
އައްޝައިޚް އަބްދުލްމަޖީދު މުހައްމަދު ދާދިފަހުން ބޭއްވުނު އޭދަފުށީގެ ބިންހިއްކުން ފެށުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔަވާވިދާޅުވަނީ. ފޮޓޯ: ނިއަމިފޮޓޯ
މިފަހަރުގެ އޭދަފުށީ ނަމޫނާ ޝަޚްޞިއްޔަތަކީ އޭދަފުށި ބިނާކުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އަލްމަރްޙޫމް ޔޫސުފްކަލޭފާނުގެ ލޭހިނގާ ދަރިއެކެވެ. އެ އާއިލާ އަށް އުފަންވުމުގެ ޝަރަފް ލިބިފައިވާ އެކަލޭފާނަށް ބޮޑުބޭބެ ކިޔާ އޭދަފުށީ ފިނިހިޔާގޭ އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދުއެވެ. އޭނާގެ ބައްޕައަކީ ޝައްކެއް ނެތް ގޮތުގައި އޭދަފުށީގެ ރަށްވެހިކަމުގެ އެންމެ ބޮޑު މޭސްތިރިއެވެ. ރަށުގެ ތަރައްގީއަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެންމެ އިސްކޮށް އަމަލީ ގޮތުން ބައިވެރިވެ ޔޫސުފްކަލޭފާނާއެކު އެންމެގާތުން މަސައްކަތްކުރެއްވި އެކަކީ ޢަބްދުލްމަޖީދުގެ ބައްޕަ އޭދަފުށީ ފިނިހިޔާގޭ މުޙައްމަދު ޢަލީއެވެ. ރަށަށް ޚިދުމަތް ކުރުމަކީ ޢާއިލީގޮތުންވެސް ވާރުތަވެފައިވާ ކަމަކަށް ދެކޭތީވެ ޝައިޚް މަޖީދުވެސް ހިންގެވީ އެމަގުންނެވެ. ނަތީޖާއަކީ އަދިފާޅުކަން ބޮޑު ޙަޤީޤަތަކީ މިއަދު މިރަށުގައި ރީތިކޮށް ޤުރުއާން ކިޔެވުމުގެ ފަންނު ވައިގާ ހިފާފައިވަނީ މަޖީދު ކުރެއްވި މިންނެތް މަސައްކަތްކަމުގައި ގަބޫލު ކުރަން ޖެހުމެވެ.
ޝައިޚް ޢަބްދުލްމަޖީދުއަށް މި ޞަފްޙާއިން ޖާގަ ދޭންޖެހުނީ މި އާދަޔާޚިލާފު އިލްމުވެރިޔާ މިރަށަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަގުބޮޑު ޚިދުމަތްތަކުގެ ސަބަބުންނެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެވަޑައިގެން ސަރުކާރުން ހުށަހެޅި ގިނަ ފުރުޞަތުތަކާ ބޮޑު މުސާރަ ދޫކޮށްލެއްވުމަށްފަހު އަމިއްލަ ރަށަށް ވަޑައިގެން ދީނީ ޢިލްމު ކިޔަވައިދިނުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަން ފެއްޓެވީތީއެވެ. ރަސްމީ ޙައިސިއްޔަތަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެއްވުން ކަމުގައި ވިޔަސް އަމިއްލަ ގޮތުންވެސް ތަނެއް ކުއްޔަށް ހިއްޕަވައިގެން ޝައިޚް މަޖީދު ގެންދަވަނީ ހުރިހާ ފުރައެއްގެ މީހުންނަށްވެސް ހުކުރެއް ހޮނިހިރެއް ނުބައްލަވާ ކިޔަވައިދެއްވަމުންނެވެ. ސަރުކާރު ގަބޫލުކުރާ ޢާލިމުން އުފައްދަވަމުންނެވެ. ޤާރީން އުފައްދަވަމުންނެވެ. އަންހެނުންނާ ފިރިހެނުންނެވެ. ޝައިޚް މަޖީދުގެ މި ޚިދުމަތް ވަރަށްގާތުން ދެކޭމީހެއް ކަމުގައި އަޅުގަނޑު ވާތީވެ ދެންނެވޭނީ ދުވާލަކު ބާރަ ގަޑިއިރަށްވުރެ ގިނަ ވަގުތު ކިޔަވައިދެއްވުމުގައި ހޭދަކުރައްވާ ކަމުގައެވެ.
