ބަހިއްޔާ މައްސަލާގައި ކުރީގެ ރައީސް އަލީ ވަހީދު ކައުންސިލަށް ހޫނޫ ހަމަލަތަކެއް ފޮނުވާލައިފި

alifulhu-800x449-800x449.jpg

ބަހިއްޔާ ޕްރީ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވެ، ހޫނު ހަމަލާތަކެއް ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަހީދު ފޮނުވާލައްވައިފިއެވެ.

އީވީއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ ބަހިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް “އަޑި ނޭނގޭ” ކަންތައްގަނޑެއް ހިންގާކަމަށް ކައުންސިލުން މީޑިޔާއަށް ދެމުންދާ މައުލޫމާތުތަކުން ހާމަވާ ކަމަށާ، މިއީ ރައްޔިތުން ކަންބޮޑުވާކަމެއްކަމަށެވެ.

“ފުރަތަމަ މިއިވެނީ އިޤްރާ އިންޓަނޭޝަނަލް ސްކޫލް ހިންގާނީ އައިލެންޑާސް މޯލްޑިވްސް އާއި ކައުންސިލް ގުޅިގެން ކަމަށް. ފަހުން މިބުނަނީ ކައުންސިލުންނޭ ހިންގާނީ. ހަމައެކަނި ކަރިކިއުލަމޭ ގަތީ. އެހެންވީމާ އޮޅުވާލުމެއް އެބައުޅޭހެން ހީވަނީ” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކަރިކިއުލަމެއް ގަނެގެން ވިޔަސް މަހަކު ބޮޑު އަގެއް އިގްރާ އިންޓަނޭޝަނަލް އަށް ދެއްކުމަކީވެސް ވަރަށް ބޮޑު މައްސަލައެއްކަމަށާ، އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންހިނގާފައިވާ އުސޫލެއް ނޫންކަމަށެވެ. އަދި އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވާއިރު ޓީޗަރުންގެ ފެންވަރު އެހިސާބަށް ނުދާކަމަށާ، ރައްޔިތުންގެ މާލިއްޔަތަށް ބޮޑު ބުރައެއް ޖެހިދާނެކަމުގެ އިންޒާރު ލިބެމުންދާކަމަށެވެ.

“ކޮންމެ މަހަކު ކަރިކިއުލަމް އަށް 9000ރ ދައްކަންޖެހެއޭ މިބުނަނީ. އެއީ ގޯހެއް. ކަރިކިއުލަމް އެއްކޮށް ގަންނަން ވީއެއް ނޫންތޯ. އިންޓަނޭޝަނަލް ވާއިރު ފެންވަރު މަތިވާންޖެހޭ. އެކަމަކު މިތަނުގައި ހަމަ އާދައިގެ ޓްރެއިނިންގް އަކާއެކު މިރަށުގެ ތިބި ކުދިންކޮޅެއް ޓީޗަރުންނަށް މިއުޅެނީ. ރައްޔިތުންގެ މާލިއްޔާއިން 20000ރ މަހަކު ހަރަދުކޮށްގެން މިކަހަލަ ކަންކަން ކުރަން ހެޔޮނުވާނެ.” 2011 ވަނަ އަހަރުން ފެށިގެން 2015ގެ ފަހުކޮޅާ ހަމައަށް އޭދަފުށީ ކައުންސިލްގެ ރައީސް ކަން ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.

ބަހިއްޔާ ޕްރީ ސްކޫލް. / އީވީ ފައިލް ފޮޓޯ

އަލީ ވަހީދު ވިދާޅުވީ މިފަދަ ގޮތަކަށް ކަންކަން ހިނގަމުންދާނަމަ އޭދަފުށީ ކައުންސިލަކީ ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތްކަމަށާ، އެކަމާ މެދު އާންމު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.

“ކައުންސިލަށް މީހުން ހޮވާއިރުވެސް ރައްޔިތުން ވަރަށް ވިސްނަންޖެހޭނެ މިކަންކަން މިގޮތަށް ވަންޏާ.”

ކުރީގެ ރައީސް ވިދާޅުވީ އޭދަފުށީގައި “ބޮޑު އަގުދީގެން” ނާސަރީ ތައުލީމް އިންޓަނޭޝަނަލް ކުރަންނުޖެހޭ ކަމަށާ، ވޭތުވެދިޔަ 30 އަހަރަށް ބެލިކަމުގައި ވިޔަސް އޭދަފުށީގެ ތައުލީމްގެ ފެންވަރު ދަށްނުވާކަން އެންމެންނަށްވެސް އެނގޭކަމަށެވެ.

“ވަރަށް ބޮޑަށް ދިރާސާކޮށްގެން މިކަހަލަ ކަންކަން ކުރަންޖެހޭނީވެސް. ހަމަ ހުރެެލާފަ ނުކުރެވޭނެ މިކަންކަމެއް. މިހެން ނިންމާއިރު ބަލަންޖެހޭނެ ދެއްތޯ 500ރ ދައްކައިގެން ކޮންމެ ބެލެނިވެރިއަކަށް އެކަން ކުރަން ފަސޭހަތޯވެސް”

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top