
އައްޝައިޚް އަބްދުލްމަޖީދު މުހައްމަދު ދާދިފަހުން ބޭއްވުނު އޭދަފުށީގެ ބިންހިއްކުން ފެށުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔަވާވިދާޅުވަނީ. ފޮޓޯ: ނިއަމިފޮޓޯ
މިފަހަރުގެ އޭދަފުށީ ނަމޫނާ ޝަޚްޞިއްޔަތަކީ އޭދަފުށި ބިނާކުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އަލްމަރްޙޫމް ޔޫސުފްކަލޭފާނުގެ ލޭހިނގާ ދަރިއެކެވެ. އެ އާއިލާ އަށް އުފަންވުމުގެ ޝަރަފް ލިބިފައިވާ އެކަލޭފާނަށް ބޮޑުބޭބެ ކިޔާ އޭދަފުށީ ފިނިހިޔާގޭ އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދުއެވެ. އޭނާގެ ބައްޕައަކީ ޝައްކެއް ނެތް ގޮތުގައި އޭދަފުށީގެ ރަށްވެހިކަމުގެ އެންމެ ބޮޑު މޭސްތިރިއެވެ. ރަށުގެ ތަރައްގީއަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެންމެ އިސްކޮށް އަމަލީ ގޮތުން ބައިވެރިވެ ޔޫސުފްކަލޭފާނާއެކު އެންމެގާތުން މަސައްކަތްކުރެއްވި އެކަކީ ޢަބްދުލްމަޖީދުގެ ބައްޕަ އޭދަފުށީ ފިނިހިޔާގޭ މުޙައްމަދު ޢަލީއެވެ. ރަށަށް ޚިދުމަތް ކުރުމަކީ ޢާއިލީގޮތުންވެސް ވާރުތަވެފައިވާ ކަމަކަށް ދެކޭތީވެ ޝައިޚް މަޖީދުވެސް ހިންގެވީ އެމަގުންނެވެ. ފާޅުކަން ބޮޑު ޙަޤީޤަތަކީ މިއަދު އޭދަފުށީގައި ރީތިކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ، ވައިގާ ހިފާފައިވަނީ މަޖީދު ކުރެއްވި މިންނެތް މަސައްކަތް ކަމުގައި ގަބޫލު ކުރަން ޖެހުމެވެ.
ޝައިޚް ޢަބްދުލްމަޖީދަށް މި ޞަފްޙާއިން ޖާގަ ދޭންޖެހުނީ މި އިލްމުވެރިޔާ މިރަށަށް ކޮށްދެއްވަމުން ގެންދަވާ އަގުބޮޑު ޚިދުމަތްތަކުގެ ސަބަބުންނެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި 14 އަހަރު ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެވަޑައިގެން ސަރުކާރުން ހުށަހެޅި ގިނަ ފުރުޞަތު ދޫކޮށްލެއްވި އެވެ. ބޮޑު މުސާރައަސް ނޫނެކެ ވިދާޅުވެ އަމިއްލަ ރަށަށް ވަޑައިގެން ދީނީ ޢިލްމު ކިޔަވައިދިނުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަން ފެއްޓެވި އެވެ. ވަޒީފާއަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެއްވުން ކަމުގައި ވިޔަސް އަމިއްލަ ގޮތުންވެސް ތަނެއް ކުއްޔަށް ހިއްޕަވައިގެން ޝައިޚް މަޖީދު ގެންދަވަނީ ހުރިހާ ފުރައެއްގެ މީހުންނަށް ކިޔަވައި ދެއްވަމުންނެވެ. ސަރުކާރު ގަބޫލުކުރާ ޢާލިމުން އުފައްދަވަމުންނެވެ. ޤާރީން އުފައްދަވަމުންނެވެ. އަންހެނުންނާ ފިރިހެނުންނެވެ. ޝައިޚް މަޖީދުގެ މި ޚިދުމަތް ވަރަށްގާތުން ދެކޭމީހެއް ކަމުގައި އަޅުގަނޑު ވާތީވެ ދެންނެވޭނީ ދުވާލަކު ބާރަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކިޔަވައިދެއްވުމުގައި ހޭދަކުރައްވާ ކަމުގައެވެ.