މިއީ ވަރަށް މަދުންނޫނީ ފެންނަކަމެއްނޫނެވެ. އާދަޔާ ޚިލާފު ޢިލްމުވެރިޔާއޭ ދެންނެވީ މިސަބަބަށްޓަކައެވެ. އަޅުގަނޑު ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަރަބިކަރައިން ކިޔަވާ ވިދާޅުވެގެން މަޖީދުމާލެ ވަޑައިގެން އިމާމްވެ އިސްލާމީ މަރުކަޒުގައި ކުރެއްވި ފުރަތަމަ ހުކުރުދުވަހު ހުކުރުކޮށް ނިމިގެން މިސްކިތުން ފޭބި ހަމަ ކޮންމެމީހަކުހެން ކުރާ ސުވާލަކީ މިއަދު ހުކުރުކުރީ ކާކުހެއްޔެވެ. އެހާ އަޑުމަޚްރަޖް ރީތިކޮށް ޤުރުއާން އެކިޔެވީ ކާކުހެއްޔެވެ. އެދުވަހުގެ އެސުވާލު މީހުންގެ ދުލުކުރީގައި އޮތީ މަޖީދު ކިޔަވާވިދާޅުވުން ރީތިވީމައެވެ. އާދަޔާ ޚިލާފަށް ރީތިވީމައެވެ.
ޝައިޚް މަޖީދުގެ ޢިލްމީޙަޔާތް ވޭތުކުރި ގޮތާއި ޚިދުމަތުގެ މައިދާނަށް ނުކުންނެވި ގޮތާއި މި ދާއިރާއިން ހޯއްދެވި ކާމިޔާބުގެ ފަހަތުން ދިމާވި ގޮންޖެހުންތަކަކީވެސް ފިލާވަޅެކެވެ. ޢިބްރަތުން ފުރިގެންވާ ދަރުސެކެވެ. ކިޔާލަން ރީތި ވާހަކައެއްމެއެވެ. މަޖީދުގެވާހަކައާއިގެން ކުރިއަށްދަމާ ހިންގަވާށެވެ.
ތައުލީމީ ޙަޔާތް ފެށިގެން އައިގޮތަކީ؟
އަޅުގަނޑު އެންމެފުރަތަމަ ކިޔެވީ އޭދަފުށި ބަހިއްޔާ ސްކޫލުން.އެއަށްފަހު މާލެއަށް ބަދަލުވެ ހ.ވުޑްވިލާ އިން. ދެން ސަރުކާރުން ލިބުނު ފުރުޞަތެއްގައި މިސްރަށް ގޮސް އެތަނުގެ ޖާމިޢުލް އަޒްހަރުން.އެއީ 1982 އިން 1996 އަށް.
ދީނީ ތައުލީމަށް ޝައުޤުވެރިކަން އުފެދުނީ ؟
ދީނީ ތައުލީމަށް ޝައުޤުވެރިކަން އުފެދުނީ ރާއްޖޭގައި ޢިލްމުވެރިން މަދުވުމާ،ޢިލްމުވެރިންގެ އަގު ހުރުމާއެކު އަސްލާމްދީން އުނގެނި އަދި އުނގަންނައިދިނުމުގެ ބޭނުމުގައި.
