން ދިނުމުގެ ބަދަލުގައި ކައުންސިލަރުންނަށާއި މުވައްޒަފުންނަށް އިސްކަން ދޭން ޖެހުނީ ކީއްވެގެންތޯ؟
ޖަވާބު ދެއްވީ ކައުންސިލުގެ ނައިބު ރައީސް، އަލީ ޝަފީގް
”ތެދެއް، ބައެއް ގޭބިސީ ތަކަށް އަދި ކާށި ނުދެވޭ. އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް ދަންނަވާފައި ވާނީ ކާށި ލިބޭ ވަރަކުން ހުރިހާ ގޭބިސީ ތަކަށްވެސް ކާށި ދޫކުރާނެ ވާހަކަ. މިހާރުވެސް މި ދަންނަވަނީ އެގޮތަށް. ކާށި ލިބޭ ވަރަކުން ހުރިހާ ގޭބިސީ ތަކަށް އެކާށި ދޫކުރާނެ. އުއްމީދުކުރިން ރޯދައިގެ ކުރިން އެއަދަދަށް ކާށި ލިބޭނެކަމަށް. ދެން ކައުންސިލަރުންނަށާއި މުވައްފުންނަށް ކާށި ދޫކުރީ އެއީ އެއަށްވުރެ ކުރިން ހަމަޖެހިފައިއޮތް ކަމެއް ވީމަ.“ އަލީ ވިދާޅުވިއެވެ.