އަޅުގަނޑު ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަރަބިކަރައިން ކިޔަވާ ވިދާޅުވެގެން މަޖީދުމާލެ ވަޑައިގެން އިމާމްވެ އިސްލާމީ މަރުކަޒުގައި ކުރެއްވި ފުރަތަމަ ހުކުރުދުވަހު ހުކުރުކޮށް ނިމިގެން މިސްކިތުން ފޭބި ހަމަ ކޮންމެ މީހަކުހެން ކުރާ ސުވާލަކީ މިއަދު ހުކުރުކުރީ ކާކުހެއްޔެވެ. އެހާ އަޑުމަޚްރަޖް ރީތިކޮށް ޤުރުއާން އެކިޔެވީ ކާކުހެއްޔެވެ. އެދުވަހުގެ އެސުވާލު މީހުންގެ ދުލުކުރީގައި އޮތީ މަޖީދު ކިޔަވާ ވިދާޅުވުން ރީތިވީމައެވެ. އާދަޔާ ޚިލާފަށެވެ.
ޝައިޚް މަޖީދުގެ ޢިލްމީޙަޔާތް ވޭތުކުރި ގޮތާއި ޚިދުމަތުގެ މައިދާނަށް ނުކުންނެވި ގޮތާއި މި ދާއިރާއިން ހޯއްދެވި ކާމިޔާބުގެ ފަހަތުން ދިމާވި ގޮންޖެހުންތަކަކީވެސް ފިލާވަޅެކެވެ. ޢިބްރަތުން ފުރިގެންވާ ދަރުސެކެވެ. ކިޔާލަން ރީތި ވާހަކައެކެވެ.
ތައުލީމީ ޙަޔާތް ފެށިގެން އައިގޮތަކީ؟
އަޅުގަނޑު އެންމެފުރަތަމަ ކިޔެވީ އޭދަފުށި ބަހިއްޔާ ސްކޫލުން. އެއަށްފަހު މާލެއަށް ބަދަލުވެ ހ.ވުޑްވިލާ އިން. ދެން ސަރުކާރުން ލިބުނު ފުރުޞަތެއްގައި މިސްރަށް ގޮސް އެތަނުގެ ޖާމިޢުލް އަޒްހަރުން. އެއީ 1982 އިން 1996 އަށް.
ދީނީ ތައުލީމަށް ޝައުޤުވެރިކަން އުފެދުނީ ؟
ދީނީ ތައުލީމަށް ޝައުޤުވެރިކަން އުފެދުނީ ރާއްޖޭގައި ޢިލްމުވެރިން މަދުވުމާ، ޢިލްމުވެރިންގެ އަގު ހުރުމާއެކު އިސްލާމް ދީން އުނގެނި އަދި އުނގަންނައިދިނުމުގެ ބޭނުމުގައި.
އަލްއަޒްހަރު ޔުނިވަރސިޓީއާ ބެހޭ ކުރު ތަޢާރަފެއް؟
އަލްއަޒްހަރު ޔުނިވަރސިޓީ އަކީ 1000 އަހަރަށް ވުރެ ގިނަ ދުވަސް ވީ ތަނެއް. ދުނިޔޭގެ އެތަންމިތަނުން އެތައްހާސް އިލްމުވެރިން މިއަދުވެސް އެތަނުން އެ ގެންދަނީ އުފައްދަމުން. މިއަދުގެ އަޒްހަރު ޔުނިވަރސިޓީ އަކީ ހުރިހާ ފެކަލްޓީއެއް އެކުލެވިގެންވާ ތަނެއް. މިސާލަކަށް، ނޫސްވެރިކަން، މެޑިސިން، އެގްރިކަލްޗަރ، ޖިއޯލޮޖީ (ބިމުގެ ތަޙްލީލުތަކާ ބެހޭޢިލްމު)، މައިކްރޯ ބަޔޮލޮޖީ، އާކިޓެކްޗަރ އާއި ސިވިލް އިންޖިނިއަރިންގ. މި ދެންނެވި ފެކަލްޓީ ތަކުން ކިޔަވައިގެން އައިސް ތިއްބެވި ޢިލްމުވެރިން ރާއްޖޭގައި މިހާރު މަދުނޫން އަދަދަކަށް އެބަތިއްބެވި. މީގެ އިތުރުން އެތަނަކީ ދުނިޔޭގެ އެތައް ބަހެއް ކިޔަވައިދެމުން ގެންދާ ތަނެއް.