އަލްއަޒްހަރު ޔުނިވަރސިޓީއާ ބެހޭ ކުރު ތަޢާރަފެއް؟
އަލްއަޒްހަރު ޔުނިވަރސިޓި އަކީ 1000 އަހަރަށް ވުރެ ގިނަ ދުވަސް ވީ ތަނެއް.ދުނިޔޭގެ އެތަންމިތަނުން އެތައްހާސް އިލްމުވެރިން މިއަދާ ހަމައަށްވެސް އެތަނުން ގެންދަނީ އުފައްދަމުން. މިއަދުގެ އަޒްހަރުޔުނިވަރސިޓީ އަކީ ހުރިހާ ފެކަލްޓީއެއް އެކުލެވިގެންވާ ތަނެއް.މިސާލަކަށް:ނޫސްވެރިކަން،މެޑިސިން،އެގްރިކަލްޗަރ،ޖިއޯލޮޖީ (ބިމުގެ ތަޙްލީލުތަކާ ބެހޭޢިލްމު)،މައިކްރޯ ބަޔޮލޮޖީ،އާކިޓެކްޗަރއާއި ސިވިލް އިންޖިނިއަރިންގ. މި ދެންނެވި ފެކަލްޓީ ތަކުން ކިޔަވައިގެން އައިސް ތިއްބެވި ޢިލްމުވެރިން ރާއްޖޭގައި މިހާރުމަދުނޫން އަދަދަކަށް އެބަތިއްބެވި. މީގެ އިތުރުން އެތަނަކީ ދުނިޔޭގެ އެތައް ބަހެއް ކިޔަވައިދެމުންގެންދާތަނެއް.
ޢިލްމީ ގޮތުން ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ؟
އަޒްހަރުގައި ސާނަވީއަށް ކިޔަވަމުން ދިޔައިރު ނިޔަތްއޮތީ ޤުރުއާންތަފްސީރުން ފަސްޓްޑިގްރީ ނިންމުން. އެކާމިޔާބު ލިބުން. ދެން ޤުރުއާން ކިޔެވުމުގެ ޢިލްމާއި ޤާރީ ކޯސް .(އަލްޤާރީ މުޙައްމަދު ޔޫނުސް ގެ އަރިހުން މައުހަދުއް ދިރާސާތިލް އަސްލާމިއްޔާގައި ފުރިހަމަކުރި)
ކޮން މުދައްރިސެއް ވިދާޅުވި ކޮން ވާހަކަ ފުޅެއްތޯ ހަނދާނުގައި އަދިވެސް ހަރުލާފައިހުރީ؟
ބަހިއްޔާގައި ކިޔެވި ދުވަސްވަރުއިސްލާމް މުދައްރިސް އަލްމަރްޙޫމް މޫސާ ޔޫސުފް ވިދާޅުވި ވާހަކަ. އޭރު ވިދާޅުވޭ އަޅުގަނޑު ގާތުގައިވެސް އަދި އެހެންމީހުންގެ ގާތުގައިވެސް ޢަބްދުލްމަޖީދުއަށް ވަރަށްމޮޅު ޤާރީ އަކަށް ވެވިދާނެއޭ..އެވާހަކަ ހަނދާންވޭ އަޅުގަނޑު މިސްރުގައި ކިޔެވި އިރު ހަމަ ކޮންމެ ޤުރުއާންގަޑިއެއްގައިވެސް.
ދިރިއުޅުން މާނަކުރަނީ ކޮންގޮތަކަށްތޯ؟
އުޚްރަވީ ޙަޔާތް ނުގެއްލެނޭ ގޮތުގެމަތީން ދުނިޔެއިން ލިބެންވީބައި ހޯދުމަށް ގަދައަޅައި މަސައްކަތްކުރުން.
ދިރިއުޅުމުގައި އަބަދުވެސް ހަނދާންކުރަން ޖެހޭ ކަމަކީ؟
އެހެންމީހުންގެ މައްޗަށް ބަރޯސާނުވުން.
ބޮޑުމުސާރައާއި މަތީމަޤާމް ދޫކޮށްލައްވާފައި ރަށަށް ބަދަލުވީ ؟
ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ރަށަށް ފޯރުކޮށްދިނުން.ދެވަނަ ކަމަކީ މިކަހަލަ ހިތްގައިމު ވެއްޓެއް ދޫކޮށްލާފައި މާލޭގައި އުޅެން ބޭނުންވެސް ނުވަނީ.
އަދާކުރެއްވި ވަޒީފާތަކަކީ ؟
ރަށަށް ބަދަލުވުމުގެ ކުރިން އަމީނިއްޔާގެ މުދައްރިސްކަމާއި އިސްލާމިކް އެފެއަރސްގެ މުޝްރިފުމުސާޢިދުކަމުގެ އިތުރުން އަޙްމަދިއްޔާ ސްކޫލްގައިވެސް އަޅުގަނޑުކިޔަވައިދިނިން.
