ބޮޑު މިސްކިތުގައި މިއަހަރު ތަރާވީހް ނަމާދު ކުރާނީ 11 އަހަރުގެ މުސްތަފާ؟!

146159_3_fa86bf0906ed005e4578f433dda9b2768d42eb29_medium.jpeg

މުސްތަފާ. މިއަހަރު އޭދަފުށީ ބޮޑު މިސްކިތުގައި ތަރާވީހް ކުރާނީ މުސްތަފާ / ފޮޓޯ: މިހާރު

އަންނަ ރަމަޟާންމަހު އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުޢީނުއްދީންގައި ތަރާވީހް ނަމާދުކުރުމަށް ގުރުއާން ހިތުދަސްކޮށްފައިވާ 11 އަހަރުގެ އޭދަފުށީ ކުއްޖަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަދެއްވައިފިއެވެ.

ތަރާވީހް ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ މިވަގުތު އިންޑިޔާގައި ކިޔަވަމުންދާ، ބ. އޭދަފުށީ ޖަންބުމާގެއާގެ މުހައްމަދު މުސްތަފާއަށެވެ. ކުރިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލްކުރި އަދި 2015 ވަނަ އަހަރު އިންޑިޔާއަށް ބަދަލުވި މުސްތަފާ ގުރުއާން ހިތުދަސްކުރީ އިންޑިއާއަށް ބވަދަލުވީފަހުން އަހަރެއްހާ ދުވަސްތެރޭގައިކަމަށް އޭނާގެ ބައްޕަ އޭދަފުށީ ޖަންބުމާގެއާގެ މުހައްމަދު ނަޝީދު ބުނެއެވެ.

މުހައްމަދު ނަޝީދު “މިހާރު” ނޫހަށް މައުލޫމާތު ދެމުން ބުނީ މުސްތަފާއަކީ ކީރިތި ޤުރުއާނަށް ހާއްސަ ސަމާލުކަމެއް ދެމުން އައި ކުއްޖެއްކަމަށާ، އޭނާގެ ކިޔެވުން އިންޑިޔާއަށް ބަދަލުކުރީވެސް ޤުރުއާން ހިތުދަސްކޮށް އިތުރަށް ކިޔަވަން ބޭނުންވާތީކަމަށެވެ.

“ރަށު ސްކޫލުގައި ގްރޭޑް ތިނަކާ ހަމައަށް ކިޔެވީ. ދެން އޭނާ އަމިއްލައަށް މިބުނީ އިންޑިޔާއަށް ގެންދާށޭ، މިކޮޅުގައި ހުރެގެން ގުރުއާން ހިތުދަސްކުރަން އެހާ ފަސޭހައެއް ނޫނޭ” ނަޝީދު ބުންޏެވެ.

ނަޝީދު ބުނީ އޭނާގެ ދަރިފުޅުގެ ކިބައިން ޤުރުއާންގެ ރޮނގުން ކުރިޔަށް ދިއުމުގެ ޝައުގުވެރިކަމުގެ އިތުރުން، ކުދިންނަށް ޤުރުއާން އުނގަންނައިދިނުމުގެ ޝައުގުވެރިކަންވެސް ވަރަށް ބޮޑުވެފައިވާކަމަށެވެ.

“އެހެން ދަރިވަރުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި އެ ދަރިވަރުންނަށް މިހާރު ވެސް މުސްތަފާ ކިޔަވައިދޭ،”

އޭދަފުށީ މަސްޖިދު މުހައްމަދު މުޢީނުއްދީން މިސްކިތުގައި މިއަހަރު މުސްތަފާ ތަރާވީހް ނަމާދު ކޮށްފިނަމަ އެއީ އޭދަފުށީގައި މިހާތަނަށް މިހާ އުމުރުން ހަގު ކުއްޖަކު ކުރާ ފުރަތަމަ ތަރާވީހް ނަމާދަށް ވާނެއެވެ.

މިދިޔަ ހައެއްކަ އަހަރު އޭދަފުށީގައި ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެންނަ އޭދަފުށީ ކާށިދޫގޭ މޫސާ މުހައްމަދު ބުނީ މިއަހަރުވެސް އޭނާ 2 ހާފިޒަކު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާ، މުސްތަފާ ތަރާވީހް ކުރަން ހަމަޖެއްސިކަން ރަސްމީކޮށް އަދި އެނގިފައި ނުވާކަމަށެވެ.

“އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނޯންނާނެ، ކައުންސިލުން ބުނާ ގޮތަކަށް އެކަން ކުރިޔަށް ދާނީ. އަޅުގަނޑުވެސް އަޑުއެހިން 11 އަހަރުގެ ކުއްޖަކަށް ބޮޑު މިސްކިތުގެ ތަރާވީސް ނަމާދު ކުރަން ހަވާލުކުރި ވާހަކަ. އެހެންނަމަވެސް އަޅުގަނޑު ގެންނަން ހަމަޖެއްސި 2 މީހުން ގެނައުން އަޅުގަނޑު ކުރިޔަށް އެބަގެންދަން. އެއީ ކޮންމެ އަހަރަކުވެސް އެކަން ކުރަމުންދާތީ” މޫސާ މުހައްމަދު ބުންޏެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެހެން އަހަރުތެކެކޭވެސް އެއްގޮތަށް އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންއާއި، މަސްޖިދު ޔޫސުފްގައި މިއަހަރުވެސް ތަރާވީހް ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top