ޢިލްމީ ގޮތުން ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ؟
އަޒްހަރުގައި ސާނަވީއަށް ކިޔަވަމުން ދިޔައިރު ނިޔަތްއޮތީ ޤުރުއާން ތަފްސީރުން ފަސްޓްޑިގްރީ ނިންމުން. އެކާމިޔާބު ލިބުނު. ދެން ޤުރުއާން ކިޔެވުމުގެ ޢިލްމާއި ޤާރީ ކޯސް .(އަލްޤާރީ މުޙައްމަދު ޔޫނުސް ގެ އަރިހުން މައުހަދުއް ދިރާސާތިލް އަސްލާމިއްޔާގައި ފުރިހަމަކުރި)
ކޮން މުދައްރިސެއް ވިދާޅުވި ކޮން ވާހަކަ ފުޅެއްތޯ ހަނދާނުގައި އަދިވެސް ހަރުލާފައިހުރީ؟
ބަހިއްޔާގައި ކިޔެވި ދުވަސްވަރު، އިސްލާމް މުދައްރިސް އަލްމަރްޙޫމް މޫސާ ޔޫސުފް ވިދާޅުވި ވާހަކަ. އޭރު ވިދާޅުވޭ އަޅުގަނޑު ގާތުގައިވެސް އަދި އެހެން މީހުންގެ ގާތުގައިވެސް ޢަބްދުލްމަޖީދަށް ވަރަށްމޮޅު ޤާރީ އަކަށް ވެވިދާނެއޭ. އެވާހަކަ ހަނދާންވޭ އަޅުގަނޑު މިސްރުގައި ކިޔެވި އިރު ހަމަ ކޮންމެ ޤުރުއާން ގަޑިއެއްގައިވެސް.
ދިރިއުޅުން މާނަކުރަނީ ކޮންގޮތަކަށްތޯ؟
އުޚްރަވީ ޙަޔާތް ނުގެއްލެނޭ ގޮތުގެމަތީން ދުނިޔެއިން ލިބެންވީބައި ހޯދުމަށް ގަދައަޅައި މަސައްކަތްކުރުން.
ދިރިއުޅުމުގައި އަބަދުވެސް ހަނދާންކުރަން ޖެހޭ ކަމަކީ؟
އެހެންމީހުންގެ މައްޗަށް ބަރޯސާ ނުވުން.
ބޮޑުމުސާރައާއި މަތީމަޤާމް ދޫކޮށްލައްވާފައި ރަށަށް ބަދަލުވީ ؟
ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ރަށަށް ފޯރުކޮށްދިނުން. ދެވަނަ ކަމަކީ މިކަހަލަ ހިތްގައިމު ވެއްޓެއް ދޫކޮށްލާފައި މާލޭގައި އުޅެން ބޭނުންވެސް ނުވަނީ.
އަދާކުރެއްވި ވަޒީފާތަކަކީ ؟
ރަށަށް ބަދަލުވުމުގެ ކުރިން އަމީނިއްޔާގެ މުދައްރިސްކަމާއި އިސްލާމިކް އެފެއަރސްގެ މުޝްރިފު މުސާޢިދު ކަމުގެ އިތުރުން އަޙްމަދިއްޔާ ސްކޫލްގައިވެސް އަޅުގަނޑު ކިޔަވައިދިނިން.
ރަށުގެ ރައްޔިތުން ރަނގަޅުކޮށްލަން ބޭނުންވާ ކަމަކީ؟
އެންމެންގެ މަސްލަޙަތަށްޓަކައި ހެދިފައިވާ ޤާނޫނާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތްތެވުން.
އެންމެ ކުރާހިތްނުވާ ކަމަކީ؟
މީހުންގެ ކިބައިން ބަދަލު ހިފުން. އަޅުގަނޑަށް ކިތަންމެ ބޮޑު ލަނޑެއް ދިނަސް އަގުވައްޓާލުމުގެ ގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަމަށް ރައްދު ދިނުމަކީ އެންމެ ކުރާހިތްނުވާކަންތައް.
މަޖީދު ތިޔަކުރައްވާ މަސައްކަތުންލިބޭ އެންމެބޮޑު ހިތްހަމަ ޖެހުމަކީ ؟
އެންމެބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑު ހިންގާ ޤުރުއާން ކްލާހުގައާއި ސްކޫލްގައި ކިޔަވައިދޭ ދަރިވަރުންގެ ނަތީޖާ ރަނގަޅުވުން. ހަމައެހެންމެ ޤުރުއާން ކްލާހުން ނިމިގެން ނުކުންނައިރު ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެދެމުން ދިއުން. އަދި ތައުލީމީ މަރުކަޒުގައި ކިޔަވައިދިން ދަރިވަރުން ޚިދުމަތްތެރި ދަރިންތަކެއްގެ ގޮތުގައި އެކިއެކި މުއައްސަސާތަކުން ފެންނަމުން ދިއުން.

ޝައިޚް މަޖީދު ގުރުއާން ކިޔެވުމުގެ މުބާރާތެއްގެ ވަނައަކަށް ދިޔަ ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ. / ފޮޓޯ: ފޭސްބުކް
ކޮބައިތޯ އެންމެ ދެކެން ބޭނުންވާ ދުވަހަކީ؟
ހުރިހާ އަސާސީ ޚިދުމަތެއް މާލެއެކޭ އެއްފަދައިން ތަފާތު ކުރުމެއްނެތި ރާއްޖޭގެ ރަށްތަކުންވެސް ލިބެން ހުންނަ ދުވަސް.
އެންމެ ބޮޑު ކާމިޔާބަކީ؟
އެންމެ ބޮޑު ކާމިޔާބަކީ އަޅުގަނޑާއި ހިތާދޫ އަލްޤާރީ މުޙައްމަދު ނަޞީރުއާ ދެމީހުން މިރަށުގައި ޤާރީ ކަމުގެ ތިންއަހަރު ދުވަހުގެއެޑްވާންސް ކޯސް އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާގެ މޭސްތިރިކަމުގެ ދަށުން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އާއި ގުޅިގެން ހިންގައި އެކޯހުން ފަންސަވީހަށްވުރެ ގިނަ ދަރިވަރުން ފާސްވުން. އަދި މިރަށުގައި އިމާމްވެ ހުކުރުކުރާނޭ މީހުން މަދުކަމުގެ އިޙްސާސް ކުރެވިގެން އަމިއްލައަށް އިސް ނަގައިގެން އިމާމްވެ ހުކުރުކުރާނެ ބަޔަކު އުފެއްދުން.
ދިރިއުޅުމުގައި އެންމެ ބޮޑަށް އެހީތެރިކަން ލިބެނީ ކޮން ފަރާތަކުންތޯ؟
އަޅުގަނޑުޑުގެ ލޮބުވެތި އަންހެނުން ޝަކީލާ. ބުނޭ ނޫންތޯ ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ. އަޅުގަނޑުގެ ދިރިއުޅުން ﷲގެ ހެޔޮ ރަޙްމަތާއެކު މިހާހިސާބަށް އާދެވުނީ ޝަކީލާގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ.