ރަށުގެ ރައްޔިތުން ރަނގަޅުކޮށްލަން ބޭނުންވާ ކަމަކީ؟
އެންމެންގެ މަސްލަޙަތަށްޓަކައި ހެދިފައިވާ ޤާނޫނާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތްތެވުން.
އެންމެ ކުރާހިތްނުވާ ކަމަކީ؟
މީހުންގެ ކިބައިން ބަދަލު ހިފުން. އަޅުގަނޑަށް ކިތަންމެ ބޮޑު ލަނޑެއް ދިނަސް އަގުވައްޓާލުމުގެ ގޮތުން ކޮންމެވާހަކައެއް ދެއްކިޔަސް އެކަމަށް ރައްދުދިނުމަކީ އެންމެ ކުރާހިތްނުވާކަންތައް.
މަޖީދު ތިޔަކުރައްވާ މަސައްކަތުންލިބޭ އެންމެބޮޑު ހިތްހަމަ ޖެހުމަކީ ؟
އެންމެބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑު ހިންގާ ޤުރުއާންކްލާހުގައާއި ސްކޫލްގައިކިޔަވައިދޭ ދަރިވަރުންގެ ނަތީޖާ ރަނގަޅުވުން. ހަމައެހެންމެ ޤުރުއާންކްލާހުން ނިމިގެން ނުކުންނައިރު ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެދެމުން ދިއުން.އަދިތައުލީމީ މަރުކަޒުގައި ކިޔަވައިދިން ދަރިވަރުން ޚިދުމަތްތެރި ދަރިންތަކެއްގެ ގޮތުގައި އެކިއެކި މުއައްސަސާތަކުން ފެންނަމުން ދިއުން.

ޝައިޚް މަޖީދު ގުރުއާން ކިޔެވުމުގެ މުބާރާތެއްގެ ވަނައަކަށް ދިޔަ ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ. / ފޮޓޯ: ފޭސްބުކް
ކޮބައިތޯ އެންމެ ދެކެން ބޭނުންވާ ދުވަހަކީ؟
ހުރިހާ އަސާސީ ޚިދުމަތެއް މާލެއެކޭ އެއްފަދައިން ތަފާތު ކުރުމެއްނެތި ރާއްޖޭގެ ރަށްތަކުންވެސް ލިބެން ހުންނަ ދުވަސް.
މަޖީދުއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ؟
އެންމެ ބޮޑުކާމިޔާބަކީ އަޅުގަނޑާއި ހިތާދޫ އަލްޤާރީ މުޙައްމަދު ނަޞީރުއާ ދެމީހުން މިރަށުގައި ޤާރީ ކަމުގެ ތިންއަހަރު ދުވަހުގެއެޑްވާންސް ކޯސް އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާގެ މޭސްތިރިކަމުގެ ދަށުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ އާއިގުޅިގެން ހިންގައިއެކޯހުން ފަންސަވީހަށްވުރެ ގިނަދަރިވަރުން ފާސްވުން.އަދި މިރަށުގައި އިމާމްވެ ހުކުރުކުރާނޭ މީހުން މަދުކަމުގެ އިޙްސާސް ކުރެވިގެން އަމިއްލައަށް އިސް ނަގައިގެން އިމާމްވެ ހުކުރުކުރާނެ ބަޔަކު އުފެއްދުން.
ދިރިއުޅުމުގައި އެންމެ ބޮޑަށް އެހީތެރިކަން ލިބެނީ ކޮން ފަރާތަކުންތޯ؟
އަޅުގަނޑުޑުގެ ލޮބުވެތި އަންހެނުން ޝަކީލާ. ބުނޭނޫންތޯ ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ.އަޅުގަނޑުގެ ދިރިއުޅުން ﷲގެ ހެޔޮރަޙްމަތާއެކު މިހާހިސާބަށް އާދެވުނީ ޝަކީލާގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ.